ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދީނީ ޖަމިއްޔާ އިން އިސްނަގައިގެން މި އަހަރު ނެރެން ކަނޑައެޅި ފަހު ފޮތް ރޭ ނެރެފި އެވެ.
ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދީނީ ޖަމިއްޔާ އިން އިސްނަގައިގެން މި އަހަރު ނެރެން ކަނޑައެޅި ފަހު ފޮތް ރޭ ނެރެފި އެވެ.
އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ "އިސްލާމީ ނަޒަރިއްޔާތު" ފޮތް ނެރެދެއްވީ އެވިޑް ކޮލެޖުގެ ޗެއާމަން މުހައްމަދު މުޝްތާގެވެ.
ރޭ ބޭއްވި ކުޑަ ހަފުލާއެއްގައި އައިއޯސީސީގެ ރައީސް ޝަހީމް ވިދާޅުވީ، އޭނާ ލިޔުއްވި އިސްލާމީ ނަޒަރިއްޔާތު ފޮތުގައި ވަރަށް ގިނަ ވާހަކަތައް ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ގައުމު ބިނާކުރުމާއި ދައުލަތް ހިންގުމާއި ވެރިކަން ހިންގުމުގެ އިދާރީ ނިޒާމާއި ޓޫރިސްޓުންނަށް ރައްކާތެރިކަން ދިނުމާއި އިސްލާމްދީނުގައި އަންހެނުންގެ މަގާމާއި ދީނީ ފަތުވާ ދިނުމުގެ ނިޒާމާއި އެ ނިޒާމު ހަރުދަނާ ކުރުން އަދި ޖިހާދު ކުރުމުގެ ފަލްސަފާ ފަދަ ބައިތައް ހިމެނެ އެވެ.
މީގެ އިތުރުން ވެސް އިސްލާމީ ސިޔާސީ ހަރަކާތްތަކާއި ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރުމާއި ހިޔާލުފާޅުކުރުން ފަދަ ކަންކަން ވެސް ފޮތުގައި ޝަހީމް ވަނީ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރެއިން މިސާލު ނަންގަވައިގެން ބަޔާން ކޮށްދެއްވައިފަ އެވެ. އެ ކަންކަމާ ގުޅޭ ގޮތުން ކީރިތި ރަސޫލާ އަމަލުފުޅު ކުރެއްވި ގޮތާއި އެކަލޭގެފާނުގެ ހަދީސްފުޅުތަކުން ޝަހީމް ހެކި ދައްކަވާފައިވެ އެވެ.
އިސްލާމީ ނަޒަރިއްޔާތު ފޮތް ނެރެދެއްވުމަށް ފަހު، އެވިޑް ކޮލެޖުގެ ޗެއާމަން މުޝްތާގްގެ ފޮތުގައި ޝަހީމް ސޮއިކުރައްވާއިރު އަރިހުގައި މުޝްތާގް މަޑުކޮށްލައްވައިގެން.---ފޮޓޯ: ނިޝާން އަލީ| މިހާރު
ރޭގެ ހަފުލާގައި ޝަހީމް ވިދާޅުވީ، "އިސްލާމީ ނަޒަރިއްޔާތު" ފޮތުގެ ބޭނުމަކީ އިސްލާމީ ނަޒަރަކުން އޭނާގެ ފިކުރު އެކި ކަންކަމާ ގުޅޭ ގޮތުން ބަޔާން ކޮށްދެއްވުން ކަމަށެވެ.
"އިސްލާމްދީނާ ގުޅޭ ގޮތުން އެކި ކަންކަމަށް ދޭ ރައްދު. މިސާލަކަށް އިސްލާމްދީނުގައި އަންހެނުންގެ މަގާމު. ހަމަ އެ ގޮތަށް އެހެން ދީންތަކާއި އިސްލާމްދީނާ އޮންނަ ގުޅުން. ހަރުކަށި ފިކުރުތަކާއި މި ކަންކަމާ ގުޅޭ ގޮތުން އިސްލާމީ ނަޒަރިއްޔާތު. މިފަދަ ކިތަންމެ މައުލޫއެއް ހުންނާނެ،" ޝަހީމް ވިދާޅުވި އެވެ.
މި ނޫނަސް އެތައް ފޮތެއް އޭނާ ތައްޔާރު ކުރައްވައި އާންމު ކުރައްވާފައިވާ ކަމަށެވެ. އަދިވެސް އިތުރު ފޮތްތައް ލިޔުއްވަން އެބަހުރި ކަމަށް ވިދާޅުވި އެވެ.
ޝަހީމްގެ އިސްލާމީ ނަޒަރިއްޔާތު ފޮތް ނެރުމަށް ރޭ ބޭއްވި ހަފުލާ އަށް ވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
ޝަހީމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ލައިބްރަރީތަކަށް އޭނާ އެ ފޮތްތަކަށް ދޫކުރައްވަނީ ހިލޭ ކަމަށެވެ.
"މިއިން އެއްޗެއް ވިއްކައިގެން ލިބޭ އެއްވެސް އެއްޗެއް އަޅުގަނޑު ބޭނުމެއް ނޫން. އިސްލާމީ ތައުލީމަށް ވަގުފު ކޮށްދީފައި ހުންނާނީ މި ފޮތްތައް ވެސް،" އޭނާ ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ، އައިއޯސީސީގެ ބޭނުމަކީ މީހުން ބިނާކުރުން ކަމަށާއި މިހާރު ވެސް އެ ޖަމާއަތުގެ އެހީގައި 11 ދަރިވަރަކު ޕީއެޗްޑީ އަށް ކިޔަވަމުން އަންނަ ކަމަށެވެ. އެއީ އަމިއްލަ ޖަމިއްޔާއަކުން ކޮށްދެވޭނެ ވަރަށް ބޮޑު މަސައްކަތެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އިސްލާމިކް އެފެއާޒް މިނިސްޓަރުގެ ޑެޕިއުޓީ މިނިސްޓަރު ޝައިހް އަނީލް އަށް އިސްލާމީ ނަޒަރިއްޔާތު ފޮތް ޝަހީމް ހަދިޔާ ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"ދެން އަޅުގަނޑުމެން ބެލީ ބައިނަލްއަގްވާމީ ގޮތުން އެކިއެކި އިސްލާމީ ޖަމިއްޔާތަކާއި ޔުނިވާސިޓީތަކާ ގުޅިގެން މަސައްކަތް ކުރުމަށް. އަޅުގަނޑުމެންނަށް އެ ބޭފުޅުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ދިޔަ. އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރަލް އެންޑް ސިވިލައިޒޭޝަންގެ ފިކުރީ ކުޑައިގެ ދަށުގައި ވަރަށް ގިނަ މުއައްސަސާތައް އެބަ މަސައްކަތް ކުރޭ. ވަރަށް ގިނަ ދަރިވަރުން މި ތަނުގައި ކީރިތި ގުރުއާން ހިތުދަސް ކުރަމުން އެބަދޭ. އަރަބި ބަސް ކިޔަވަމުން އެބަދޭ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް މިހާތަނަށް ނެރުއްވި ބައެއް ފޮތްތައް ރޭގެ ހަފުލާގައި ދައްކާލަން އަތުރާފައި.---ފޮޓޯ: ނިޝާން އަލީ| މިހާރު
އޭނާ ވިދާޅުވީ، ކުދިކުދި ކަންކަން ކޮށްގެން ރަނގަޅު މިސްރާބަކަށް އައިއޯސީސީ އަށް ދަތުރު ކުރެވޭ ކަމަށާއި އަމާޒަކީ މީހުން ބިނާކުރުން ކަމަށެވެ.
ޝަހީމް ނިންމަވާފައި ވަނީ މި މަހުގެ 17 ގައި އުފައްދާ އާ ސަރުކާރުގެ އިސް މަގާމަކަށް ވަޑައިގަންނަވާތީ އައިއޯސީސީގެ ރައީސްކަމުން މި ވަގުތަށް އިސްތިއުފާ ދެއްވާށެވެ. އެކަން ވެސް ރޭގެ ހަފުލާގައި އޭނާ އިއުލާން ކުރެއްވި އެވެ.
ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް މާލީ އެހީ
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 14
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 13
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 12
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 11
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 10
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 9
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 8
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 7
ނަބީކަލޭގެފާނުގެ ހަޔާތްޕުޅުން 6