Roadha Mihaaru
"އަމީނީމަގުގެ ބާކީ ބައި ހަދަން ފަށާނީ އަންނަ މަހު"

އަމީނީމަގުގެ ބާކީ ބައި ހަދަން ފަށާނީ އަންނަ މަހު: އަކްރަމް

20 ސެޕްޓެމްބަރ 2023

އަމީނީމަގުގެ ބާކީ ބައި ހަދަން ފަށާނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ފަހު ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަމީނީމަގުގެ ބާކީ ބައި ހަދަން ފަށާނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ފަހު ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އަލަށް ހަދަމުން އަންނަ މަގުގެ ފަހު ސެގްމެންޓު ފަށަން ފުރަތަމަ ނިންމީ މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ކަމަށެވެ. ނަމަވެސް، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ދެ ވަނަ ބުރަށްފަހު މަގު ހަދަން ފަށާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީއާ ހަމައަށް ތާރު އެޅުމަށްފަހު މަސައްކަތް މެދުކަނޑާލީ، ވޯޓުލާ ދުވަހު މަގު ބަންދުކޮށްފައި އޮވެއްޖެ ނަމަ ގިނަ ބަޔަކަށް ދަތިވާނެތީ އެވެ.

އަމީނީމަގުގައި ދެން ތާރުއަޅަން ޖެހޭނީ ކުޑަ ތަންކޮޅެއްގަ އެވެ. ނަމަވެސް، އެއީ، އެ މަގުގައި އެންމެ ބާރުބޮޑު ހިސާބެވެ. ވިލިމާލެ ފެރީ ޓާމިނަލާއި އައިޖީއެމްއެޗްގެ ބޭރު މަގާ ގުޅޭ ހިސާބަށް ވުމުން އެ މަގުން ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ދަތުރުކުރެ އެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ބާކީބައި ބަންދުކޮށް، އާއްމުންނަށް ދަތިނުވާނެ ގޮތަކަށް ބަދަލުތައް ގެންނާނެ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ އަމީނީމަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރު އޮކްޓޯބަރުގަ އެވެ.