Roadha Mihaaru
12 އަހަރުގެ ރަޔާން އޭ ލެވެލަށް ކިޔަވަން ފަށައިފި

އުމުރުން 12 އަހަރުގެ ރަޔާން އޭ ލެވެލަށް ކިޔަވަން ފަށައިފި

17 ސެޕްޓެމްބަރ 2023

އޯލެވެލް އިމްތިހާނުގައި މިދިޔަ ދެ އަހަރު މޮޅު ކާމިޔާބީއެއް ހޯދި އުމުރުން 12 އަހަރުގެ ރަޔާން ރިޔާޒް އަބުދުލް ވާހިދު އޭލެވެލަށް ކިޔަވަން މިއަދު ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އޯލެވެލް އިމްތިހާނުގައި މިދިޔަ ދެ އަހަރު މޮޅު ކާމިޔާބީއެއް ހޯދި އުމުރުން 12 އަހަރުގެ ރަޔާން ރިޔާޒް އަބުދުލް ވާހިދު އޭލެވެލަށް ކިޔަވަން މިއަދު ފަށައިފި އެވެ.

ރާއްޖޭގައި އާއްމުކޮށް އޭ ލެވެލް ހަދަނީ އޯ ލެވެލް ނިންމުމަށް ފަހު އުމުރުން 16 އަހަރުގަ އެވެ. އެކަމަކު، މިއީ، މިހާ ހަގު އުމުރެއްގައި ގްރޭޑު 11 ކިޔަވަން ފެށި ފުރަތަމަ ދަރިވަރު ކަމަށް، ތައުލީމީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

ރަޔާން އޭ ލެވެލް ފެށި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް، ސައީދު އަހުމަދު ވިދާޅުވީ، އުމުރުން ކިތަންމެ ހަގު ވިޔަސް އާއިލާގެ އެދުމުގެ މަތިން އެ ދަރިވަރަށް ފުރުސަތު ދިނީ އޯ ލެވެލްގެ ނަތީޖާއަށް ބެލުމަށް ފަހު ގާބިލްކަން ހުރި ކުއްޖެއްކަން ޔަގީން ވުމުން ކަމަށެވެ.

ފުލުހުން ދިން ދައުވަތަކަށް ރަޔާން ފުލުހުންގެ ފޮރެންސިކް ލެބުގައި.-- ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުން ދިން ދައުވަތަކަށް ރަޔާން ފުލުހުންގެ ފޮރެންސިކް ލެބުގައި.-- ފޮޓޯ: ޕޮލިސް މީޑިއާ

ނަމަވެސް، މިއީ، ގޮންޖެހުމެއް ކަމަށް ސައީދު ވެސް ވިދާޅުވި އެވެ.

"އެހާ ހަގު އުމުރެއްގެ ކުއްޖަކު އޭލެވެލް ކިޔަވަން ފެށުމަކީ ގޮންޖެހުމެއް. އެކަމަކު ވަރަށް ތައްޔާރު. މި ފުރުސަތު އަޅުގަނޑުމެން ދޭން ނިންމީ ވެސް މިއީ ޗެލެންޖެއް ކަމަށް ބަލާފައި. ޓީޗަރުންނާއި ރަޔާންގެ ކްލާހުގެ ކުދިންނަށް ވެސް ކިޔައިދީފައި މިހާރު ވާނީ. އެންމެން ވެސް ރަޔާން އަށް އެހީތެރިކަން ފޯރުކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ.

އުމުރުން އެންމެ 10 އަހަރުގައި ރަޔާން އެންމެ ފުރަތަމަ ހެދީ ކެމިސްޓްރީ އޯ ލެވެލް ޓެސްޓެވެ. ހުރަވީ ސްކޫލްގައި ކިޔަވަމުން ދިޔަ ދަރިވަރަށް އެ ފަހަރު އޭ ސްޓާއެއް ލިބުނެވެ. އޭގެ ފަހުން، މިދިޔަ މެއި/ޖޫން މަހު ބޭއްވި އިމްތިހާނުން ބައޮލޮޖީން އޭ ސްޓާ، ހިސާބާއި އިނގިރޭސި އަދި ފިޒިކްސްއިން އޭ ހޯދި އެވެ.

އޯޓިސްޓިކް ކުއްޖަކަށް ވިޔަސް، ރަޔާންގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ކުރާ މަސައްކަތެއް މަންމަ އާއި ބައްޕަ ހުއްޓައެއް ނުލަ އެވެ.

ފުލުހުން ދިން ދައުވަތަކަށް ރަޔާން ފުލުހުންގެ ފޮރެންސިކް ލެބުގައި.-- ފޮޓޯ: ޕޮލިސް މީޑިއާ

ފުލުހުން ދިން ދައުވަތަކަށް ރަޔާން ފުލުހުންގެ ފޮރެންސިކް ލެބުގައި.-- ފޮޓޯ: ޕޮލިސް މީޑިއާ

ރަޔާން އޭ ލެވެލްގައި ބައިވެރިކުރަން މަންމަ އާއި ބައްޕަ ނިންމީ އެ ސަބަބާ ހެދި އެވެ.

"ރަޔާންގެ މަންމަ އާއި ބައްޕަ ބޭނުންވީ އޭލެވެލް ކިޔަވަން ފަށަން. އަޅުގަނޑުމެން ކައިރިއަށް އައީމާ އަޅުގަނޑުމެން ވާހަކަ ދެއްކިން. އެހާ ހަގު އުމުރެއްގައި އެއީ ރަޔާން އަށް އެންމެ ރަނގަޅު ގޮތޯ އާއި އެކަމުން ކިޔެވުމަށް އެއްވެސް އަސަރެއް ކޮށްފާނެތޯ، އާއިލާ އާއި ދެމަފިރިން ވެސް ވާހަކަ ދައްކާލަން،" ސައީދު ވިދާޅުވި އެވެ.

ގޮތެއް ނިންމުމަށް އިތުރު ފުރުސަތެއް ދިނީ ރަޔާންގެ އުމުރު ހަގު ވެފައި، ކިޔަވަން ޖެހޭ ކުދިންގެ އުމުރު ބޮޑުވުމުން ކިޔެވުމަށް އަތުވެދާނެ ބަދަލަކަށް ކަމަކަށް ވިސްނުމަށް ފަހު ކަމަށް ސައީދު ވިދާޅުވި އެވެ. ނަމަވެސް ރަޔާންގެ މައިންބަފައިން ނިންމީ ދަރިފުޅު އޭލެވެލަށް ކިޔެވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަޔާން އަށް 13 އަހަރު މި އަހަރު ވަނީ. ދެން އުޅޭ ކުދިން އެއީ 10 ނިންމާފައި އައިސް އުޅޭ ކުދިން. އެހެންވެ އަޅުގަނޑުމެން އެ ގޮތަށް މަޝްވަރާ ކުރީ،" ސައީދު ވިދާޅުވި އެވެ.

ރަޔާން ސައިންސްވެރިއަކަށް ވާން ބޭނުންވާ ކަމާއި ކެމިސްޓްރީ އަށް އޭނާ ވަރަށް ލޯބިކުރާ ކަން އެނގުމުން، ފުލުހުންގެ ފޮރެންސިކް ލެބަށް ގެންގޮސް އެތަނުގައި ކަންކަން ކުރާ ގޮތް ބަލައި، ފޮރެންސިކް އެކްސްޕާޓުންނާ އެކީ ވަގުތު ކޮޅެއް ހޭދަކުރުމުގެ ފުރުސަތު ވެސް ދިނެވެ.