Roadha Mihaaru
އެއްބަޔަކަށް ބޮމެއްގެ އަޑު، ހީވީ ގޭސްފުޅި ގޮވީ ކަމަށް

އެއް ބަޔަކަށް ބޮމެއްގެ ބާރު އަޑު، އަނެއް ބަޔަކު ދުއްވައިގަތީ ގޭސްފުޅި ގޮވީ ކަމަށް ހީކޮށް!

21 އޮކްޓޯބަރ 2023

މިއަދު ހަވީރު 4:15 ހާއިރު ހދ. މަކުނުދޫ ބަނދަރުގައި ބާރުގަދަ "ގުޑުމަކާ" އެކު ގޭސް ފުޅިއެއް ގޮވި އިރު އެ ތަނުގައި މާގިނަ ބަޔަކު ނެތެވެ. އެ މަންޒަރު ފެނުނު މަދު މީހުންގެ ތެރޭގައި ހިމެނޭ އެކަކު، "މިހާރު" އަށް އެ ވަގުތުކޮޅު ސިފަކޮށްދެމުން ބުނީ ކުރެވުނީ ބޮމެއް ގޮވި ކަމުގެ އިހުސާސް ކަމަށެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިއަދު ހަވީރު 4:15 ހާއިރު ހދ. މަކުނުދޫ ބަނދަރުގައި ބާރުގަދަ "ގުޑުމަކާ" އެކު ގޭސް ފުޅިއެއް ގޮވި އިރު އެ ތަނުގައި މާގިނަ ބަޔަކު ނެތެވެ. އެ މަންޒަރު ފެނުނު މަދު މީހުންގެ ތެރޭގައި ހިމެނޭ އެކަކު، "މިހާރު" އަށް އެ ވަގުތުކޮޅު ސިފަކޮށްދެމުން ބުނީ ކުރެވުނީ ބޮމެއް ގޮވި ކަމުގެ އިހުސާސް ކަމަށެވެ.

އެ އަޑާ އެކު، މަކުނުދޫގެ ބައެއް މީހުންނަށް ހީވީ ބޮޑު ގުޑުމެއް ރަށަށް އެރި ހެންނެވެ. އަނެއް ބަޔަކަށް ހީވީ ގޭގެ ފުރާޅު އެއްލާލިހެންނެެވެ. އެއް ބަޔަކު ދުއްވައިގަތީ ގޭގެ ގޭސް ފުޅި ގޮވީ ކަމަށް ހީކޮށެވެ.

ހުސް ބިމެއްގައި ހުރުމުން އެ އިހުސާސް މާބޮޑަށް ނުކުރެވުނަސް އެ މަންޒަރު ދުށް މީހަކު ބުނީ ދެ ތިން ސިކުންތުގެ ތެރޭގައި ދުންގަނޑެއް އަރައި ހިނދުނު ކަމަށެވެ.

"ބަނދަރު މަތީގައި ސައިކަލުގައި މަޑުކޮށްލައިގެން އަޅުގަނޑު އިނީ އާރުޓީއެލް ފެރީ އަންނަން ދެން. ގަޑި ބަލާލަން ފޯނު ބަލާލި ވަގުތު ވަރަށް ބާރަށް އެއްޗެއް ގޮވި އަޑު އިވުނީ. ބޮމެއް ގޮވީމާ މައްޗަށް ދުންތައް އަރައިގެންދާ ގޮތަށް ދިޔަ މަންޒަރު ފެނުނު. އެކަމަކު ހަމަ ސިކުންތެއްގެ ތެރޭގައި ހިނދިއްޖެ،" ނަން ނުޖެހުމަށް ޝަރުތުކޮށް އެ މީހާ ބުންޏެވެ.

މަކުނުދޫގައި އެއްޗެއް ގޮވި ސަރަހައްދު: އެސްޓީއޯ ގުދަނާއި މަސް މާރުކޭޓްގެ ބިއްލޫރިތައް ވަނީ އެއްކޮށް ތަޅައިގެންގޮސްފައި.. --ފޮޓޯ: ސޯޝަލް މީޑިއާ

މަކުނުދޫގައި އެއްޗެއް ގޮވި ސަރަހައްދު: އެސްޓީއޯ ގުދަނާއި މަސް މާރުކޭޓްގެ ބިއްލޫރިތައް ވަނީ އެއްކޮށް ތަޅައިގެންގޮސްފައި.. --ފޮޓޯ: ސޯޝަލް މީޑިއާ

އޭނާ ބުނި ގޮތުގައި ސައިކަލުގައި ވަގުތުން އެ ދިމާލަށް ދިޔަ ނަމަވެސް އެތަނާ މާބޮޑަށް ކައިރިވާކަށް ނުކެރުނެވެ.

"ފޮޓޯއެއް ނަގާކަށް ވެސް ނުކެރުނު. އެހެން ހުއްޓާ އަދި މީހުން ޖަމާވާން ފެށީ،"

ގޭސް ސިލިންޑަރު ގޮވި ތަނުގައި ދެ ބިދޭސީއަކު ތިބި ކަމަށާއި އެ މީހުންނަށް ވީ ގޮތެއް ބަލައި ދޭން އެހެން ބިދޭސީއަކު "މިހާރު" އާ ވާހަކަ ދެއްކި މީހާ ގާތު އެދުނެވެ. އެކަމަކު، އެ ސަރަހައްދުން އެ ވަގުތު ފެނުނީ މަރުވި ދެ މީހުންގެ ހަށިގަނޑުގެ އެކި ބައިތަކެވެ.

އެ މީހާ ބުނި ގޮތުގައި ދުރުގައި މަޑުކޮށްލައިގެން ހުއްޓަސް މަރުވި މީހުންގެ ތެރެއިން އެކެއްގެ ދަތްޕިލަ ވަރަށް ދުރަށް ވިއްސައިގެން ގޮސްފައި އޮއްވައި ފެނުނެވެ. ގޮސް މަޑުކޮށްލީ އެ ދަތްޕިލަ ކައިރީގައި ކަމަށް ވިޔަސް އިތުރަށް ފޮޓޯއެއް ނަގަން ވެސް ފަސްޖެހުނެވެ.

ބާރުގަދަ އަޑުފައްގަނޑަކާ އެކު، ސިލިންޑަރު ގޮވި ނުރައްކާތެރި ހާދިސާގައި މަރުވީ މަކުނުދޫ އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރާ ކުންފުނީގައި އުޅޭ އިންޑިއާގެ ދެ މީހެކެވެ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކާކުކަން ނޭނގޭ ވަރަށް އެ މީހުންގެ ހަށިގަނޑު ވަނީ ކުދިކުދި ވެފަ އެވެ. އެ މީހުންގެ ހަށިގަނޑުގެ އެކި ގުނަވަންތައް މުޅި ސަރަަހައްދަށް ބުރައިގެން ގޮސްފައިވާއިރު އެ ބައިތައް ވެސް ހުރީ މުޅިންހެން އަނދައިފަ އެވެ.

އެ ހާދިސާގައި ވަނީ މަކުނުދޫ މަސްމާރުކޭޓުގެ ބިއްލޫރިގަނޑު އެއްކޮށް ތަޅައިގެން ގޮސްފަ އެވެ. ބަނދަރުގައި އަޅާފައި އޮތް ދޯންޏަކަށް ވެސް ގެއްލުންވިއިރު އެތަނުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކަށް ވެސް ގެއްލުން ލިބުނެވެ. ބަނދަރު ކައިރީގައި ހުރި ބައެއް ގެތަކުގެ ލައިޓްތައް ތަޅައިގެން ދިއުން ފަދަ އެކި ގެއްލުންތައް ވެސް އެ ހާދިސާގައި ލިބުނެވެ.

އެއީ ކިހިނެއް ހިނގި ހާދިސާއެއް ކަމެއް ބުނާކަށް އެކަކަށް ވެސް އަދި ނޭނގެ އެވެ. ފުލުހުން ބުނީ އެ ހާދިސާ ތަހުގީގުކުރުމަށް ކުޅުދުއްފުށިން ފޮރެންސިކް ޓީމަކާއި ތަހުގީގު ޓީމެއް މަކުނުދޫގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ ތަހުގީގުގައި ސިފައިން ވެސް ބައިވެރިވެ އެވެ.