Roadha Mihaaru
އޭޝިއަން ގޭމްސްގައި ގައުމީ ކްރިކެޓް ޓީމަށް ތާރީހީމޮޅެއް

އޭޝިއަން ގޭމްސްގައި ގައުމީ ކްރިކެޓް ޓީމަށް ތާރީހީ މޮޅެއް

28 ސެޕްޓެމްބަރ 2023

ޗައިނާގެ ހަންގްޒޫ ސިޓީގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ގައުމީ ކްރިކެޓް ޓީމު ތާރީހީ މޮޅެއް ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޗައިނާގެ ހަންގްޒޫ ސިޓީގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ގައުމީ ކްރިކެޓް ޓީމު ތާރީހީ މޮޅެއް ހޯދައިފި އެވެ.

ގުރޫޕް ސްޓޭޖުގައި ރާއްޖޭން މިއަދު މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކުރީ ނުވަ ވިކެޓުންނެވެ. މީގެ ކުރިން 2014 އަދި 2010 ގެ ގޭމްސްގައި ވެސް ރާއްޖެއަށް މެޗަކުން މޮޅެއް ނުހޯދެ އެވެ.

މެޗުގެ ޓޮސް ދިމާވެގެން ރާއްޖޭން ނިންމީ އުކާށެވެ. ފުރަތަމަ އިނިންސްގައި މޮންގޯލިއާ ވަނީ 20 އޯވަރު ތެރޭ ނުވަ ކުޅުންތެރިން ނުބައި ވެގެން 60 ލަނޑު ހަދައިފަ އެވެ. މި އިނިންސްގައި ރާއްޖޭގެ އަޒްނީން މުހައްމަދު ރަފީގު ވަނީ ތިން ވިކެޓް ނަގައިފަ އެވެ. އަދި މުހައްމަދު ރަޔާން ތޮލާލް ވަނީ ދެ ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައިި ރާއްޖޭން މެޗު ކާމިޔާބު ކުރީ 6.4 އޯވަރު ތެރޭ އެއް ކުޅުންތެރިއަކު ނުބައި ވެގެން 62 ލަނޑު ހަދައިގެންނެވެ. ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ އަޒްނީން އެވެ. އޭނާ ވަނީ ނުބައި ނުވެ 16 ބޯޅައިން 24 ލަނޑު ހަދައިފަ އެވެ. އަޒްނީން ވަނީ ތިން ބޯޅަ ހަތަރަކަށް އަދި އެއް ބޯޅަ ހަޔަކަށް ޖަހައިފަ އެވެ.

ރާއްޖޭގެ ޓީމު މެޗު ކާމިޔާބު ކުރުމަށް ފަހު އުފާޅު ކުރަނީ.-- ފޮޓޯ: އިސްމާއިލް ތޯރިގު/ އެމްއޯސީ

ރާއްޖޭގެ ޓީމު މެޗު ކާމިޔާބު ކުރުމަށް ފަހު އުފާޅު ކުރަނީ.-- ފޮޓޯ: އިސްމާއިލް ތޯރިގު/ އެމްއޯސީ

އަޒްނީން އާއެކު އޯޕަނިންގައި ނުކުތް އިސްމާއިލް އަލީ ނުބައިވީ 10 ބޯޅައިން ނުވަ ލަނޑު ހަދައިފަ އެވެ. އިސްމާއިލް ނުބައި ވުމުން ކުޅެން އެރި ރާއްޖޭގެ ކެޕްޓަން ހަސަން ހާޒިގް ރަޝީދު (ހާޖީ) ވަނީ ނުބައި ނުވެ 14 ބޯޅައިން 21 ލަނޑު ހަދައިފަ އެވެ.

މި މެޗަކީ ރާއްޖޭގެ ނުވަ ކުޅުންތެރިއަކު ކުޅުނު ބައިނަލްއަގުވާމީ ޓީ20 ފުރަތަމަ މެޗެވެ. އެ ކުޅުންތެރިންނަކީ އަޒްނީން، އިސްމާއިލް، ރަޔާން، ޝިއުސް ފަރީދު، މުއާވިޔަތު އަބްދުލް ގަނީ، ސާދިން ހުސެއިން، މުހައްމަދު މިއުވާން، ނާއިލް އިސްމާއިލް ނަސީރު އަދި ރައްސާމް ރަޝީދެވެ.

މެޗުން މޮޅުވުމުން ރާއްޖެއަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. މި ގުރޫޕްގައި ހިމެނޭ ނޭޕާލް ވެސް ވަނީ އިއްޔެ 273 ލަނޑުން މޮންގޯލިއާ ބަލިކޮށް ދެ ޕޮއިންޓް ހޯދައިފަ އެވެ.

މި ގުރޫޕްގެ ފަހު މެޗުގައި ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާނީ އަންނަ އާދިއްތަ ދުވަހު އެވެ.

މުބާރާތުގެ ނޮކައުޓް ބުރަށް ދާނީ ގުރޫޕް ސްޓޭޖުގައި ހިމެނޭ ތިން ގުރޫޕުން ވެސް އެއްވަނަ ހޯދާ ޓީމުތަކެވެ. ކްރިކެޓްގެ ވަރުގަދަ ބާރުތައް ކަމުގައިވާ އިންޑިއާ، ޕާކިސްތާން، ސްރީ ލަންކާ، ބަންގްލަދޭޝް އަދި އަފްގާނިސްތާނަށް ވަނީ ކުއާޓާ ފައިނަލުން އޮޓަމެޓިކު ޖާގައެއް ޔަގީން ވެފަ އެވެ.