Roadha Mihaaru
ވަގްނާ ގުރޫޕްގެ ވެރިޔާގެ މަރާ މެދު ސުވާލު އުފެދިފައި

ވަގްނާ ގުރޫޕްގެ ވެރިޔާގެ މަރާ މެދު ސުވާލު އުފެދިފައި

28 އޯގަސްޓް 2023

ރަޝިޔާގެ މަޝްހޫރު ކުލީ ސިފައިންގެ ޖަމާއަތް، ވަގްނާ ގުރޫޕްގެ ކޮމާންޑަރު ޔެވްގެނީ ޕްރިގޮޒީން ދަތުރުކުރި ކުޑަ މަތިންދާބޯޓު ވެއްޓި، އޭނާ އާއި އެއިން ދަތުރުކުރި އެންމެން މަރުވެފައިވާ އިރު، އެ ހާދިސާގެ ހަގީގަތާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި އެވެ.

ރަޝިޔާގެ މަޝްހޫރު ކުލީ ސިފައިންގެ ޖަމާއަތް، ވަގްނާ ގުރޫޕްގެ ކޮމާންޑަރު ޔެވްގެނީ ޕްރިގޮޒީން ދަތުރުކުރި ކުޑަ މަތިންދާބޯޓު ވެއްޓި، އޭނާ އާއި އެއިން ދަތުރުކުރި އެންމެން މަރުވެފައިވާ އިރު، އެ ހާދިސާގެ ހަގީގަތާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި އެވެ.

ޔެވްގެނީ އާއި ވަގްނާ ގުރޫޕްގެ އިސް ވެރިންތަކެއް ދަތުރުކުރި އަމިއްލަ މަތިންދާބޯޓު ވެއްޓުނީ، މި މަހުގެ 23 ވަނަ ދުވަހު ރަޝިޔާގެ ވެރިރަށް މޮސްކޯ އިން ފުރައިގެން ސެއިންޓް ޕީޓަސްބާގް އަށް ދަތުރު ކުރަނިކޮށެވެ. އެ ހާދިސާގައި އެ ބޯޓުގައި ދަތުރުކުރި 10 މީހުންވެސް މަރުވެފައިވާ ކަން ރަޝިޔާ ސަރުކާރުން ކަށަވަރުކޮށްދޭއިރު، ހުޅަނގުގެ ބައެއް ގައުމުތަކުން ބުނާ ގޮތުގައި އެއީ ރަޝިޔާ ސަރުކާރުގެ ރޭވުމަކަށް ވެދާނެ އެވެ.

ޖާސޫސީ މަސްދަރުތަކާ ހަވާލާދީ ހުޅަނގުގެ ބައެއް ގައުމުތަކުން ބުނާ ގޮތުގައި ޔެވްގެނީ ދަތުރުކުރި މަތިންދާބޯޓު ވެއްޓުނީ އޭގައި އެއްޗެއް ގޮވުމުގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ވަގްނާ ގުރޫޕުގެ ޓެލެގްރާމް ޗެނަލުން ބުނި ގޮތުގައި ޔެވްގެނީ ދަތުރުކުރި މަތިންދާބޯޓު ވެއްޓުނީ، ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުން ދިން މިސައިލް ހަމަލާއެއްގަ އެވެ.

ރަޝިޔާގެ ތަހުގީގީ އިދާރާ އިން ބުނެފައިވަނީ، އެ ބޯޓުން ދަތުރުކުރި މީހުންގެ ލިސްޓުގައި ހިމެނޭ 10 މީހުންނާ، ބޯޓު ވެއްޓުނު ސަރަހައްދުން ފެނުނު މިނި ގުނަވަންތަކުގެ ތަހުލީލީ ނަތީޖާ ބަރާބަރަށް ދިމާވާ ކަމަށެވެ. އަދި ބޯޓު ވެއްޓުނު ސަރަހައްދުން ފެނުނު މިނި ގުނަވަންތަކުގެ ޖެނެޓިކް ޓެސްޓުތަކުގެ ނަތީޖާ ދައްކާ ގޮތުން، މަރުވި މީހުންގެ ތެރޭގައި ޔެވްގެނީ ވެސް ހިމެނޭ ކަން ކަށަވަރުވެފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޯޓުގެ ޕައިލެޓާއި ކޯ ޕައިލެޓާއި ފަޅުވެރިޔާގެ އިތުރުން ޔެވްގެނީ އާއި އޭނާގެ އިސް އެހީތެރިންގެ ހަ މީހުންނެވެ. އަމިއްލަ ޖެޓެއްގައި އެ 10 މީހުން ދަތުރުކުރީ ޔެވްގެނީގެ އުފަން ސަހަރު، ސެއިންޓް ޕީޓަސްބާގް އަށް ދިއުމަށެވެ. ބޯޓު ވެއްޓުނީ ދަތުރުގެ މެދަކާ ހިސާބުންނެވެ.

ޔެވްގެނީގެ މަރުގެ ހާދިސާ މި ހިނގީ، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ ސަރުކާރު ވައްޓައިލުމަށް، އޭނާގެ ލަޝްކަރު ގޮވައިގެން ބަރު ހަތިޔާރާއެކު ރަޝިޔާގެ ވެރިރަށް މޮސްކޯއަށް އަރައި ސަރުކާރުގެ މުހިންމު ބައެއް އިމާރާތްތައް ހިފައި ބަޣާވާތް ކުރިތާ ބަރާބަރު ދެމަސް ފުރުނު ދުވަހު އެވެ.

މި އަހަރުގެ ޖޫން 23 ވަނަ ދުވަހު ކުރި ބަޣާވާތުގައި ޔެވްގެނީގެ ރޭވުމާ އެއްގޮތަށް ކަންތައް ނުދިޔުމުން، ޖެހިގެން އައި ދުވަހު ވަގްނާ ގުރޫޕުގެ ހަނގުރާމަވެރިން ވަނީ މޮސްކޯ އިން ފައިބައިފަ އެވެ.