Roadha Mihaaru
އެމްޑީޕީން ބުނީ އީވާ ރިޔާސަތަށް "ފިއްލެވީ" ކަމަށް

އީވާ އާލާސްކަންފުޅާ އުޅުއްވާކަމަށް އެމްޑީޕީން ގަބޫލެއް ނުކުރޭ، ތުހުމަތަކީ ރިޔާސަތަށް "ފިއްލެވީ" ކަމަށް

29 އޮކްޓޯބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިއަސް ނުގެންދަންވެގެން މަޖިލީހުގެ ރިޔާސަތަށް "ފިއްލެވީ" ކަމަށް ތުހުމަތުކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިއަސް ނުގެންދަންވެގެން މަޖިލީހުގެ ރިޔާސަތަށް "ފިއްލެވީ" ކަމަށް ތުހުމަތުކޮށްފި އެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެމްބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ ގަރާރުގެ 14 ދުވަހުގެ ނޯޓިސް ހަމަވެ، މި އަދަދު ޖަލްސާއެއް ބާއްވައި އެ ގަރާރު ވަނީ އެޖެންޑާކޮށް މެމްބަރުންނަށް އަންގައިފަ އެވެ.

ނަމަވެސް، މިދިޔަ ހަފްތާ އިން ފެށިގެން އީވާ އާލާސްކަންފުޅާ އުޅުއްވާ އިރު، މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވޭކަން އަންގަވައި، މިއަދު ހެނދުނު ސަލާމް ފޮނުއްވާފައިވާ ކަމަށް މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިއުޝާ ވަނީ އިއުލާނު ކުރައްވައިފަ އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ހަފްތާއިން ފެށިގެން ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތާ ޓެސްޓު ހެއްދެވި އިރު، އީވާ ވަނީ ޑެންގީއަށް ޕޮޒިޓިވްވެފަ އެވެ.

އެކަމަކު ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ޑެންގީއަށް ޕޮޒިޓިވް ކަމަށް ހުށަހެޅުއްވި ރިޕޯޓުގައި އިނީ މި މަހުގެ 23 ވަނަ ދުވަސް ކަމަށާއި އެކަމަކު އޭގެ ޖެހިގެން އައި ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި ވެސް އީވާ އިންނެވި ކަމަށެވެ.

"ޑެންގީ އަށް ޕޮޒިޓިވްވެފަ ހުރެގެން އެ ދުވަހު ރިޔާސަތުގަ ވެސް އިންނެވީ. އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރަނީ ގަސްތުގައި [ޖަލްސާއަށް] ވަޑައިނުގެން ރިޔާސަތަށް ފިއްލެވީ ކަމަށް،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގައި ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއްގައި ވާނެ ގޮތެއް ގަވާއިދުގައި ސާފުކޮށް ބުނެފައެއް ނެތެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް އިއުލާނު ކުރައްވަމުން، ނިއުޝާ ވެސް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް ކުރިއަށް ގެންދެވޭނީ ސީދާ މަޖިލީހުގެ ނައިބު ރައީސް ރިޔާސަތުގައި އިންނަވައިގެން ކަމަށް މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅިގެން ބުނެފައިވާ ކަމަށެވެ.

މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރެވޭނީ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރާ މެދު ގޮތެއް ނިންމާފައިވާ ކަމަށް ބަޔާންކޮށްފައިވާ އިރު، މާދަމާގެ ޖަލްސާއަށް ވެސް އެ ގަރާރު އެޖެންޑާކޮށް، ރިޔާސަތު ބަލަހައްޓަވައި ދެއްވަން އީވާ އަށް ދަންނަވާނެ ކަމަށް ނިއުޝާ ވިދާޅުވި އެވެ.

ނިއުޝާ މިހެން ވިދާޅުވީ، އީވާ ޖަލްސާ އަށް ހާޒިރު ނުވެވޭނެ ކަމަށް އަންގާފައިވާތީ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބުނާ އިޖުރާއަތުގެ ދަށުން ޖަލްސާ ކުރިޔަށް ގެންގޮސްދޭން އެމްޑީޕީގެ ޕީޖީން އެދިފައިވަނިކޮށެވެ.

އެ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އަށް ވެސް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި ދެން ރިޔާސަތުގައި އިންނަވާނީ މެދު ނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެންބަރެވެ. އެއީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެވެ.

އަލީ ނިޔާޒް ވިދާޅުވީ މަޖިލީހުގެ އިދާރާއިން އެ ގޮތަށް ނިންމުމުން، މި ކަމުގައި އެހެން ހައްލެއް ހޯދުމުގެ މަޝްވަރާތައް ގާނޫނީ ޓީމާ އެކު ކުރެވެމުންދާ ކަމަށެވެ. އެކަމަކު އޭގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން ވަނީ ބުނެފަ އެވެ.

ނަޝީދު ރިޔާސަތުގައި އިންނަވައިގެން، އަންނަ މަހު 17 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ހުވާ ސައްހަ ނުވާނެ ކަމަށާއި، އެ މަނިކުފާނުގެ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީން ވަނީ ދީފަ އެވެ.