Roadha Mihaaru
ރައީސް: މިއީ މިހާތަނަށް އެންމެ ޑިމޮކްރެޓިކް އިންތިހާބު

ރައީސް ވިދާޅުވީ، މިއީ މިހާތަނަށް އެންމެ ޑިމޮކްރެޓިކް އިންތިހާބު ކަމަށް

09 ސެޕްޓެމްބަރ 2023

މި ފަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދަނީ މިހާތަނަށް ރާއްޖޭގައި ނުދެކޭ ފަދަ ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ފަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދަނީ މިހާތަނަށް ރާއްޖޭގައި ނުދެކޭ ފަދަ ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، އެ އިންތިހާބުގައި ވޯޓު ލެއްވުމަށް ފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އިންތިހާބުގެ ކެމްޕެއިންގެ ކަންކަން ވެސް ނިމުނީ ވަރަށް މިނިވަން ކަމާ އެކު ކަމަށެވެ. އަދި އިންތިހާބު ފެށުމުގެ އިންތިޒާމުތަކުގައި ވެސް މާ ބޮޑު މައްސަލައެއް ނެތް ކަމަށާއި އެ ކަމާ މެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ގޮތަށް ހެނދުނު 8 ޖެހި އިރު ވޯޓު ފޮށިތައް ހުޅުވައި، ވޯޓުލާން ފުރުސަތު ލިބުމަކީ މީގެ ކުރީގެ އިންތިހާބުތަކުގައި ނުފެންނަ މަންޒަރެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެއްވެސް ތަނެއްގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމުގެ މާބޮޑު ޚަބަރެއް އައިސްފައެއް ނެތް. އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ވެސް އައިސްފައި ވަނީ ވަރަށް ސްމޫތްކޮށް. މިހާތަނަށް ރާއްޖޭގައި ނުދެކޭފަދަ ހަމަޖެހުމެއް އެބަ އޮތް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ އެންމެން ވެސް އެ ހައްގުގެ ބޭނުން ކުރުމަށް ގޮވާލައްވައިފަ އެވެ.

އިންތިހާބުގެ ވޯޓުލުން ފެށުނު ގޮތް ޖުމްލަކޮށް ރަނގަޅު ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ. އިންތިހާބުގައި 85 ޕަސެންޓު މަރުކަޒުގައި ހެނުނު 8:10 އެއް ވުމުގެ ކުރިން ވޯޓުލުން ފެށި ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.