Roadha Mihaaru
އެއްވެސް މެންބަރެއްގެ ގޮނޑިއެއް ނުގެއްލޭ: މައުމޫން

އެއްވެސް މެންބަރެއްގެ ގޮނޑިއެއް ނުގެއްލޭ: މައުމޫން

02 ޑިސެމްބަރ 2017

ސުޕްރީމް ކޯޓުގެ ހުކުމަށް ބަލާއިރު މިހާތަނަށް މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވިދާޅުވެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަންތައްތައް ކުރަން އިލެކްޝަންސް ކޮމިޝަނާއި ޕީޕީއެމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނެއްކާވެސް ގޮވާލައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސުޕްރީމް ކޯޓުގެ ހުކުމަށް ބަލާއިރު މިހާތަނަށް މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވިދާޅުވެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަންތައްތައް ކުރަން އިލެކްޝަންސް ކޮމިޝަނާއި ޕީޕީއެމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނެއްކާވެސް ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީގެެ ގޮނޑި ގެއްލުވާލި މައްސަލައާ ގުޅިގެން މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިޖެކަން ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީ އާއި ގާނޫނުތަކުން ވެސް އޮންނަނީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށެވެ. އެހެންވެ ގޮނޑި ގެއްލުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ނެރުނު އަމުރުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭކަން ސާފުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރި މެމްބަރުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގެ ކުރިން ޕާޓީން ވަކިވެވަޑައިގެންފައި ކަމަށެވެ. އެހެންވެ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެހެންކަމުން އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުހައްމަދު އަބްދުﷲ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީގެ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ނުގެއްލެ އެވެ. ހަމަ އެހެންމެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހުގެ މަޖިލީހުގެ މެންބަރުކަމެއް ނުގެއްލެ އެވެ،" މައުމޫން ނެރުއްވި ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ މެންބަރަކު މަޖިލީހަށް އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކިކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށެވެ. އެކަމަކު ކުރިން ހިނގާފައިވާ ކަންކަމަށް އެ ހުކުމުގެ ބާރު ނުފޯރާނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ.

ޕީޕީއެމުން މިހާތަނަށް ވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދުގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ގޮނޑި ގެއްލިއްޖެ ކަމަށް ނިންމާފަ އެވެ. މިގޮތަށް ނިންމީ މި މެމްބަރުން ޕާޓީން ވަކިވާން ސިޓީ ފޮނުއްވުމުން ވެސް އެކަމާ މެދު ގޮތެއް ނުނިންމާ ބޭއްވުމަށް ފަހު، ހުކުމުގެ ފަހުން ޕާޓީން ވަކިކޮށްފަ އެވެ.