Roadha Mihaaru
ހިޔާ ފްލެޓް ކުލި ހަމަޖައްސަން ބަޖެޓުން 177 މިލިއަން

ހިޔާ ފްލެޓްގެ ކުލިން ކުޑަކުރި ބައި ހަމަޖައްސަން ބަޖެޓުން 177 މިލިއަން

01 ނޮވެމްބަރ 2023

ހިޔާ ފްލެޓްގެ ކުލި ކުޑަ ކުރުމުން، އެ ހަރަދު ހަމަޖައްސަން އަންނަ އަހަރުގެ ބަޖެޓުގައި 177 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ހިޔާ ފްލެޓްގެ ކުލި ކުޑަ ކުރުމުން، އެ ހަރަދު ހަމަޖައްސަން އަންނަ އަހަރުގެ ބަޖެޓުގައި 177 މިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ބަޖެޓް ރިޕޯޓުގައިވާ ގޮތުން، އެއަދަދު އާބަންކޯއަށް ދެނީ، ހައުސިން ސަބްސިޑީގެ ގޮތުގައި ކަމަށެވެ. އަދި މި ސަބްސިޑީއަކީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމުން ކުރިމަތިވާ ދަތިތަކަށް އާބަންކޯގެ ކޭޝްފްލޯ މެނޭޖްކުރަން ދޭ އަދަދެކެވެ. އަދި މެދުރާސްތާގައި ކުންފުނީގެ އާމްދަނީ ރަނގަޅުވެ، ކޭޝްފްލޯއަށް ދަތިނުވާނެ ކަމަށް ބެލެވޭތީ މި ސަބްސިޑީ ހަމައެކަނި ދޭނީ އަންނަ އަހަރު އެކަނި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

މިދިޔަ މެއި މަހު ސަރުކާރުން ވަނީ ހިޔާ ފްލެޓްތަކުގެ ކުލި 6،300ރ. އަށް ކުޑަކޮށްފަ އެވެ. ކުރިން ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި 8،500ރ. ދައްކަން ޖެހެ އެވެ. މި ބަދަލާ އެކު ހިޔާ ފްލެޓް މުޅި ލޯނުގެ މުއްދަތު 25 އަހަރުން 27 އަހަރަށް ވަނީ އިތުރުކޮށްފަ އެވެ. އެކަމަކު އާބަންކޯ އިން ބުނީ އިތުރުވާ ދެ އަހަރު ލޯނަށް އިތުރު އިންޓްރެސްޓެއް ނުނަގާނެ ކަމަށެވެ.

ހިޔާ ފްލެޓަށް މަހަކު ދައްކަން ޖެހޭ އަދަދު ކުޑަކޮށްދޭން ސަރުކާރުން ނިންމީ އެތަނުގެ ފިނިޝިން ނިންމަން އެ ތަންތަނުގެ ވެރިން ބޮޑު ހަރަދެއް ކޮށްފައި ވާތީ، އެ މީހުންނަށް ކުރިމަތިވެފައިވާ މާލީ ދަތި ކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ.

ހިޔާ ފްލެޓްގެ އަގު މިއަހަރު ކުޑަ ކުރި އިރު، މީގެ ކުރިން ސަރުކާރުން ބުނަމުން ދިޔައީ، ކުލި ކުޑަކޮށްގެން ހަރަދުތައް ހަމަޖައްސަން އުނދަގޫވާނެ ކަމަށެވެ. ހިޔާ ފްލެޓްތަކުގެ ކުލިތައް ކުޑަ ކުރި އިރު ބަރާބަރަށް ކުލި ދައްކަނީ 35 ޕަސެންޓު ކަމަށް އާބަންކޯއިން މީގެ ކުރިން ބުނެފައިވެ އެވެ.

ހިޔާގެ 7000 ފްލެޓް އެޅީ 400 މިލިއަން ޑޮލަރު (ހަ ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.