Roadha Mihaaru
ފުރަތަމަ ޖޫނިއާ ލީގު ޗެމްޕިއަންކަން ކައިޕުޓީ އަށް

ފުރަތަމަ ޖޫނިއާ ލީގު ޗެމްޕިއަންކަން ކައިޕުޓީ އަށް

03 ނޮވެމްބަރ 2023

ރަންނަމާރި ޗެލެންޖް 1445 ގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަމާ އެކު، ފުރަތަމަ ޖޫނިއާ ގައުމީ ސާފިން ލީގުގެ ޗެމްޕިއަންކަން ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރަންނަމާރި ޗެލެންޖް 1445 ގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަމާ އެކު، ފުރަތަމަ ޖޫނިއާ ގައުމީ ސާފިން ލީގުގެ ޗެމްޕިއަންކަން ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) ހޯދައިފި އެވެ.

ރަންނަމާރި ޗެލެންޖްގެ އިތުރުން ކަޔާން ވަނީ ކ. ހިންމަފުށީގައި ބޭއްވި، ލީގުގެ ގާމާދޫކޮޅު އިވެންޓުގެ ޖޫނިއާ ބައިން ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި ގައްދޫ ކަޅެގަލެކޮޑާ އާއި މުލީގައި އޮތް މުލީކޮޅު ރާޅުގަނޑު އަދި ތުލުސްދޫގައި ބޭއްވި ރަންދާ ރާޅުގަނޑު މުބާރާތުގެ ސެމީ ފައިނަލްގައި ކަޔާން ވާދަކޮށްފައި ވެއެވެ.

ކަޔާން ވަނީ މިއަދު ކުރިއަށް ގެންދިޔަ ރަންނަމާރި ޗެލެންޖްގެ ޖޫނިއާ ބައިގެ ފައިނަލް ހީޓުގައި މުހައްމަދު އިނާން އަބްދުލް ހަންނާނާ ވާދަކޮށް 12.25 ޕޮއިންޓް ހޯދައިފަ އެވެ. ފުރަތަމަ ރާޅަށް 6.75 ޕޮއިންޓް ހޯދިއިރު ހަތަރުވަނަ ރާޅަށް 5.50 ޕޮއިންޓް ހޯދި އެވެ.

އިނާން އަށް ޖުމްލަ އެއްކުރެވުނީ 7.75 ޕޮއިންޓެވެ. އެއީ ހަތަރުވަނަ ރާޅަށް 3.50 ޕޮއިންޓަކާއި ފަސްވަނަ ރާޅަށް 4.25 ޕޮއިންޓް ހޯދައިގެންނެވެ.

"ވަރަށް އުފާވެއްޖެ، ބައްޕައާ މަންމައާ ކާފައާ އިބޫބެ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، އެމީހުންނާ ނުލާ މިކަމެއް ނުވާނެ،" ފައިނަލް ހީޓަށް ފަހު ކަޔާން ބުންޏެވެ.

ޖޫނިއާ ކެޓެގަރީގެ ސެމީ ފައިނަލްގައި ވާދަކުރި ސައްޔިދު ސަލާހުއްދީނާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ އަށް ވަނީ ތިންވަނަ ލިބިފަ އެވެ.

ކަޔާން ވަނީ ސެމީ ފައިނަލް ހީޓުގައި ޖުމްލަ 14 ޕޮއިންޓް ހޯދައިގެން ސައްޔިދު ފަހަތަށް ޖައްސާލައިފަ އެވެ. މި ހީޓުގައި ސައްޔިދަށް ލިބުނީ 10.85 ޕޮއިންޓެވެ.

ކުއާޓާ ފައިނަލްގެ ހީޓުގައި ކަޔާން ވާދަކުރީ ކަޔާން ޒަކީގެ އިތުރުން، ލީގު ހޯދުމާ އޭނާއާ އެންމެ ގާތުން ވާދަކުރި ޔަސީން އަހުމަދު ނާޝިދާ އެވެ. މި ހީޓުގައި ކަޔާން އަށްވުރެ 0.7 ޕޮއިންޓް އިތުރަށް ހޯދައިގެން ހީޓުގެ އެއްވަނަ ހޯދައިފައި ވަނީ ކަޔާން ޒަކީ އެވެ. ކަޔާން ވަނީ ތިންވަނަ ބުރުގެ ހީޓުގައި މުހައްމަދު ޒަޔާން (ޗޮއްޕު) ފަހަތަށް ޖައްސާލައިފަ އެވެ.

އިނާން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ހީޓުގައި 13.20 ޕޮއިންޓް ހޯދައި، 0.7 ޕޮއިންތްގެ ތަފާތަކުން ކަޔާން ޒަކީ ފަހަތަށް ޖައްސާލައިފަ އެވެ. ކުއާޓާ ފައިނަލްގެ ހީޓުގައި ސައްޔިދާ ވާދަކޮށް އިނާން އަށް ލިބުނީ ދެވަނަ އެވެ. ނަމަވެސް ކަޔާން ޒަކީ އާއި ނޫހް މުހައްމަދު ދުނެއިމް އިރުޝާދާ ވާދަކޮށް ތިންވަނަ ބުރުގެ ހީޓު ކާމިޔާބު ކުރީ އިނާން އެވެ.

ތިންވަނަ ބުރުގައި ތިން ހީޓު ކުރިއަށް ގެންދިޔައިރު، ފަހު ހީޓުގައި އެއްވަނަ ހޯދީ ސައްޔިދެވެ. އަދި އަހުމަދު ނިހާލް ފަހަތަށް ޖައްސާލައި ދެވަނަ ހޯދީ ޔަސީން އެވެ.

ޖޫނިއާ ލީގު ޗެމްޕިއަންކަން ކަޔާން ހޯދީ ޖުމްލަ 2730 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ލިބުނު ޔަސީން އަހުމަދު ނާޝިދާއި ޔޫސުފް ކަޔާން ހަމްދާން ޒަކީ އަށް ވަނީ 2450 ޕޮއިންޓް ލިބިފަ އެވެ. ސައްޔިދު ސަލާހުއްދީނާއި ޝާނިފް ޝަފީގަށް 2340 ޕޮއިންޓް ލިބިފައި ވާއިރު މުހައްމަދު އިނާން އަބްދުލް ހަންނާން ވަނީ 2320 ޕޮއިންޓް ހޯދައިފަ އެވެ.