Roadha Mihaaru
ބަޖެޓްގެ މަސައްކަތް ނުފެށުމުން ކަންބޮޑުވުން ފާޅުކޮށްފި

ބަޖެޓްގެ މަސައްކަތް މަޖިލީހުގައި ނުފެށުމުން އިންތިހާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި

31 އޮކްޓޯބަރ 2023

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނިކޮށް އެ މަސައްކަތް ނުފެށުމުން އިންތިހާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނިކޮށް އެ މަސައްކަތް ނުފެށުމުން އިންތިހާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަޖިލީހުގެ ގަވައިދުގެ 211 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އަހަރެއްގެ ދައުލަތުގެ ބަޖެޓް ނޮވެމްބަރު 1ގެ ކުރިން މަޖިލީހަށް ފިނޭންސް މިނިސްޓަރު ހުށަހަޅަންޖެހެ އެވެ. އެ މާއްދާ އެހެން އޮތުމުން މިއަދުގެ ޖަލްސާއަށް ބަޖެޓްގެ މަސައްކަތް އެޖެންޑާ ކުރި ނަމަވެސް، އެމްޑީޕީން ވަނީ އިހްތިޖާޖްކޮށް، ޖަލްސާ ބާއްވަން ހުރަސްއަޅައިފަ އެވެ.

އެމްޑީޕީން އެކަމަށް ހުރަސްއެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށް ބުނެ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނަވަ އެވެ.

އިންތިހާބީ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ މިއަދަކީ ބަޖެޓް ހުށަހަޅަންޖެހޭ ދުވަސް ކަމަށްވާއިރު، މިއަދު އެކަން ނުވެ ދިޔުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދަން މަޖިލީހުގައި ހުރަސްތަކެއް އޮތުމަކީ ކަންބޮޑުވާ ކަމަކަށްވާއިރު، އެ ހުރަސްތައް ވީއެންމެ އަވަހަކަށް ނައްތާލުމަށް އުއްމީދު ކުރައްވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ތިން ބާރުން ވެސް ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދެވޭނެ މަގެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު މިއަދު ޖަލްސާއަށް ވަޑައިނުގެންނެވި ނަމަވެސް، މިނިސްޓަރު ވަނީ ބަޖެޓް މަޖިލީހަށް ފޮނުވައިފަ އެވެ. ފިނޭންސް މިނިސްޓްރީން ބަޖެޓް ވެބްސައިޓްގައި ވެސް އާންމުކޮށްފައިވާއިރު އަންނަ އަހަރަށް ލަފާކުރަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފިރުޒުލް ވިދާޅުވީ ބަޖެޓް އެކުލަވާލުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ބަޖެޓްގެ އަދަދު 49 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ނުކުރުން ކަމަށެވެ. އެއީ އާމްދަނީ އާއި ދަރަނީގެ ފަރަގު ބޮޑު ނުވާނެ ގޮތަށް، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އިސްކަންދީގެން ކަމަށް ފިރުޒުލް ވިދާޅުވި އެވެ.