Roadha Mihaaru
"މާލޭގައި 20 އަހަރުވުމުން ގޯއްޗާއި ފްލެޓް ދޭނަން"

މާލޭގައި 20 އަހަރުވީ މީހުންނަށް ގޯއްޗާއި ފްލެޓް ދޭނަން: ރައީސް

19 ސެޕްޓެމްބަރ 2023

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް މާލޭން ގޯއްޗާއި ފްލެޓް ދޭން ނިންމައި އެކަމާ ގުޅޭ ހައުސިން ސްކީމެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެންމެންނަށް މާލޭން ގޯއްޗާއި ފްލެޓް ދޭން ނިންމައި އެކަމާ ގުޅޭ ހައުސިން ސްކީމެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ގަލޮޅުގައި މިރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި އެކަން ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން 19،000 މީހުންނަށް ގޯތި އަދި 16،000 މީހުންނަށް ފްލެޓް ދޭން ނިންމާފައިވުން ފާހަގަކުރެއްވި އެވެ.

މާލޭގެ ރައްވެހިންގެ އިތުރުން މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ މީހުން ވެސް އެބަ ތިބި ކަމަށާއި އެމީހުންނަކީ އަމިއްލަ ރަށުން ވެސް ގޯތި ލިބުމަށް ހުރަސްތަކެއް ހުރި މީހުންކަން ރައީސް ފާހަގަކުރެއްވި އެވެ. އެފަދަ މީހުންނަށް ހާއްސަކޮށް ހައުސިން ސްކީމެއް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

"އެބަ އުޅޭ 20 އަހަރު، 35 އަހަރު މާލޭގައި ދިރިއުޅޭތާ ވެފައިވާ މީހުން. އަޅުގަނޑު ވެސް މި މާލޭގައި އުޅޭތާ 50 އަހަރުވީ. އަޅުގަނޑުމެންގެ ސިޔާސަތުތައް އޮތް ގޮތުން މިހާރު މިފަދަ މީހުންނަށް ގޯއްޗެއް ނުލިބޭ. ރަށުގައި ދިރިނޫޅޭތީ ރަށުން ވެސް ގޯއްޗެއް ހޯދަން ހުރަސްތައް އެބަހުރި. އެހެންވީމަ އަޅުގަނޑުމެން މި އިއުލާން ކުރަނީ އާ ހައުސިން ސްކީމެއް،" ރައީސް ވިދާޅުވި އެވެ. ޔ

ރައީސް ވިދާޅުވި ގޮތުގައި މާލޭގެ ދަފްތަރުގައި ޖެހި 20 އަހަރުވީ މީހުންނާއި މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާކަން ސާބިތުކޮށްދެވޭ ކޮންމެ މީހަކަށް ވެސް މި ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދެވޭނެ އެވެ.

"މި ސިޔާސަތުތައް ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އެވަނީ ކަނޑައަޅާފައި. މާލޭ ރަށްވެހިންނާއި މާލެ އަށް ހިޖުރަކޮށްގެން ތިބި މީހުންނަށް ދާއިމީ ހައްލެއް މި ސިޔާސަތުން ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެހެން ބައެއް ހައުސިން ސްކީމްތަކާ ގުޅޭ ތަފްސީލްތަކެއް ވެސް މިއަދު ދެއްވާފަ އެވެ. ރައީސް ވިދާޅުވީ މާލޭން ދޫކުރި ގޯތިތަކުގައި ގެދޮރު އެޅުމަށް އެހީތެރިވުމުގެ ގޮތުން ހައުސިން ބޭންކެއް ގާއިމްކޮށް ލުއި ލޯނު ދޫކުރާނެ ކަމަށެވެ.

ހައުސިންގެ އެހެން މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކޮށް ދޭ ފްލެޓްތަކުގެ ލިސްޓް މިއަދު ހަވާލުކޮށްފައިވާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ގައުމީ ޔުނިވާސިޓީ އާއި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަ ކުރާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ވެސް ނެރޭނެ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި ކުލީގެ އަގު ބޮޑު ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެހެންވެ، އެ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށް އެކަން ވަރަށް ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހަމަ އެގޮތަށް އެމްޕީއެލްގެ ފްލެޓްތަކުގެ ކުލީގެ އަގާއި ޑައުންޕޭމަންޓަށް ވެސް ހެޔޮ ބަދަލު ގެންނަން ނިންމާފައިވާ ކަމަށާއި އެކަން ވެސް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.