Roadha Mihaaru
އިގުރާރާ ހިލާފުވާ ނަމަ ޔާމީނަށް ފިޔަވަޅު އަޅާނެ

ޔާމީނަށް ލުއި ދިނީ އިގުރާރެއްގައި ސޮއިކުރުމުން، ހިލާފުވާ ނަމަ ފިޔަވަޅު އަޅާނަން: ކަރެކްޝަންސް

30 އޮކްޓޯބަރ 2023

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކޮށް، ލުއިތައް ދިނީ އިގުރާރެއްވުމަށް ފަހު ކަމަށާއި އެކަމާ ހިލާފުވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް ޔާމީން ގޭ ބަންދަށް ބަދަލުކޮށް، ލުއިތައް ދިނީ އިގުރާރެއްވުމަށް ފަހު ކަމަށާއި އެކަމާ ހިލާފުވާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބޭސްފަރުވާ އާއި ކަސްރަތުކޮށް އުޅުމަށް އިތުރު ލުއިތަކަކަށް ޔާމީން އެދިވަޑައިގެންފައިވާތީ އެކަން ފަހިކޮށްދީފައިވާ ކަމަށެވެ. އޭގެ އިތުރުން، ކޮންމެހެން ބައްދަލުކުރަން އެދޭ މީހުންނާ ވެސް، އެ އިދާރާއާ އެކަން ހިއްސާކުރުމުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

"ކުރުން މަނާ ކަންތައްތަކެއް ވެސް އިގުރާރުގައި ހިމަނާފައިވާނެ. ވީމަ، މި ސާވިސް އިން މި ގެންދަނީ ރައީސް ޔާމީންގެ އަމަލުތައް މޮނީޓާކުރަމުން. އިގުރާރާ ހިލާފުވާ ނަމަ ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވާފައި ވާނެ،" ލިޔުމުން ދިން ޖަވާބުގައި ކަރެކްޝަންސް އިން ބުންޏެވެ.

އެގާރަ އަހަރުގެ ޖަލު ހުކުމެއް ސާބިތުވެ، މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ގެންދަނިކޮށް ޔާމީން ގެއަށް ބަދަލުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވިތާ ދެ ދުވަހެއް ފަހުންނެވެ. އޭގެ ފަހުން، ކަރެކްޝަންސް އިން މިދިޔަ ހޮނިހިރު ދުވަހު ވަނީ އެ މަނިކުފާނުގެ ބަންދަށް އަނެއްކާ ވެސް ލުއެއް ދީފަ އެވެ. އެއީ، އެ އިދާރާއަށް އެންގުމަށް ފަހު މެޑިކަލް ކަންކަމުގައި ގެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އެވެ.

ނަމަވެސް، އެ މަނިކުފާނުގެ މައްސަލަ އަނެއްކާ ވެސް ހޫނުވީ، ޕީޕީއެމްގެ އޮފީހަށް ރޭ ވަޑައިގެން ޕާޓީގެ މެމްބަރުންނާ ބައްދަލުކުރެއްވުމުންނެވެ. އެކަމަކު، ޕީޕީއެމްގެ އޮފީހަށް ވަޑައިގަތުމުގެ ކުރިން އެކަން ކަރެކްޝަންސްއަށް އެންގި ކަމެއް ނޫނީ ނާންގާ ކަމެއް ވެސް ނުބުނެ އެވެ.