Roadha Mihaaru
ދެބަފައިންގެ މަސްދަތުރަށް ހިތްދަތި ނިމުމެއް

ދެބަފައިންގެ މަސްދަތުރަށް ހިތްދަތި ނިމުމެއް

28 އޮކްޓޯބަރ 2023

އަލީ ޝަރީފާއި އޭނާގެ ބައްޕަ އަބްދުއްރަޝީދު މުހައްމަދު އާދައިގެމަތިން އެ މީހުންގެ ކުޑަ ދޯނީގައި މިއަދު ވެސް ނުކުތީ ހިބަރު މަސްވެރިކަމަށެވެ. މަސްވެރިކަން ނިންމައި ރަށަށް ދަނިކޮށް ބާރު ސްޕީޑުގައި އައި ޑިންގީއެއް އެ ދޯނީގައި ޖެހި އަބްދުއްރަޝީދު ކަނޑަށް ވެއްޓި ނިޔާވީ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަލީ ޝަރީފާއި އޭނާގެ ބައްޕަ އަބްދުއްރަޝީދު މުހައްމަދު އާދައިގެމަތިން އެ މީހުންގެ ކުޑަ ދޯނީގައި މިއަދު ވެސް ނުކުތީ ހިބަރު މަސްވެރިކަމަށެވެ. މަސްވެރިކަން ނިންމައި ރަށަށް ދަނިކޮށް ބާރު ސްޕީޑުގައި އައި ޑިންގީއެއް އެ ދޯނީގައި ޖެހި އަބްދުއްރަޝީދު ކަނޑަށް ވެއްޓި ނިޔާވީ އެވެ.

ހއ. އިހަވަންދޫ މީހެއް ކަމަށްވާ އުމުރުން 68 އަހަރުގެ އަބްދުއްރަޝީދާ އެކު ދޯނީގައި ހުރި އޭނާގެ ދަރިފުޅު އަލީ ޝަރީފާ ހަވާލާދީ އިހަވަންދޫ ކައުންސިލްގެ ނައިބް ރައީސް، މުހައްމަދު އަރީބް ވިދާޅުވީ އެކްސިޑެންޓުވިިއިރު ދޯނި ދުއްވަން ހުރީ އަބްދުއްރަޝީދު ކަމަށެވެ.

"އަޅުގަނޑުމެން ލޯންޗެއްގައި، އެކްސިޑެންޓްވި ސަރަހަށްދަށް ދިޔައިރު ނިޔާވި އަބްދުއްރަޝީދުގެ ދަރިފުޅު އޮތީ ދޯނީގެ ކުރީކޮޅުގައި ބޯޖައިގެން ރޯން. ބުނީ ބައްޕަ އަޑިއަށް ގޮއްސިއޭ." އަރީބް ވިދާޅުވި އެވެ.

އިހަވަންދޫ ބޭރު ކަނޑުމަތީ ހިނގި އެކްސިޑެންޓްގައި ގެއްލުން ލިބުނު ދޯނި.-- ފޮޓޯ: ކައުންސިލް

އިހަވަންދޫ ބޭރު ކަނޑުމަތީ ހިނގި އެކްސިޑެންޓްގައި ގެއްލުން ލިބުނު ދޯނި.-- ފޮޓޯ: ކައުންސިލް

އަރީބް ވިދާޅުވީ ހާދިސާ ހިނގީ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ހުވަހަންދޫ ކައިރީގައި ކަމަށާއި އެ ސަރަހައްދަށް ދިޔައީ އެކްސިޑެންޓްވި ޑިންގީގައި ހުރި މީހަކު ގޮވައިގެން ކަމަށެވެ. އޭނާ ވިދާޅުވީ އަބްދުއްރަޝީދު ކަނޑަށް ވެއްޓުނީ ކަމަށް ބުނުމުން އެ ސަރަހައްދަށް ހޯދަން ފެށި ނަމަވެސް ފެނުނީ ހުވަހަންދުއަށް ވުރެ ބޮޑަށް، އިހަވަންދުއާ ކައިރިން ކަމަށެވެ.

އެކްސިޑެންޓްވި ސަރަހައްދު.

އެކްސިޑެންޓްވި ސަރަހައްދު.

"އަޅުގަނޑުމެން ދިޔައީ އެކްސިޑެންޓްވި ޑިންގީގެ އެކަކު ގޮވައިގެން. އެ ސަރަހައްދު ޔަގީންކުރަން. ދޯނި އަޅާފައި އޮތް ސަރަހައްދަށް ގޮސް އެ ސަރަހައްދު އަޅުގަނޑުމެން ބެލިން އެކަމަކު އެތަނުން ނުފެނުނު އޭނައެއް. އަޅުގަނޑުމެން ދިޔައިރު ގެންދިޔައިން ޑިންގީގައި އެ މީހުން ގެންގުޅުނު ބައްތިއެއް. ވަރަށް ދުރަށް ދިއްލޭނެތީ. ލަނޑާ ނަގާ ބައެއްވީމަ،" އަރީބް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިޔަ ލޯންޗުގަ އަބްދުއްރަޝީދު ހޯދަމުން ދަނިކޮށް ފެނުނީ މޫދު މަތީގައި އޮތީ ބަންޑުން. ލޯންޗަށް ނެގި އިރު ވެސް އެއްވެސް ހަރަކާތެއް ނެތް. އަޅުގަނޑުމެން ވެސް ބެލީ ވީހާ ވެސް އަވަހަކަށް ހޮސްޕިޓަލަށް ގެންދަން. ވަރަށް ފުން ޒަހަމްތަކެއް ހުރި ބޮލުގައި. އެއް ތުންފަތް ވެސް އޮތީ ވަރަށް ބޮޑަށް ވީދިފައި."

އިހަވަންދޫ ބޭރު ކަނޑުމަތީ ހިނގި އެކްސިޑެންޓްގައި ގެއްލުން ލިބުނު ދޯނި.-- ފޮޓޯ: ކައުންސިލް

އިހަވަންދޫ ބޭރު ކަނޑުމަތީ ހިނގި އެކްސިޑެންޓްގައި ގެއްލުން ލިބުނު ދޯނި.-- ފޮޓޯ: ކައުންސިލް

ފޮޓޯތަކުން ފެންނަ ގޮތުގައި ޑިންގީ ޖެހިފައިވަނީ ދޯނި ދުއްވަން ހުރި އަބްދުއްރަޝީދާ ދިމާލުގަ އެވެ. އެ ދިމާލުން ދޯނީގެ ބައެއް ހަލާކުވެ ބޮޑެތި ގެއްލުންތައް ވެސް ވެފައި ހުއްޓެވެ.

އަރީބް ވިދާޅުވީ ޑިންގީގައި ތިބި މީހުންނާ ވާހަކަ ދެއްކުމުން އެ ހާދިސާ ހިނގި ވަގުތު ދޯނީގައި އެއްވެސް އަލިކަމެއް ނެތް ކަމަށް ބުނި ކަމަށެވެ.

"އަޅުގަނޑުމެން އެހީމާ ޑިންގީގައި ތިބި މީހުން ބުނީ ދޯންޏެއް އެތާ އޮތްކަން ނޭނގޭކަމަށް. އެ ސަރަހައްދު އެހާ ނޭނގޭ ބައެއްހެން ހީވަނީ ވާހަކަ ދެއްކި ގޮތުން. ދޯނީގައި އަނެއްހެން އެއްވެސް އަލިކަމެއް ނެތް ކަމަށް ވަނީ، އެކަމަކު ދުއްވަން ހުރި އަބްދުއްރަޝީދު އަތުގައި ފޯނުގެ ލައިޓް އިން ކަމަށްވަނީ،"

އެކްސިޑެންޓުގައި ހިމެނޭ ޑިންގީ އަކީ ހދ. ނެއްލައިދޫ ލަނޑާ ނަގާ ބަޔަކު އުޅޭ އެއްޗެކެވެ. އެވަގުތު ހަތަރު މީހަކު އޭގައި ތިއްބެވެ. އެ ހާދިސާގައި ޑިންގީގައި ތިބި ދެ މީހަކަށް ވެސް އަނިޔާވެގެން، އިހަވަންދޫ ސިއްހީ މަރުކަޒުގައި އަންނަނީ ފަރުވާ ދެމުންނެވެ.