Roadha Mihaaru
ގޭސް ފުޅިގޮވި ހާދިސާ އެމްއެންޑީއެފާ ގުޅިގެން ތަހުގީގުކުރަނީ

ގޭސް ފުޅި ގޮވައި ދެ މީހަކު މަރުވި ހާދިސާ ސިފައިންނާއި ފުލުހުން ގުޅިގެން ތަހުގީގުކުރަނީ

21 އޮކްޓޯބަރ 2023

ހދ. މަކުނުދޫގައި މިއަދު ހަވީރު ގޭސް ސިލިންޑަރެއް ގޮވައި ދެ މީހަކު މަރުވި ހާދިސާ ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ތަހުގީގުކުރަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހދ. މަކުނުދޫގައި މިއަދު ހަވީރު ގޭސް ސިލިންޑަރެއް ގޮވައި ދެ މީހަކު މަރުވި ހާދިސާ ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ތަހުގީގުކުރަން ފަށައިފި އެވެ.

މިއަދު ހަވީރު 4:15 ހާއިރު މަކުނުދޫ މަސް މާރުކޭޓު ކައިރީގައި ހުރި ގޭސް ސިލިންޑަރެއް ގޮވައި މަރުވީ އެ ރަށުގެ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތުގައި އުޅުނު އިންޑިއާގެ ދެ މުވައްޒަފެކެވެ. އެ ދެ މީހުން ވަކި ނުވާ ވަރަށް ހަށިގަނޑުގެ ބައިތައް ޗިސްޗިސްވެ، ވަނީ ވަރަށް ދުރަށް ބުރަބުރައިގެން ގޮސްފަ އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ކުޅުދުއްފުށިން ފޮރެންސިކް ޓީމަކާއި ތަހުގީގު ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. ސިފައިން ބުނީ ފުލުހުންނާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ. އެހެންވެ، އެއީ ކިހިނެއް ހިނގި ހާދިސާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ބާރުގަދަ ގޮވުމަކާ އެކު ހިނގި އެ ހާދިސާގައި ވަނީ ރަށުގެ މަސް މާރުކޭޓާއި އެސްޓީއޯ ގުދަނަށް ވެސް ގެއްލުން ވެފަ އެވެ. އެ ތަންތަނުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކައިރީގައި އަޅާފައި އޮތް ދޯންޏަކާއި އެ ތަނުގެ ކައިރީގައި ހުރި ބައެއް ގެތަކަށް ވެސް އެކިވަރުގެ ގެއްލުން ލިބުނެވެ.