Roadha Mihaaru
ފައިސާ ފޭރުނު މީހާގެ ބަންދަށް ހަތް ދުވަސް

ހަނިމާދޫގައި ފައިސާ ފޭރުނު މީހާގެ ބަންދަށް ހަތް ދުވަސް

05 އޮކްޓޯބަރ 2023

ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، ފައިސާތަކެއް ފޭރިގަތް މައްސަލާގައި ހައްޔަރުކުރި މީހާ ތަހުގީގުގެ ބޭނުމަށް ހަތް ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަންގައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހދ. ހަނިމާދޫގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، ފައިސާތަކެއް ފޭރިގަތް މައްސަލާގައި ހައްޔަރުކުރި މީހާ ތަހުގީގުގެ ބޭނުމަށް ހަތް ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަންގައިފި އެވެ.

އެ ރަށުގެ ގެއަކަށް ވަދެ އެގޭގައި ދިރިއުޅޭ 63 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާކުރި މައްސަލައެއް ފުލުސް އޮފީހަށް ހުށަހެޅީ އަންގާރަ ދުވަހުގެ ރެ އެވެ. އޭނާ އަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން އިއްޔެ ބުންޏެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން މިއަދު ބުނީ އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ހަތް ދުވަސް ދީފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އެ މީހާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ މަރަދޫގައި ވެސް 81 އަހަރުގެ މީހަކު ބަނުމަށް ފަހު ފޭރުނު މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ 50 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.