Roadha Mihaaru
"ޔާމީން ގެއަށް ބަދަލުކުރުމުގެ މަޝްވަރާ އަދި ނުނިމޭ"

ޔާމީން ގެއަށް ބަދަލުކުރުމުގެ މަޝްވަރާ އަދި ނުނިމޭ: ކަރެކްޝަންސް

28 އެޕްރީލް 2021

މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމުގެ މަޝްވަރާ އަދި ނުނިމޭ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމުގެ މަޝްވަރާ އަދި ނުނިމޭ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާ ޔާމީންގެ ސިއްހީ ހާލަތު ހުރި ގޮތުން ގެއަށް ބަދަލުކުރުމަށް އެ މަނިކުފާނުގެ އާއިލާ އިން ހޯމް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާފައި ވެ އެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް މި މަހުގެ ކުރީކޮޅު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާ ބައްދަލުކޮށް، ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އެދިފައި ވެ އެވެ.

އެކަމާ ގުޅިގެން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ޔާމީން ގެއަށް ބަދަލުކުރުމާ މެދު އަދި އެއްވެސް ގޮތެއް ނުނިންމާ ކަމަށެވެ. އެކަމުގެ މަޝްވަރާ އަދިވެސް ދަނީ ކުރިއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ޔާމީންގެ ހާލުކޮޅު ހުރިގޮތުން ލުއިތަކެއް ދޭން އެ މަނިކުފާނަށް ސަރުކާރަށް ހުށަހެޅި އެވެ. ރާއްޖޭގައި ހެދެން ނެތް ޓެސްޓެއް ބޭރުން ހެދުމަށާއި ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓެވުމަށް ޑޮކްޓަރު ލަފާ ދެއްވާފައި އޮތުމުން، އެ ލަފައާ އެއްގޮތަށް ޓެސްޓު ހައްދަވަން ބޭރަށް ވަޑައިގަތުމަށް ދެންނެވިޔަސް ޔާމީން އެ ފުރުސަތު ބޭނުން ނުކުރެއްވީ ކަމަށް އިމްރާން ވިދާޅުވެފައި ވެ އެވެ.

މި މަހުގެ 12 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޔާމީނަށް ދެރަގޮތެއް ނުވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ދެރަގޮތެއް ރައީސް ޔާމީނަކަށް ނުވާނެ،" ޔާމީން ގެއަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

ޔާމީން، މިނިވަންކުރުމަށް ނުވަތަ ގެއަށް ބަދަލުކުރުމަށް ގޮވާލައި މާލޭގައި އިދިކޮޅުން މުޒާހަރާތަކާއި އެއްވުންތައް ބާއްވަމުން ގެންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އަދި އެ މަނިކުފާނުގެ އާއިލާ އާއި ވަކީލުން ވެސް އެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަސް ސަރުކާރުން މިހާތަނަށް އެދެވޭ ޖަވާބެއް ނުދޭ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމް ހައި ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެ އެވެ.