Roadha Mihaaru
އެފްއޭއެމާ ހެދި ރާއްޖޭގެ އުންމީދީ ޖީލުވެސް ހަލާކުވެދާނެ

އެފްއޭއެމްގެ އިހުމާލުން ރާއްޖޭގެ އުންމީދީ ޖީލު ވެސް ހަލާކު ވެދާނެކަމުގެ އިންޒާރު

11 ސެޕްޓެމްބަރ 2023

ނިމިދިޔަ 16 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ދިވެހި ޓީމަކީ، ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގުގެ ރަން ޖީލަށް ވާނެކަމަށް ތަޖުރިބާކާރުން އުންމީދު ކުރެ އެވެ. ރާއްޖޭގެ ޓީމުތަކުގެ ތެރެއިން އެއް ފެންވަރެއްގެ ކުޅުންތެރިން އެންމެ ގިނަ އެއް ޓީމަށް 16 އަހަރުންދަށުގެ އެ ޓީމު ވާނެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ނިމިދިޔަ 16 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ދިވެހި ޓީމަކީ، ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގުގެ ރަން ޖީލަށް ވާނެކަމަށް ތަޖުރިބާކާރުން އުންމީދު ކުރެ އެވެ. ރާއްޖޭގެ ޓީމުތަކުގެ ތެރެއިން އެއް ފެންވަރެއްގެ ކުޅުންތެރިން އެންމެ ގިނަ އެއް ޓީމަށް 16 އަހަރުންދަށުގެ އެ ޓީމު ވާނެ އެވެ.

އެ ޓީމާ މެދު ހާއްސަ ގޮތަކަށް ދެކި އެ ކުޅުންތެރިންގެ ކުރިއެރުމަށް ސަރުކާރާއި އެފްއޭއެމުން ވެސް ބޮޑު ސަމާލުކަމެއް ދޭން ޖެހޭކަން ފުޓްބޯޅައިގެ ހުރިހާ އެންމެން އެއްބަސް ވެއެވެ.

އެކަމަކު އެ ޓީމާ މެދު އެފްއޭއެމުން ފަރުވާކުޑަކޮށްލާފައިވާ މަންޒަރު ފެންނަމުންދާ ކަމަށް އެ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް އެކަޑަމީ އާއި ޔޫތު މުބާރާތުގައި ކޯޗު ކޮށްދިން ސޮބާހް މުހައްމަދު އިބްރާހިމް ބުންޏެވެ.

ބޫޓާނުގައި އޮތް މުބާރާތަށް ޓީމު ފުރުވާލުމުގައި ވެސް އެފްއޭއެމުން އޮތީ އިހުމާލު ވެފަ އެވެ. ކުޅުންތެރިޔެއްގެ ބެލެނިވެރިޔަކު ބުނީ މިދިޔަ މަހު 28 ގައި ވެސް ޓީމު ފުރާ ވާހަކަ އެފްއޭއެމުން ދެއްކި ކަމަށެވެ.

އެކަމަކު އެ ތާރީހަށް ވެސް އެފްއޭއެމަށް ޓިކެޓް ހަމަޖައްސައި ނުދެވުނެވެ.

ސާފް ޗެމްޕިއަންޝިޕްގެ 16 އަހަރުންދަށުގެ މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިއާ އާދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ސާފް

ސާފް ޗެމްޕިއަންޝިޕްގެ 16 އަހަރުންދަށުގެ މުބާރާތުގެ ސެމީ ފައިނަލުގައި އިންޑިއާ އާދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ސާފް

ޖޫނިއާ ޓީމު ވެސް މިދިޔަ މަހު 31 ގައި ފުރަން އެއާޕޯޓަށް ދާން، މާލޭގެ ބަސް ޓާމިނަލަށް ދިޔަ ފަހުން ނުފުރޭނެކަން އެންގި އެވެ. އެތަނަށް އެފްއޭއެމްގެ އެއްވެސް ވެރިޔަކު ވެސް އެ ދުވަހު ނުދެ އެވެ.

އެ ރޭ ފަތިހު ޓިކެޓް ހަމަޖެހުމުން، އިންޑިއާ މަގުން ޓީމު ބޫޓާނަށް ފުރީ ޓީމު ދެ ބަޔަކަށް ބަހާލައި ދެ ރޫޓަކުން ދެ ފްލައިޓެއްގަ އެވެ.

މިފަހަކަށް އައިސް އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑުކިޔާ ސޮބާ ބުނީ އެ ޓީމަށް ކޮށްދޭން ޖެހޭ އެއްވެސް ކަމެއް ފަރުވާތެރިކަމާ އެކު އެ އެސޯސިއޭޝަނުން ނުކުރާ ކަމަށެވެ.

ޓީމު މުބާރާތަށް ތައްޔާރުވުމުގައި ވެސް އެފްއޭއެމުން ސަމާލުކަން ދީފައި ނުވާ ކަމަށް ސޮބާ ބުންޏެވެ. އެ ޓީމަށް ވެސް ބޭރުގެ ޓްރޭނިން ކޭމްޕެއް ހޯދައިދީ ކޭމްޕްގައި ވަރުގަދަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައި ނުދެވެންވީ ސަބަބެއް ނުވިސްނޭ ކަމަށް އޭނާ ބުންޏެވެ.

ގުރޫޕް ސްޓޭޖުގައި ޕާކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ސާފް

ގުރޫޕް ސްޓޭޖުގައި ޕާކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ސާފް

އެކަމަކު މާލީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ އެފްއޭއެމްގެ ހާލަތު އޮތީ އެއިން ކަމެއް ޓީމަށް ކޮށްދެވޭވަރަށް ވުރެ ދެރަވަރުކޮށެވެ. ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަންގެ ހާލަތަކީ ޓީމަށް މުބާރާތަށް ފުރުވަން ޓިކެޓް ނަގާނެ ފެންވަރު ވެސް ނެތުމެވެ. ދުރާލައި ޓިކެޓް ހަމަނުޖެހުމުން، ޗައިނާގައި މިހާރު ކުރިއަށްދާ 23 އަހަރުންދަށުގެ ކޮލިފިކޭޝަން މުބާރާތަށް ވެސް ޒުވާން ޓީމަށް ނުފުރުނެވެ.

"އިންޑިއާގެ (16 އަހަރުންދަށުގެ) ޓީމުގެ ގޭމް މޮޅު ވާހަކަ ދައްކާއިރު އެ ޓީމު ތައްޔާރުވި ގޮތް ބަލަން ޖެހޭ. މުޅި ޓީމު އެއްކޮށް އެތައް ދުވަހެއްގައި އުޅެ އެކި ގައުމުތަކަށް ދަތުރުކޮށް މެޗުތައް ކުޅުނު. މި ސަރަހައްދުގައި ކުރިއެރުން ހޯދާނަމަ ދިވެހިން ވާދަކުރަން އޮތީ އިންޑިއާ އާ. އެހެންވީމަ ޖެހޭނެ އިންޑިއާގެ ތައްޔާރުވި ގޮތް ބަލަން،" 2008 ގައި އިންޑިއާ ބަލިކޮށް ސާފް ޗެމްޕިއަންޝިޕް ފުރަތަމަ ފަހަރަށް ރާއްޖެ އަށް ކާމިޔާބުކޮށް ދިން ޓީމުގެ ޑިފެންސުގައި މުހިންމު ދައުރެއް އަދާކުރި ސޮބާ ބުންޏެވެ.

"ޓީމަށް ހާއްސަ ޖޯޒީއެއް ވެސް ނެތް. އެންހެން ޓީމުގެ ކުޅުންތެރިންނަށް ހުރި ޖޯޒީ މި ކުޅުންތެރިން ބޭނުން ކުރަން ޖެހުނީ މުބާރާތް ނިމުނީމަ ޖޯޒީ ހަވާލުކުރާ ގޮތަށް. މިއީ މި ޓީމާ މެދު ސަމާލުކަން ހުރި ގޮތް."

މާލޭގައި ޓީމު ޕްރެކްޓިސް ކުރިއަށް ގެންދިޔައިރު ވެސް ޓްރޭނިން އަށް ވަކި ކިޓެއް ނެތެވެ.

ސޮބާ ބުނީ މި ކުޅުންތެރިންނާ މެދު އެފްއޭއެމުން އިހުމާލު ވެއްޖެނަމަ ސީނިއާ ލެވަލަށް ދިއުމުގެ ކުރިން ފުޓްބޯޅަ ކެރިއާ އާ މެދު ކުޅުންތެރިން މާޔޫސްވެދާނެ ކަމަށެވެ.

ގުރޫޕް ސްޓޭޖުގައި ޕާކިސްތާނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ޓީމުގެ ފުރަތަމަ 11 --- ފޮޓޯ: ސާފް

ގުރޫޕް ސްޓޭޖުގައި ޕާކިސްތާނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ޓީމުގެ ފުރަތަމަ 11 --- ފޮޓޯ: ސާފް

"ފުރަތަމަ ފުރަން ދިޔަ ދުވަހު ނުފުރޭނޭ ބުނި ހިސާބުން ވެސް އެ ކުޅުންތެރިންގެ ކަރު ދިޔައީ އެލިގެން. މިއީ ރާއްޖޭގެ އުންމީދީ ޖީލުކަމަށް އަހަރެމެން ބުނަމުން އަންނަ ޓީމަށް ވީ ގޮތް،" ސޮބާ ވާހަކަ ދެއްކި އެވެ.

"މި ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ޕޭރެންޓުންނަކީ ފުޓްބޯޅަ އަށް ވިސްނާ މީހުން. އެ މީހުންގެ ދަރިން ލައްވާ ފުޓްބޯޅަ ކުޅުވަން ބޭނުންވާ މީހުން. ޑިވެލޮޕްމެންޓަށް ބަލާއިރު ވެސް އެއީ ވެސް ކިހާ ބޮޑު ހިތްހަމަޖެހުމެއް. އަހަރެމެން ކުޅުނުއިރު މަންމަމެން ބައްޕަމެން ބުނާނީ ތީ ކީއްކުރަން ކުރާ ކަމެއްހޭ. ދާނެ ކަމެއް ނެތޭ.. އެކަމަކު ބަލާ މި ކުޅުންތެރިންގެ ޕޭރަންޓުން އެ މީހުން ބޭނުންވޭ އެކަން ކުރުވަން."

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި އިންޑިއާ އަތުން ބަލިވެ ރާއްޖެ އަށް މުބާރާތް ނިމުނީ އެވެ. އެކަމަކު އެހާހިސާބުން އަނެއްކާ އަނެއް މުބާރާތް އަންނަދެން މި ކުޅުންތެރިން ކިބައިން އެފްއޭއެމުން އަތް ދޫކޮށްލައިގެން ތިބެންވެން ނެތް ކަމަށް އޭނާ ބުންޏެވެ.

"އަނެއްކާ އަނެއް މުބާރާތް އަންނަދެން މި ކުޅުންތެރިންނާ މެދު އެފްއޭއެމުން އަތް އުރާލައިގެން ތިބޭނީތޯ ނޫނީ މި ޓީމު އިތުރަށް ކުރިއަރުވަން މަސައްކަތް ކުރާނީތޯ ވިސްނަން ޖެހޭ. އަތް ދޫކޮށްލިއްޔާ މި ކުޅުންތެރިންގެ ކެރިއާ ފުނޑުފުނޑުވެދާނެ. މުބާރާތުން ބަލިވެއްޖެ. އެކަމަކު އެއީ އަދި ނިމުމެއް ނޫން. މިހާހިސާބުން ވެސް މި ކުޅުންތެރިންނާ މެދު އިތުރަށް ސަމާލުވެ މި ކުޅުންތެރިން އެކުގައި ގެންގުޅެ މުބާރާތެއް ނެތަސް ކުރިއެރުން އަންނާނެ ގޮތަކަށް މަސައްކަތް ކުރަން ޖެހޭ. ވާދަވެރި މެޗުތަކެއް ހޯދައިދީ ބޭރަށް ދަތުރު ވެސް ކުރަން ޖެހޭ،" ސޮބާ ބުންޏެވެ.