Roadha Mihaaru
"އަމީނީމަގު ހަދަން އެއްބަސްވުމެއް އޮތިއްޔާ ދައްކަންވީ"

"އަމީނީމަގު ހަދަން އެއްބަސްވުމެއް އޮތިއްޔާ ދައްކަންވީ"

06 ޖުލައި 2022

މަގު ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން އުޅެނީ މައްސަލަތަކަށް ހައްލު ހޯދަން ކުރާ މަސައްކަތްތަކަށް ޖެއްސުންކުރަން ކަމަށާއި އަމީނީމަގުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރުމަށް ފަހު އަތުލީ ކަމަށް ބުނާ ނަމަ އެއްބަސްވުން ހާމަކުރުމަށް ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަގު ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން އުޅެނީ މައްސަލަތަކަށް ހައްލު ހޯދަން ކުރާ މަސައްކަތްތަކަށް ޖެއްސުންކުރަން ކަމަށާއި އަމީނީމަގުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރުމަށް ފަހު އަތުލީ ކަމަށް ބުނާ ނަމަ އެއްބަސްވުން ހާމަކުރުމަށް ބުނެފި އެވެ.

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ ކުރީގެ ސިޓީ ކައުންސިލާ އެކު ސޮއިކުރީ މާލޭގެ މަގުތައް 13 ސެގްމަންޓަކަށް ބަހާލައިގެން މަސައްކަތްކުރަން ކަމަށާއި މިހާތަނަށް ހަތް މަގެއް ނިންމާފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ތެރޭގައި ވަރަށް ބޮޑަށް ހަލާކުވެފައިވާ އަމީނީމަގާއި ބޮޑުތަކުރުފާނު މަގު އަދި މަޖީދީމަގު ނުހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުން ބުނީ އަމީނީމަގު މަރާމާތުކުރަން އެ ކައުންސިލުން އާރްޑީސީއާ 39 މިލިއަން ރުފިޔާ އަށް ހަވާލުކުރި ކަމަށެވެ. އެކަމަކު އެ މަސައްކަތް އަތުލައި ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށް ކަމަށާއި އެހެންވެ، އެއީ ކޮރަޕްޝަންގެ އަމަަލެއް ކަމަށް ސިޓީ ކައުންސިލުން ތުހުމަތުކުރެ އެވެ.

މާލޭގެ މަގުތަކުގައި އަލުން ގާ އަތުރައި، މަގުތަކަށް ބަދަލު ގެނައުމަށް އާރުޑީސީއާ ކުރީގެ ސިޓީ ކައުންސިލުން ހަވާލުކޮށްފައި ވަނީ ޖުމްލަ 462 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން ތިން މަގެއް ހެދުމަށް ފަހު، މަސައްކަތް އަދިވެސް އޮތީ ހުއްޓިފަ އެވެ.

މޫކޭ ވިދާޅުވި ގޮތުގައި ކައުންސިލާ އެކު ވެފައިވާ އެއްބަސްވުމަށް ތިން އިސްލާހެއް ކުރިން ގެނަ އެވެ. ނަމަވެސް ސްކޯޕަށް އަދި އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކުރީ ހަދަން ނުފަށާ 11 ސެގްމެންޓު މަސައްކަތް އެއްފަހަރާ ފެށުމަށް ކަމަށާއި އެއްބަސްވުމަށް އިތުރު ބަދަލެއް ނުގެންނަ ކަމަށް އާރުޑީސީން ބުންޏެވެ.

އަމީނީމަގު ހެދުމުގެ މަޝްރޫއުގައި ސޮއިކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނާ ބުނުމަށް ރައްދު ދެއްވަމުން މޫކޭ ވަނީ އެއްބަސްވުމެއް އޮތް ނަމަ އެކަން ހާމަކުރުމަށް ގޮވާލައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާ ކައުންސިލަރުން ހުވާކުރިތާ ދެ ވަނަ ދުވަހު ކައުންސިލަށް ހާޒިރުކޮށް މަޝްރޫއުގެ ސްކޯޕް ބަދަލުކުރަން ބޭނުންވާ ކަމަށް އެންގި އެވެ. އަދި ކައުންސިލުން ބޭނުންވާ ގޮތަށް ބަދަލުނުކުރާ ނަމަ އެ ފަރާތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދޭނެ އެހެން ބަޔަކު ހޯދަން އިއުލާންކުރާނެ ކަމަށް މުއިއްޒު ވިދާޅުވި ކަމަށް މޫކޭ ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން އަޅުގަނޑުމެން ދެ ފަރާތުގައި އެބައޮތޭ އެއްބަސްވުމެއް، އޭރުގެ ސިޓީ ކައުންސިލް ވެސް މިހާރުގެ ސިޓީ ކައުންސިލް ވެސް. އެއްބަސްވުން އޮތީ އަޅުގަނޑާ މޭޔަރާ ދެމެދުގައެއް ނޫނޭ. އެހެންވީމަ އެއްބަސްވުމަށް ދެ ފަރާތުން އިހުތިރާމް ކުރީމަ ރަނގަޅުވާނެ،" މޫކޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކައުންސިލަށް އެއް އަހަރުގެ ތެރޭގައި ކުރެވުނު ކަމަކީ ރޯޝަނީ މަގުގެ މަސައްކަތެވެ. ނަމަވެސް އެކަމުގައި ވެސް އެކި ކަހަލަ ޖެއްސުންތައް ކުރިމަތިކުރުވި ކަމަށް ވިދާޅުވި އެވެ. އަދި ޕްލޭނިން މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމަކީ ސިޓީ ކައުންސިލާ ބެހޭ ކަމެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނީ ގޮތުން އެއްވެސް މައްސަލައެއް ނެތް. އެކަމަކު، އެ ބޭފުޅުންގެ މަސްލަހަތު ހިމެނޭ ކަމެއްގައި މަޝްވަރާއަށް އެހުމަކީ އޮންނަ ކަމެއް،" މޫކޭ ވިދާޅުވި އެވެ.

"މުއިއްޒުއާ އެކު އަޅުގަނޑުގެ ތަޖުރިބާއަކީ އެއްވެސް ކަމެއް 3-4 ފަހަރު ނުކޮށް ސަލާމަތްވާނެ ގޮތަކަށް ނުކުރާނެކަން."

އަމީނީމަގަމަށް މި ވީހާ ދުވަހު ހޯދައި ނުދެވުނު ހައްލު 210 ދުވަހުގެ ތެރޭގައި ހޯދައިދޭނެ ކަމުގެ ޔަގީންކަން އާރުޑީސީން ދެ އެވެ.

ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އަމީނީމަގު ހެދުމަށް މުއިއްޒު ބޭނުންވީ ވަރަށް އާދައިގެ ގޮތަކަށް ކަމަށެވެ. އެހެންވެ، އެކަމާ މިނިސްޓްރީން ގަބޫލުނުވީ ކަމަށް އޭނާ ވިދާޅުވި އެވެ.