Roadha Mihaaru
ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓުވެ މީހަކު މަރުވެއްޖެ

އިހަވަންދޫ ކައިރީ ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓުވެ މީހަކު މަރުވެއްޖެ

28 އޮކްޓޯބަރ 2023

ހއ. އިހަވަންދޫ ކައިރީގައި މިރޭ ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓުވެ މީހަކު މަރުވެއްޖެ އެވެ.

ހއ. އިހަވަންދޫ ކައިރީގައި މިރޭ ލޯންޗަކާއި ދޯންޏެއް އެކްސިޑެންޓުވެ މީހަކު މަރުވެއްޖެ އެވެ.

އިހަވަންދޫން ވާހަކަ ދެއްކި މީހަކު ބުނީ މި އެކްސިޑެންޓުގައި ނިޔާވީ އެ ރަށު ނަޔާޑޭޒީގޭ އަބްދުއްރަޝީދު މުހައްމަދު ކަމަށެވެ. އުމުރުން 68 އަހަރުގެ އެ މީހާ ނިޔާވީ އިހަވަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ބޮލަށް ސީރިއަސް ޒަހަމްތަކެއް ވެފައިވާ ކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ބުންޏެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގީ އިހަވަންދޫ ކައިރީ އޮންނަ ފަޅުރަށެއް ކަމަށްވާ ހުވަހަންދޫ ކައިރީގައި ކަމަށާއި މި ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން އިހަވަންދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ.

ނިޔާވި މީހާ އަކީ އެކްސިޑެންޓުވި ދޯނީގައި ތިބި ދެ މީހުންގެ ތެރެއިން އެކަކެވެ. އެކްސިޑެންޓުވި ލޯންޗުގައި ތިބި ދެ މީހަކަށް ވެސް އަނިޔާވެގެން އަންނަނީ ފަރުވާ ދެމުންނެވެ.

އެކްސިޑެންޓުވި ދޯންޏަކީ އިންޖީނު އެޅި ކުޑަ ދޯންޏެކެވެ. ރޭގަނޑު އަނދިރީގައި ލޯންޗު ގޮސް ޖެހުނީ ދޯނީގެ ކޮޅުފަސްކޮޅުގައި، ދޯނި ދުއްވަން ހުރި އަބްދުއްރަޝީދާ ދިމާލުގަ އެވެ. އެ ދިމާލުން ދޯނީގެ ބައެއް އޮތީ ވަރަށް ބޮޑަށް ހަލާކު ވެސް ވެފަ އެވެ.