Roadha Mihaaru
އުތުރު ތިލަފަޅުން ގޯތި ދޭން ރައީސް ނިންމަވައިފި

ގޯތި ދެނީ ސިފައިންގެ ބަނދަރު އަޅާ އުތުރު ތިލަފަޅުން: ރައީސް

23 ސެޕްޓެމްބަރ 2023

ސަރުކާރުން އަލަށް އިއުލާން ކުރި, މާލޭގައި 20 އަހަރުވެފައިވާ މީހުންނަށް ގޯތި ދިނުމުގެ މަޝްރޫއުގައި ބިން ދޫކުރާނީ އެމްއެންޑީއެފްގެ ޑޮކްޔާޑަކާއި ބަނދަރެއް ހެދުމުގެ މަސަކަތް ހިނގަމުން އަންނަ އުތުރު ތިލަފަޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރުން އަލަށް އިއުލާން ކުރި, މާލޭގައި 20 އަހަރުވެފައިވާ މީހުންނަށް ގޯތި ދިނުމުގެ މަޝްރޫއުގައި ބިން ދޫކުރާނީ އެމްއެންޑީއެފްގެ ޑޮކްޔާޑަކާއި ބަނދަރެއް ހެދުމުގެ މަސަކަތް ހިނގަމުން އަންނަ އުތުރު ތިލަފަޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވަނީ ގޯތި ދިނުމުގެ އާ މަޝްރޫއުގެ ތެރެއިން މާލެ އުތުރު ތިލަފަޅާ ހަމައަށް މާލެ ގުޅުވާލާނެ ކަމަށާއި އެތަނުން ދިވެހިންނަށް ބިން މިލްކު ކުރެވޭނެ ގޮތް ހަދާނެ ކަމަށް ވިދާޅުވެފަ އެވެ.

"އެކަމަށް [ގޯތި ދިނުމަށް] އަޅުގަނޑުމެން ނިންމާފައި އޮތް އެއް ފަޅަކީ އެ ވިދާޅުވާ އުތުރު ތިލަފަޅު. އެތަނުގައި ދިވެހިން ދިރިއުޅޭނީ. ބޭރު މީހުންނެއް ނޫން ދިރިއުޅޭނީ،" ރައީސް ވިދާޅުވި އެވެ.

"މާލެއިން ހުޅުމާލެ އަށް، ގުޅިފަޅުން ތިލަފުއްޓަށް، ތިލަފުށިން ގިރާވަރު ފަޅަށް ގިރާވަރުފަޅުން އުތުރު ތިލަފަޅަށް ބްރިޖުން އެތަން ގުޅިގެން ދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިއުލާން ކުރެއްވި އާ މަޝްރޫއުގެ ދަށުން ގޯތި ދެނީ މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައި މީހުންނާއި ދަތްފަރުގައި ރަޖިސްޓްރީ ކުރިތާ 20 އަހަރުވެފައިވާ މީހުންނަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލުމަށް މިރޭ އިރުކޮޅެއް ފަހުން ހުޅުވާލާނެ އެވެ. ހުޅުވައިލުމުން ވީހާވެސް ގިނަ ބަޔަކު އެކަމަށް ކުރިމަތިލުމަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއިން އެއްވެސް ފަރާތަކަށް ތަފާތު ކުރުމެއް ނެތި ބިން މިލްކު ކުރެވޭ ގޮތް ހަދާނަން." ރައީސް ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓް ގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާ އެކު އެއްބަސްވުމެއްގައި ސޮއި ކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

އެހެން ނަމަވެސް އުތުރު ތިލަފަޅުގައި އެ ގައުމުގެ ސިފައިން ތިބޭ ކަމާއި އެތަން ތަރައްގީ ކުރުމަށް އިންޑިއާ އާއެކު ވެފައިވާ އެއްބަސްވުން ހާމަ ނުކުރާ މައްސަލާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެ އެވެ.