Roadha Mihaaru
ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ހިމަނައިފި

ބޯހިޔާވަހިކަމަށް ފުށިދިއްގަރު ފަޅު ހިއްކަން އަންނަ އަހަރު 400 މިލިއަންގެ ބަޖެޓެއް

31 އޮކްޓޯބަރ 2023

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ޒަމާންވީ ދަތިކަން ހައްލުކުރަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ހާމަކުރެއްވި ސިޔާސަތުގެ ތެރޭގައި ހިމެނޭ ކ.ފުށިދިއްގަރުފަޅު ހިއްކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ޒަމާންވީ ދަތިކަން ހައްލުކުރަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ހާމަކުރެއްވި ސިޔާސަތުގެ ތެރޭގައި ހިމެނޭ ކ.ފުށިދިއްގަރުފަޅު ހިއްކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.

މުއިއްޒުގެ ބޯހިޔާވަހިކަމުގެ މެނިފެސްޓޯ އިއުލާން ކުރުމަށް ބޭއްވި ޖަލްސާގައި ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާނެ ކަމަށާއި އެތަނުން 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރާނެ ކަން ވަނީ އިއުލާނު ކުރައްވައިފަ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުގެ ލަފާ އާއި މަޝްވަރާގެ މަތިން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މިއަދު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އިރު، ފުށިދިއްގަރުފަޅު ހިއްކަން 400 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ.

މީގެއިތުރުން، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 118 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ އިރު، ފަހިދިރިއުޅުން ކޯޕަރޭޝަނުން ހިންގާ ސޯޝަލް ހައުސިން މަޝްރޫއުއަށް 286 މިލިއަން ރުފިޔާ ވެސް ބަޖެޓުގައި ހިމެނެ އެވެ.

އަންނަ އަހަރު ބޯހިޔާވަހިކަން ހިމެނޭ، ގެދޮރު އިމާރާތް ކުރުމާއި ޖަމާއަތުގެ ފައިދާއަށް ދެވޭ ހިދުމަތުގެ ބަޔަށް ޖުމްލަ 4.495 ބިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ. އޭގެތެރޭގައި، ރިކަރަންޓު ހަރަދަށް 2.459 ބިލިއަން އަދި ކެޕިޓަލް ހަރަދަށް 2.036 ބިލިއަން ރުފިޔާ ހިމެނެ އެވެ.

ކުރިއަށް 20 އަހަރަށް އަމާޒުކޮށްގެން މުއިއްޒު އިއުލާނު ކުރެއްވި މެނިފެސްޓޯގެ ދަށުން ފުށިދިއްގަރުފަޅާއި ގިރާވަރުފަޅާއި ގުޅިފަޅާއި ހުޅުމާލެ އާއި މާލެ ހިމެނޭހެން 65،000 ގޯތި ނުވަތަ ފްލެޓް ދޭނެ އެވެ. އޭރުން ބޯހިޔާވަހިކަން ނުލިބޭ މީހަކު މާލެ ސަރަހައްދުގައި ނުހުންނާނެ ކަމަށް އިންތިހާބީ ރައީސް ވަނީ ވިދާޅުވެފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އެ ބަޖެޓުގައި ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 33.547 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާ އިރު، ހަރަދު ވާނެ ކަމަށް ލަފާކޮށްފައިވަނީ 47.317 ބިލިއަން ރުފިޔާ އެވެ. އެއާ އެކު ބަޖެޓު ދެކޮޅު ޖައްސަން 17.2 ބިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް ބުނެފައި ވެ އެވެ.

މިއަހަރުގެ ބަޖެޓުގެ 70 ޕަސެންޓް ހޭދަކުރަނީ ރިކަރަންޓް ހަރަދަށެވެ. އެއީ 34.8 ބިލިއަން ރުފިޔާ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.6 ބިލިއަން ރުފިޔާ ހަރަދު ކުރަން ކަނޑައަޅާފައިވާ އިރު ކެޕިޓަލް ހަރަދުތަކަށްވަނީ ހަ ބިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ.