Roadha Mihaaru
ރާއްޖޭގައި އައިއޯއައިޖީ ބާއްވަން ތައްޔާރުވަނީ

ދެން އޮންނަ އައިއޯއައިޖީ ރާއްޖޭގައި ބާއްވަން ތައްޔާރުވަނީ

24 އޯގަސްޓް 2023

ދެން ބާއްވާ އިންޑިއަން އޯޝަން އައިލެންޑްސް ގޭމް (އައިއޯއައިޖީ) ރާއްޖޭގައި ބާއްވަން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު ރ. ރަސްމާދޫއިން އާސިމާ ނިޒާރު

ދެން ބާއްވާ އިންޑިއަން އޯޝަން އައިލެންޑްސް ގޭމް (އައިއޯއައިޖީ) ރާއްޖޭގައި ބާއްވަން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މާދަމާ މަޑަގަސްކަރާގައި ފަށާ، މި އަހަރުގެ އައިއޯއައިޖީ ކުރިން ބާއްވަން ހަމަޖެހިފައި އޮތީ ރާއްޖޭގަ އެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި މާލީ ގޮންޖެހުންތަކުގެ ސަބަބުން ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ މާޝްރޫތައް މަޑުޖެހުމާ އެކު ގޭމްސް ބޭއްވުމުގެ ފުރުސަތު ރާއްޖޭން ދޫކޮށްލި އެވެ.

ކޮންމެ ހަތަރު އަަހަރަކުން އެއް އަހަރު ބާއްވާ، އައިއޯއައިޖީ މި އަހަރަށް ފަހު ދެން އޮންނާނީ 2027 ގަ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރ. އަތޮޅަށް ފައްޓަވާފައިވާ ކެމްޕެއިން ދަތުރުފުޅުގައި, މި އަތޮޅު ރ. ރަސްމާދުއަށް ވަޑައިގެން, މި ރަށުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކުޅިވަރުގައި މީގެ ކުރިން އިސްކަންދިނީ ދެތިން ހަތަރު ކުޅިވަރަށް ކަމަށެވެ.

ރާއްޖެ ވަށައިގެން އޮތީ މޫދު ކަމަށް ވިޔަސް, ނަން މަޝްހޫރު ބޭފުޅުން ރާއްޖެ ވަޑައިގެން މި ގައުމުގައި މޫދު ކުޅިވަރު ކުރިނާރާ ސަބަބާ ގުޅޭގޮތުން ސުވާލު އުފައްދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. މިއަށްވުރެ ފައްކާ ތަނެއް ކޮބާތޯ ސުވާލު އުފައްދާ ކަމަށާއި އަދި ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން ވޯޓަ ސްޕޯޓްސްގައި މަޝްހޫރު މަންޒިލަކަށް ރާއްޖެ ބަދަލުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރާޅާ އެރުމާއި ވިންޑް ސާފިން އަދި ބީޗް ވޮލީގެ މުބާރާތެއް މި ސަރަހައްދުގެ ގައުމުތަކުގައި ބާއްވާނަމަ އެންމެ ފުރަތަމަ ބަލަނީ ރާއްޖޭގައި ބޭއްވުމަށެވެ. އެކަމުގެ ސަބަބުން އިގުތިސޯދަށް ފައިދާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އިންޑިއާ ކަނޑުގެ ގައުމުތަކަށް ހާއްސަކޮށްގެންވާ ބާއްވާ އައިއޯއައިޖީއަށް ރާއްޖޭގެ ޓީމުތައް ވަނީ ރޭ މަޑަގަސްކަރައަށް ފުރައިފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ކުޅިވަރުގެ ސިޔާސަތަށް ގެނައި ބަދަލުތަކާއެކު, އެ ގޭމްސްގައި އެންމެ ރަނގަޅު ކާމިޔާބު ހޯދާ ފަހަރަކަށް މި އަހަރު ވާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަނށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމާދުއަށް ވަޑައިގެން މީހަކާއެކު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ނިޝާން އަލީީ/ މިހާރު

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަނށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމާދުއަށް ވަޑައިގެން މީހަކާއެކު ފޮޓޯއެއް ނަންގަވަނީ.-- ފޮޓޯ: ނިޝާން އަލީީ/ މިހާރު

އައިއޯއައިޖީ ދެން ބާއްވާނީ ހަތަރު އަހަރު ފަހުންނެވެ.

އެ ގޭމްސްގައި ސާފިންނާއި ބީޗް ވޮލީ ބައިވެރިކުރަން ބޭނުންވިއަސް އެ މުބާރާތް ބާއްވާ ގައުމުން ފުރުސަތު ނުލިބުމުން އެ ފުރުސަތު ނުލިބުނީ އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުން. އެކަމަށްޓަކައި މިހާރުއްސުރެ އަޅުގަނޑުމެން މި އުޅެނީ މަސައްކަތް ފަށައިގެން ފެސިލިޓީތައް ގާއިމްކުރަން. އެ ފެސިލިޓީތައް އިރާދަކުރެއްވިއްޔާ ގާއިމްކުރެވޭތޯ ބަލާނަން." ރައީސް ވިދާޅުވި އެވެ.

ރަސްމާދޫއަކީ ރަށާ ކައިރީގައި ސާފިން ޕޮއިންޓުތައް ހުރި އަދި އެ ކުޅިވަރުގައި ވެސް ވަރުގަދަ ރަށެކެވެ. އެކަމާ ގުޅިގެން ލޯކަލް ޓޫރިޒަމް ފައްކާކުރަން އެންމެ ރަނގަޅު ރަށަކީ ރަސްމާދޫ ކަމަށް ވިދާޅުވެ, އެ މަނިކުފާނު ވަނީ އެކަމަށް އިންވެސްޓުކުރަން ތައްޔާރަށް ތިބުމަށް އެދިވަޑައިގެންފަ އެވެ. އޭގައި ސަރުކާރުގެ އެހީ ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ރަސްމާދޫގެ ތަރައްގީއަށް މި ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައިގެން ހެދުމާއި ސްކޫލު މަލްޓިޕާޕަސް ހޯލު އެޅުމާއި ކައުންސިލްގެ އާ އިމާރާތާއި ޒުވާނުން ބޭނުންވާ ގޮތަށް ފުޓްބޯޅަ ދަނޑެއް އަޅައިދިނުމަށް ވައުދުވެވަޑައިގެންނެވި އެވެ.