Roadha Mihaaru
ފެލިދޫ ކައުންސިލްގެ ނިންމުން ބާތިލްކޮށްފި

ފައިސާއާ ހެދި ހިދުމަތް ނުދޭ ގޮތަށް ފެލިދޫ ކައުންސިލުން ނިންމި ނިންމުން ބާތިލްކޮށްފި

09 ނޮވެމްބަރ 2023

ދައްކަންޖެހޭ ފައިސާއާ ހެދި ހިދުމަތް ނުދޭ ގޮތަށް ވ. ފެލިދޫ ކައުންސިލުން ކުރި އިއުލާން މިއަދު ބާތިލްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދައްކަންޖެހޭ ފައިސާއާ ހެދި ހިދުމަތް ނުދޭ ގޮތަށް ވ. ފެލިދޫ ކައުންސިލުން ކުރި އިއުލާން މިއަދު ބާތިލްކޮށްފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެ މީހުންގެ އަނބިންނާއި ފިރިން އަދި ދަރިންނަށް ހިދުމަތް ނުދޭ ގޮތަށް މިދިޔަ ބުދަ ދުވަހު ނިންމި ނިންމުން މުރާޖައާކޮށް އެބައި އުނިކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، ފައިސާ ދެއްކުމަށް ދިން ފަސް ދުވަހުގެ މުއްދަތު ވެސް ތިން މަސް ދުވަހަށް ވަނީ ދަންމާލައިފަ އެވެ. މީހުންގެ ނަން އިއުލާންކުރާނީ އޭގެ ފަހުން ކަމަށް ކައުންސިލުން ބުންޏެވެ.

ފެލިދޫ ކައުންސިލްގެ ފުރަތަމަ އިއުލާނުގައި ބުނީ ފައިސާ ދައްކަންޖެހޭ މީހުންގެ އަތުން އެ ފައިސާ ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބުނު ކަމަށް ބުންޏެވެ. އެ ފައިސާއަކީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ބިންތައް ކުއްޔަށް ނެގުމަށް ފަހު ދައްކަންޖެހޭ ކުއްޔާއި ހިދުމަތްތައް ހޯދުމަށްފަހު ދައްކަންޖެހޭ ފައިސާ އެވެ.

ފައިސާ ނުދައްކާތީ ކަމަށް ބުނެ، ކައުންސިލުން ހިދުމަތް ނުދޭ ގޮތަށް ނިންމުމާ ގުޅިގެން އެޗްއާރުސީއެމުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ ވަކި ބަޔަކަށް ހިދުމަތް ނުދޭ ގޮތަށް ކައުންސިލަށް ނުނިންމޭނެ ކަމަށެވެ. އެހެންވެ، އެ ނިންމުން ބާތިލްކުރަން ވަނީ އަންގައިފަ އެވެ.