Roadha Mihaaru
މަޖިލިސް އިންތިހާބަށް ގިނަ މުވައްޒަފުން ހޯދަނީ

މަޖިލިސް އިންތިހާބަށް 300 އަށް ވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާނުކޮށްފި

04 އޮކްޓޯބަރ 2023

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މަސައްކަތްތަކަށް އިލެކްޝަންސް ކޮމިޝަނުން 300 އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މަސައްކަތްތަކަށް އިލެކްޝަންސް ކޮމިޝަނުން 300 އަށްވުރެ ގިނަ މުވައްޒަފުން ހޯދަން އިއުލާނުކޮށްފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުތަކުގައި ބުނީ ސެކިއުރިޓީ އާއި ލޮޖިސްޓިކް އޮފިސަރުންނާއި މެނޭޖަރުން އަދި އޮފިސަރުން ފަދަ މަގާމުތަކަށް 306 މުވައްޒަފުން ބޭނުންވާ ކަމަށެވެ.

އެ މަގާމުތަކަށް އަންނަ ޑިސެމްބަރު 31ގެ ނިޔަލަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފަ އެވެ.

އިންތިހާބަށް މުވައްޒަފުން ނަގަން އިއުލާނުކުރިޔަސް، އެ އިންތިހާބު ބާއްވާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

އެކަމަކު، އީސީން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނުގައި ވަނީ އަލަށް އިތުރުވާ ހަ ގޮނޑިއާއެކު އިންތިހާބީ ދާއިރާތައް ކަނޑައަޅައިފަ އެވެ.

މަޖިލީހުގައި މިހާރު ތިބީ 87 މެމްބަރުންނެވެ. އެ އަދަދު މި ވަނީ 93 އަށް އިތުރުވެފަ އެވެ.

މި ފަހަރުގެ އިންތިހާބަށް، ބައެއް ދާއިރާތަކުގެ ނަމަށް ވެސް ބަދަލު އައިސްފައިވެ އެވެ.

ހުޅުމާލެ ދާއިރާގެ ނަން، ހުޅުމާލެ ދެކުނު ދާއިރާއަށް، ކ. ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް، ތ. ގުރައިދޫ ދާއިރާގެ ނަން ގުރައިދޫ ދާއިރާއަށް އަދި ފޭދޫ ދާއިރާގެ ނަން ފޭދޫ ދެކުނު ދާއިރާގެ ނަމަށް ބަދަލުކޮށްފައިވެ އެވެ.