Roadha Mihaaru
ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރަކަށް އާދަމް ނަސީރު

ދިވެހިބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީއެއް އުފައްދައި، މިނިސްޓަރަކަށް އާދަމް ނަސީރު ހަމަޖައްސަނީ

12 ނޮވެމްބަރ 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީއެއް އުފައްދައި، އެ އިދާރާގެ މިނިސްޓަރަކަށް އާދަމް ނަސީރު އިބްރާހިމް ހަމަޖައްސަން ނިންމާފައިވާ ކަން އެނގިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ މިނިސްޓްރީއެއް އުފައްދައި، އެ އިދާރާގެ މިނިސްޓަރަކަށް އާދަމް ނަސީރު އިބްރާހިމް ހަމަޖައްސަން ނިންމާފައިވާ ކަން އެނގިއްޖެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އަންނަ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުއިއްޒުގެ ސަރުކާރުގައި ގައުމިއްޔަތު ދިރުވާ އަލާކުރުމުގެ ގައުމީ ބޮޑު މަސައްކަތްތަކެއް ފެށުމުގެ ގޮތުން ދިވެހި ބަހާއި ތާރީހާއި ސަގާފަތާ ބެހޭ ހާއްސަ މިނިސްޓްރީއެއް އުފައްދާނެ އެވެ. އެ އިދާރާގެ މިނިސްޓަރަކަށް ހަމަޖައްސަނީ އާދަމް ނަސީރެވެ. އެކަމަކު، މިކަން އާދަމް ނަސީރު ވެސް، އަދި އާ ސަރުކާރުގެ ފަރާތުން ކަށަވަރެއް ނުކޮށްދެ އެވެ.

އާދަމް ނަސީރަކީ ވަރަށް މަޝްހޫރު ޅެންވެރިއެކެވެ. އަދި އޭނާ އަކީ ކުޅަދާނަ ވާހަކަދެއްކުންތެރިއެއް ވެސް މެ އެވެ. ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ވަރަށް ގިނަ ހަރަކާތްތަކުގައި އޭނާ އުޅުއްވަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި މުއިއްޒު ވަނީ ރާއްޖޭގައި މިހާރު ކަންކަން އިންތިޒާމުކޮށްފައި ހުރި ގޮތުން ދިވެހި ބަހާއި އިސްލާމް މާއްދާ ރާއްޖެއިން ގެއްލިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން އެކި ފަހަރު މަތިން ފާޅުކުރައްވައިފަ އެވެ. ސިޔާސީ ޕާޓީތަކުގެ ވިސްނުމުން ބޭރުވެ، ގައުމީ ވިސްނުމެއްގައި ހުރިހާ ރައްޔިތުންގެ ވިސްނުން އެއްގޮތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

އެމަނިކުފާނު ވެރިކަމުގައި ދިވެހި ބަހަށް އިސްކަންދެއްވައި، ގައުމުގެ ދެކެ ލޯބިވާ ޖީލެއް އުފައްދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މުއިއްޒު އިއްޔެ ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ސަރުކާރުގައި 22 މިނިސްޓްރީއެއް ހުންނާނެ އެވެ. އަދި އޭގެ ތެރޭގައި އަލަށް އުފައްދާ 2-3 މިނިސްޓްރީއެއް ވެސް ހުންނާނެ އެވެ.

ކެމްޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް، ކެބިނެޓާއި ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށާއި ސަރުކާރުގެ އިސް އެހެން މަގާމުތަކުގައި ވެސް ތިއްބަވާނީ އެމީހެއްގެ މައްޗަށް އެމަނިކުފާނަށް ފަހު ބަސް ބުނެވޭ އަދި އެހެން މީހެއްގެ ހުއްދަ ހޯދަން ނުޖެހޭ ފެންވަރުގެ ގާބިލު ބޭފުޅުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ޓީމު ވާނީ ރައްޔިތުން ފަހުރުވެރިވާ ފަދަ ނަތީޖާ ނެރެދެވޭ، ތައުލީމީ އަދި ގާބިލު ޓީމަކަށެވެ.

މުއިއްޒު ވިދާޅުވީ މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ކެބިނެޓް މިނިސްޓަރުންގެ ލިސްޓުގެ 90 ޕަސެންޓް ރަނގަޅު ކަމަށެވެ. ނަމަވެސް އަދިވެސް ކުދިކުދި ބަދަލުތައް އަންނާނެ ކަމަށް އިއްޔެ ވިދާޅުވި އެވެ.

އާންމުންވެފައިވާ ލިސްޓުގައި ހިމެނޭ ބޭފުޅުންނަކީ؛

• ހޯމް މިނިސްޓަރު - އަލީ އިހުސާން

• އިސްލާމިކް މިނިސްޓަރު - ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

• އެޑިއުކޭޝަން މިނިސްޓަރު - ޑރ. އިސްމާއިލް ޝަފީއު

• ހެލްތު މިނިސްޓަރު - ޑރ. އަބްދުﷲ ހަލީލް

• ސްޕޯޓްސް މިނިސްޓަރު - ޑރ. އަބްދުﷲ ރާފިއު

• އިންފްރާސްޓްރަކްޗާ މިނިސްޓަރު - ޑރ. އަބްދުﷲ މުއްތަލިބް

• ފިނޭންސް މިނިސްޓަރު - ޑރ. މުހައްމަދު ޝަފީގް

• ޓޫރިޒަމް މިނިސްޓަރު - އިބްރާހިމް ފައިސަލް

• ޔޫތު މިނިސްޓަރު - އިބްރާހިމް ވަހީދު (އަސްވާޑު)

• އެގްރިކަލްޗާ މިނިސްޓަރު - ޑރ. އައިޝަތު ރަމީލާ

• ޓްރާންސްޕޯޓް މިނިސްޓަރު - މުހައްމަދު އަމީން (ކެޕްޓަން އަމީން)

• ޖެންޑާ މިނިސްޓަރު - ޑރ. އައިޝަތު ޝިހާމް

• ހައުސިން މިނިސްޓަރު - ޑރ. އަލީ ހައިދަރު

• ޑިފެންސް މިނިސްޓަރު - ގައްސާން މައުމޫން

• ލޯކަލް ގަވަނަންސް މިނިސްޓަރު - އާދަމް ޝަރީފް

• ބަންޑާރަ ނައިބު - އަހްމަދު އުޝާމް

• ތިމާވެއްޓާ ބެހޭ މިނިސްޓަރު - ތޯރިގު އިބްރާހިމް

• ފިޝަރީޒް މިނިސްޓަރު - އަހްމަދު ޝިޔާމް

• ފޮރިން މިނިސްޓަރު - މޫސާ ޒަމީރު

• ހަޔަ އެޑިއުކޭޝަން މިނިސްޓަރު - ޑރ. މަރިޔަމް މާރިޔާ