Roadha Mihaaru
ގޭންގު ހަރަކާތް އިތުރުވެ، ފިޔަވަޅުތައް ވަރުގަދަކޮށްފި

ގޭންގުގެ ހަރަކާތްތައް އިތުރުވެ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި

30 ސެޕްޓެމްބަރ 2023

މާލޭގައި ގޭންގު ގްރޫޕުތަކުގެ ހަރަކާތްތައް އިތުރުވަމުންދާތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި ގޭންގު ގްރޫޕުތަކުގެ ހަރަކާތްތައް އިތުރުވަމުންދާތީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން މިއަދު ފަށާފައިވާއިރު، ގޭންގުތަކުން ވަނީ މަޖިލީހުގެ އައްޑޫ ދެ މެމްބަރަކާއި ހުޅުމާލެ 2 ގައި ހުންނަ އެމްޑީޕީ އޮފީހުގައި ތިބި ޕާޓީގެ އޮފިޝަލުންނަށް ބިރުދައްކައި އިންޒާރު ދީފަ އެވެ.

އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ހިންގާ މޫކައި ސޫޓު ސަރަހައްދުގައި ވެސް ގޭންގު ބަޔަކު ރޭ އެއްވެ، އަޑުއުފުލި ކަމަށް އެ ޕާޓީން ބުނެ އެވެ.

އެ ހާދިސާތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ ޖިނާއީ ކުށްތަކަށް އަރައިގަންނަ ގްރޫޕުތަކުގެ ހަރަކާތްތައް މާލެ ތެރޭގައި އިތުރުވަމުންދާ ކަމަށް ފާހަގަކުރެވުމާ އެކު އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އިންތިހާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

"މިފަދަ ގްރޫޕުތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުންނަށް އިންޒާރުދީ ބިރުދެއްކުމާއި މިއަދު އިންތިހާބާ ގުޅުންހުރި ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާ ދިނުން ފަދަ މައްސަލަތައް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅިފައިވެ އެވެ. މި މައްސަލަތައް ފުލުހުން ގެންދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ." ބަޔާނުގައި ވެ އެވެ.

މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް (މަވޯޓާ) އަށް ހަމަލާދިނީ މެންހަޓަން ހޮޓަލުގައި އިންތިހާބާ ގުޅޭގޮތުން މަރަދޫ ދާއިރާގެ ބަޔަކު މަސައްކަތުގައި ތިއްބައި ގޭންގަކުން ވަދެގެންނެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ހަމަލާ ދިނީ މި ތަނުން ވޯޓު ގަތުމުގެ ކަންކަން ކުރާ ކަމަށް ތުހުމަތުކޮށެވެ. އަދި އެކަން ކުރީ ޕީޕީއެމަށް ނިސްބަތްވާ ގޭންގަކުން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އެ ރަށުގައި ހުންނަވަނިކޮށް ހަމަލާދިނުމުން އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ހޯދި އެވެ. ނަމަވެސް، އޭގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އެކަން ދޮގުކޮށް ޕީޕީއެމުން ބުނީ މާލެ އާއި އައްޑޫގައި ހިނގި މާރާމާރީއާ ހަމަނުޖެހުމުގައި ޕީޕީއެމް/ޕީއެންސީގެ މެމްބަރެއް އަދި ސަޕޯޓަރެއްގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.

"ޕީޕީއެމް ޕީއެންސީ މެމްބަރުން އަދި ސަޕޯޓަރުން އެފަދަ ކަމެއްގައި ބައިވެރިވެފައިނުވާ ކަމުގެ ޔަގީންކަން އަރުވަން. އަދި އެފަދަ ކަމެއްގައި ބައިވެރިނުވުމަށް މި އަންނަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުން." ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވި އެވެ.