Roadha Mihaaru
ބޯންމެރޯ ހަދަން 5 ކުއްޖަކަށް ފުރުސަތު ދީފި

ދައުލަތުގެ ހަރަދުގައި ބޯންމެރޯ ހަދަން ފަސް ކުއްޖަކަށް ފުރުސަތު ދީފި

19 ސެޕްޓެމްބަރ 2023

މެދުކެނޑުމަކަށް ފަހު ދައުލަތުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު މިއަދު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މެދުކެނޑުމަކަށް ފަހު ދައުލަތުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު މިއަދު ދީފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ ޒަކާތު ފަންޑާއި އާސަންދަ އަދި އެންސްޕާގެ އެހީގައި ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހަދާނީ އިންޑިއާގެ އެސްޓަ މެޑްސިޓީގައި ކަމަށެވެ.

މި ފަހަރު ޓްރާންސްޕްލާންޓް ހެދުމަށް 16 ކުއްޖަކު އިހުތިޔާރު ކުރި އެވެ. އެކަމަކު، އެސެސްމަންޓުތަކާއި ޓެސްޓުތައް ހެދުމަށް ފަހު އެ ފުރުސަތު ދިނީ މި ވަގުތަށް އެންމެ ބޭނުންވާ ފަސް ކުއްޖަކަށެވެ.

ފަރުވާ އަށް މި ހަފުތާގައި އެ ކުދިން ފުރުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދައުލަތުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ލިބުނު މީހުންނަށް ސެޓްފިކެޓު ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

ދައުލަތުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ލިބުނު މީހުންނަށް ސެޓްފިކެޓު ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ނަސީމް ވާހަކަދައްކަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

ޓްރާންސްޕްލާންޓަށް ފުރުސަތު ލިބުނު ކުދިންނަށް ސެޓްފިކެޓު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، ތެލެސީމިއާ ކުދިންނަށް ވީހާ ވެސް ފަސޭހައިން ފަރުވާ އާއި ބޭސް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އެއް އަމާޒު ކަމަށެވެ.

އެ އަމާޒަށް ވާސިލް ވުމަށް ގިނަ މަސައްކަތްތައް ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ތެރޭގައި ހުޅުމާލެ އިން ބިމެއް ހޯދައި މޯލްޑިވިއަން ބްލަޑް ސާވިސްގެ އާ އިމާރާތް ހެދުން ހިމެނޭ ކަމަށާއި އެ ސެންޓަރު ގާއިމް ކުރުމުން ތެލެސީމިއާ ކުދިންނަށް ދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް ޖާގައިގެ ދަތިކަން ހައްލެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ލިބުނު މީހަކަށް، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ސެޓްފިކެޓު ހަވާލުކުރައްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

ދައުލަތުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ލިބުނު މީހަކަށް، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ސެޓްފިކެޓު ހަވާލުކުރައްވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

ނަސީމް ވިދާޅުވީ ނޭޝަނަލް ބްލަޑް ބޭންކުގެ ހިދުމަތް ވެސް އެ ތަނަށް ބަދަލުކުރާނެ ކަމަށެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހިދުމަތަށް ހާއްސަ އިސްކަމެއް ދީ، ފަރުވާގެ ކަންކަން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް އެކި ގައުމުތަކުން އެ ހިދުމަތްދޭ ގޮތް ބަލައި، ދިރާސާކޮށްފައިވާ ކަމަށާއި އެކަމުގެ އަލީގައި މި ފަހަރު ބޯންމެރޯ ހަދާ ކުދިންގެ ފަރުވާ ކާމިޔާބުކަމާއެކު ނިންމާލެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި މި ވަގުތު ވެސް ތެލެސީމިއާގެ 650 ކުދިން އެބަތިއްބެވެ.

ޒަކާތު ފަންޑުން މީގެ ކުރިން ބޯންމެރޯ ހަދަން ކުދިން ފޮނުވި އެވެ. މި އަހަރު އެ ފުރުސަތު ދީފައިވަނީ ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހުގަ އެވެ.