Roadha Mihaaru
އެފްއޭއެމަށް ފުލުހުން ވަނުމުން ރާއްޖެ ސަސްޕެންޑްކުރާނެ؟

އެފްއޭއެމް އަށް ފުލުހުން ވަނުމުން ރާއްޖެ ސަސްޕެންޑްކުރާނެތަ؟

24 އޮކްޓޯބަރ 2023

ފީފާ އާއި އޭއެފްސީން ދޭ ފައިސާ، އެފްއޭއެމްގެ ވެރިންގެ އެކައުންޓްތަކަށް ފޮނުވައި އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުގައި، ފުލުހުން ތަހުގީގު ފެށުމާ އެކު، ފުޓްބޯޅައިގައި ޝާމިލުވާ މީހުން އުފައްދާ ސުވާލަކީ ފީފާއިން ރާއްޖެ ސަސްޕެންޑް ނުކުރާނެ ހެއްޔެވެ؟

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފީފާ އާއި އޭއެފްސީން ދޭ ފައިސާ، އެފްއޭއެމްގެ ވެރިންގެ އެކައުންޓްތަކަށް ފޮނުވައި އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުގައި، ފުލުހުން ތަހުގީގު ފެށުމާ އެކު، ފުޓްބޯޅައިގައި ޝާމިލުވާ މީހުން އުފައްދާ ސުވާލަކީ ފީފާއިން ރާއްޖެ ސަސްޕެންޑް ނުކުރާނެ ހެއްޔެވެ؟

ފުޓްބޯޅަ ހިންގުމުގެ ނިޒާމުގެ ތެރޭގައި ދައުރުވާ ފައިސާއިން މަނީ ލޯންޑަރިން އާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާކަމުގެ ތުހުމަތުގައި، މީގެ ކުރިން ވެސް އެކި ގައުމުތަކުގެ ތަހުގީގީ އިދާރާތަކުން ފުޓްބޯޅަ އެސޯސިއޭޝަންތަކަށް ވަދެ ރެއިޑްކޮށްފައިވެ އެވެ. އެކަމަކު އެ ރެއިޑްތަކާ ގުޅިގެން އެ ގައުމުތައް ފީފާއިން ސަސްޕެންޑްކޮށްފައެއް ނެތެވެ.

ޕެރަގުއޭގައި ހުންނަ، ދެކުނު އެމެރިކާ ބައްރުގެ ފުޓްބޯޅައިގެ މައި އިދާރާއަށް 2016 ވަނަ އަހަރުގެ ޖެނުއަރީ ގައި ޕެރަގުއޭގެ ޕްރޮސިކިއުޓަރުން ވަދެ، އެ އިދާރާ ރެއިޑްކުރި އެވެ. އެއީ ފީފާގެ ކުރީގެ ރައީސް ޖޯސެފް ބްލެޓާގެ ދައުރުގައި ހިންގި ކޮރަޕްޝަން މައްސަލަތަކުގެ ތަހްގީގަށް އިތުރު ހެކި ހޯދުމަށެވެ. ސްޕެއިންގެ ބާސެލޯނާގައި ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ފުލުހުން މިދިޔަ މަހުގެ 30 ގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ އޮފީހަށް ވަދެ ރެއިޑް ކުރި އެވެ.

މި ދެ މައްސަލައިގައި ވެސް އެ ދެ ގައުމަށް ފީފާގެ ސަސްޕެންޝަނެއް ނާދެ އެވެ.

އެފްއޭމް ހައުސް އަށް ފުލުހުން ވަދެ ފާސްކުރިއިރު ބޭރުގައި ދެ ފުލުހަކު މަޑުކޮށްލައިގެން. --- ފޮޓޯ: ނިޝާން އަލީ | މިހާރު

އެފްއޭމް ހައުސް އަށް ފުލުހުން ވަދެ ފާސްކުރިއިރު ބޭރުގައި ދެ ފުލުހަކު މަޑުކޮށްލައިގެން. --- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުލުހުން، އެފްއޭއެމަށް ވަދެ ބަލައި ފާސްކުރީ ޖިނާއީ ތަހުގީގެއް ހިންގަން، އެ އިދާރާއަށް ވަނުމުގައި ކުރިމަތިވެދާނެ ގާނޫނީ އަދި އުސޫލީ މައްސަލަތަކަށް ސަމާލުވެ އެކި ފަރާތްތަކުގެ ލަފަޔާ އެކުގައިކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

އެފްއޭއެމްގެ އޮފީހަށް ފުލުހުން ވަދެ ތަހުގީގު ފެށިކަން ފީފާގެ ސަމާލު ކަމަށް ވެސް ވަނީ ގެނެސްފަ އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވީ، ވައްކަމެއް ނުވަތަ ކޮރަޕްޝަނެއް ހިންގާ ނަމަ އެފްއޭއެމަށް ފުލުހުން ވެދަ ބަލަން ފީފާ އާއި އޭއެފްސީން ވެސް ދެކޮޅު ނުހަދާނެ ކަމަށެވެ.

"ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގުމަކީ އަދި ނާޖާއިޒު ފައިދާއެއް ނެގުމަކީ ވެސް، ނޫނީ ވައްކަމެއް ކުރުމުގެ [ތުހުމަތުގައި] ވެސް ފީފާ އާއި އޭއެފްސީން ވެސް ދެކޮޅެއް ނުހަދާނެ އެތަނަށް ވަދެ ބަލާކަށް،" މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އާޒިމް ވިދާޅުވި އެވެ.

އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަން ވެސް ކުރިން ކުރެއްވި އާޒިމް ވިދާޅުވީ، ފީފާ އިން މައްސަލައިގެ ތެރެއަށް ވަންނާނީ، އެފްއޭއެމްގެ ލީޑަޝިޕަށް، އެ އެސޯސިއޭޝަން ހިންގަން ހުރަސްތައް ކުރިމަތިކުރާ ހާލަތުގައި ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން މަޖުބޫރުކޮށްގެން ވަކި ބަޔަކު އެފްއޭއެމް ލީޑާޝިޕަށް ގެންނަން މަސައްކަތްކުރާ ހިސާބުން ފީފާ އިން ވަންނާނެ ކަމަށެވެ.

"އެހެންވެއްޖެއްޔާ އެއީ ތިން ވަނަ ބައެއްގެ ނުފޫޒު ފޯރުވުންކަމަށް ފީފާ އިން ބަލާނެ. ތާޑް ޕާޓީ އިންފްލުއަންސް ކިޔާފައި އޮންނާނެ ފީފާގެ ގަވާއިދުގައި، މިހާރު އެއަކާ ނޫން މި ހިލާފް ވަނީއެއް،" އާޒިމް ވިދާޅުވި އެވެ.

"މިހާރު މިއުޅެނީ އެތަނުގެ ތެރޭގައި ހިނގާ ޖިނާއީ ކުށެއް ކުރާ ކަމަށް ތުހުމަތު ކުރެވިގެން. މިއީ ތިން ވަނަ ބައެއްގެ ނުފޫޒު ފޯރުވަނީކީއެއް ނޫން. ފުޓްބޯޅަ އެސޯސިއޭޝަނަށް ފުޓްބޯޅަ އެސޯސިއޭޝަން ހިންގަން ނުފޫޒު ފޯރުވަނީކީ ނޫން. މި ގައުމުގައި ހިނގާ ކުށެއް ހުއްޓުވަން ނޫނީ ކުށެއްގެ ތުހުމަތު ކުރެވިގެން ވަދެގެން މި އުޅެނީ. ފީފާ އަކަށް ނޯންނާނެ އެކަމުގައި އެޅޭނެ އެއްވެސް ފިޔަވަޅެއް."

ސާފް ޗެމްޕިއަންޝިޕް 2021 އަށް ގައުމީ ޓީމު ބޭނުން ކުރި ޖޯޒީ ލޯންޗުކޮށް ދިނުމަށް ބޭއްވި ހަފުލާގައި އާޒިމް (ވ) އާއި ބައްސާމް --- ފައިލް ފޮޓޯ: އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕް 2021 އަށް ގައުމީ ޓީމު ބޭނުން ކުރި ޖޯޒީ ލޯންޗުކޮށް ދިނުމަށް ބޭއްވި ހަފުލާގައި އާޒިމް (ވ) އާއި ބައްސާމް --- ފައިލް ފޮޓޯ: އެފްއޭއެމް

ފީފާ އިން އެފްއޭއެމަށް ފައިސާ ފޯރުކޮށް ދިނަސް ރާއްޖޭގައި ގާނޫނާ ހިލާފު އަމަލްތައް އެތަނުގެ ތެރޭގައި ހިންގާކަމަށް ތުހުމަތު ކުރެވޭނަމަ އެ މައްސަލައެއް ތަހުގީގު ކުރުމުގައި ފުލުހުންނަށް އެއް ވެސް ހުރަހެއް ނެތް ކަމަށް އާޒިމް ވިދާޅުވި އެވެ. ފުލުހުން އެފްއޭއެމަށް ވަނީ، ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަންގަވައިގެންނެވެ.

އާޒިމް ވިދާޅުވީ ރާއްޖޭގެ ގާނޫނާ ހިލާފުވާ ކަމަށް ތުހުމަތުކުރެވޭ ނަމަ، ވަކި މީހަކު އަންގަންދެން ވެސް ފުލުހުން މަޑުކުރަން ނުޖެހޭނެ ކަމަށެވެ. އަދި އެފްއޭއެމްގެ ވެރިން އެ ކުށުގައި ބައިވެރިވުން އޮތްކަމުގައިވާ ނަމަ ވަކިވަކި ވެރިންނާ މެދު ފިޔަވަޅު އަޅަން ވެސް ފުލުހުންނަށް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފަދަ ކުށެއްގައި އެފްއޭއެމްގެ އިސް މީހަކު ބައިވެރިވުން އޮތް ނަމަ ފީފާ އެ މީހަކު ވެސް ސަސްޕެންޑް ކުރާނެ ކަމަށެވެ.

"އެއިން މީހަކު މީގައި ހިމެނޭ ކަމަށް ވަންޏާ ސަސްޕެންޑް ކުރާނެ. އެފަދަ މަގާމެއްގައި ހުރި މީހަކު މީގައި ބައިވެރިވުމަކީ ފީފާގެ އެތިކްސް އާއި ފީފާގެ މިންގަނޑުތަކާ ހިލާފު ކަމެއްގެ ގޮތުގައި ފީފާއިން އޮންނާނީ ކަނޑައަޅާފައި. އެއް ވެސް ގައުމެއްގައި ފުޓްބޯޅަ އެސޯސިއޭޝަނެއް ހިންގަން ތިބި ބަޔަކު މި ބާވާތުގެ ކަމެއްގައި ސާބިތުވާ ކަމަށް ވަންޏާ ފިޔަވަޅު އަޅާނެ،" ރާއްޖޭގެ ގާނޫނާ ހިލާފަށް އެފްއޭއެމް ހިންގަމުންދާ ކަމަށް ބުނެ 2020 ގައި މަޖިލީހަށް ގަރާރެއް ވެސް ހުށަހެޅުއްވި އާޒިމް ވިދާޅުވި އެވެ.

ވެނެޒުއޭލާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ފީފާ އިން ފޮނުވާ ފައިސާއަށް ހިޔާނާތްތެރިވެ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެ ފެޑެރޭޝަންގެ ކުރީގެ ރައީސް ލޮރިއާނޯ ގޮންޒާލޭޒް ކުރުމުން، ފީފާ އިން ވަނީ މިދިޔަ އަހަރު އޭނާ ސަސްޕެންޑް ކޮށްފަ އެވެ. އޭނާ އަށް ތުހުމަތު ކުރެވެނީ ފޭކް އިންވޮއިސް ހަދައި ފީފާގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމަށެވެ. އެއީ އެ ގައުމުގެ އެފްއޭގެ ބަޖެޓުން 410،000 ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތެވެ.

އެފްއޭއެމް ބަލާ ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށްދިޔައިރު، ބައްސާމް އެފްއޭއެމް އޮފީސް ކައިރީގައި --- ފޮޓޯ: ފަޔާޒު މުސާ | މިހާރު

އެފްއޭއެމް ބަލާ ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށްދިޔައިރު، ބައްސާމް އެފްއޭއެމް އޮފީސް ކައިރީގައި --- ފޮޓޯ: ފަޔާޒު މުސާ | މިހާރު

ފުލުހުން، އެފްއޭއެމަށް ވަދެ ފެށި ތަހުގީގުގައި، ބައިނަލްއަގުވާމީ އިދާރާތަކުން އެފްއޭއެމަށް ފޮނުވާ ފައިސާ އެ އެސޯސިއޭޝަނުގެ ބައެއް ވެރިންނާއި އެ މީހުންނާ ގާތް ގުޅުން އޮންނަ ބައެއް ކުންފުނިތަކުގެ އެކައުންޓުތަކަށް ފޮނުވާ ކަމުގެ މައުލޫމާތު ފުލުހުންގެ ތަހުގީގަށް ލިބިފައިވާކަން ވެސް "މިހާރު" އަށް ވަނީ އެނގިފަ އެވެ. އެކަން ފުލުހުން ޕްރޮސިކިއުޓަ ޖެނެރަލްގެ ސަމާލުކަމަށް ގެނައުމުން ތަހުގީގެއް ފަށަން އެންގެވީ އެވެ.

އެފްއޭއެމަށް ފާޑުކިޔާ އެކި ފަރާތްތަކުން މީގެ ކުރިން ވަނީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެ އެސޯސިއޭޝަންގެ ފައިސާ އަށް ހިޔާނާތްތެރިވާކަން ތުހުމަތުކޮށްފަ އެވެ. އެކަމަކު މިދިޔަ އޯގަސްޓް މަހު ވެސް، ބައްސާމް ވިދާޅުވެފައި ވަނީ، އެފްއޭއެމްގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައި ނުވާނެ ކަމަށެވެ.

ފުލުހުން އެފްއޭއެމަށް ވަދެ ކުރިއަށް ގެންދިޔަ ތަހްގީގަށް ފަހު، އެފްއޭއެމުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނެތެވެ. އެ ދުވަހު، އެ އެސޯސިއޭޝަންގެ މީޑިއާ ގުރޫޕަށް ބައްސާމް ފޮނުއްވި މެސެޖްގައި ވިދާޅުވީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާނީ މިހާރު ކުރިއަށްދާ ކަންކަން ނިމުމަށް ފަހު ކަމަށެވެ.