Roadha Mihaaru
ކަމަދޫ ކައުންސިލުން ރައީސަށް ދިނީ "އޭ ރިޕޯޓު"

ކަމަދޫ ކައުންސިލުން ރައީސަށް ދިނީ "އޭ ރިޕޯޓު"

22 އޯގަސްޓް 2023

މި ސަރުކާރުން ބ. ކަމަދޫގައި ހިންގި ވަރަށް ތަރައްގީގެ މަޝްރޫއުތައް އެހެން ސަރުކާރަކުން ހިންގާފައި ނެތް ކަމަށް ބުނެ، މި ރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް "އޭ" ފާހެއް މިއަދު ދީދި އެވެ.

އާސިމާ ނިޒާރު ބ. ކަމަދޫއިން އާސިމާ ނިޒާރު

މި ސަރުކާރުން ބ. ކަމަދޫގައި ހިންގި ވަރަށް ތަރައްގީގެ މަޝްރޫއުތައް އެހެން ސަރުކާރަކުން ހިންގާފައި ނެތް ކަމަށް ބުނެ، މި ރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް "އޭ" ފާހެއް މިއަދު ދީދި އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހި މުހައްމަދު ސޯލިހު ބ. އަތޮޅަށް ފައްޓަވާފައިވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން، ކަމަދޫގައި ބޭއްވި ބައްދަލުވުމުގައި، ރަށު ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ ކަމަދުއަށް ދުވަހަކު ވެސް ނާންނަ ވަރުގެ ތަރައްގީ މި ސަރުކާރުން ގެނެސްދީފައިވާ ކަމަށެވެ.

މިއިން ޒަމާނެއްގައި ނާންނަވަރުގެ ބިޔަ މަޝްރޫއުތައް މި ރަށަށް ގެނެސްދީފައި އަދި ކަމަދުއަށް މިހާރުގެ ރައީސް ނޫނީ އަޅާލެއްވި ރައީސެއް ނެތް ކަމަށް ޒަރީރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހަޔާތުގައި ވެސް އެތައް ވެރިކަމެއް ދުށިން. ނަމަވެސް، މި ވެރިކަމުގައި ރައްޔިތުންގެ ހާލު ބަލައި މި ރަށު ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް މި ރަށުގައި ކަންކަން ކުރަމުން ދޭ." ޒަރީރު ވިދާޅުވި އެވެ.

އޭނާ ދެން ވަނީ، 563 މީހުން ދިރިއުޅެމުން އަންނަ ކަމަދޫގައި މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ ތަފްސީލުތައް ދެއްވައިފަ އެވެ.

ބަނދަރުގައި ހިލަ ޖެހުން ނޫން ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް ޒަރީރު ވިދާޅުވި އެވެ. އެކަމަކު، ސަރުކާރުން އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އަޕްގްރޭޑު ކުރުމަށް ކަމަށް ވިޔަސް، ކައުންސިލުން އެދުނު ގޮތަށް ފަހުން ހުރިހާ ކަމެއް ކޮށްދީފައިވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. އަތޮޅަށް ފައްޓަވާފައިވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން، މި އަތޮޅު ކަމަދުއަށް ވަޑައިގަތް ބޭއްވި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ޒަރީރު ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. އަތޮޅަށް ފައްޓަވާފައިވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން، މި އަތޮޅު ކަމަދުއަށް ވަޑައިގަތް ބޭއްވި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ޒަރީރު ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ

އޭނާ ވިދާޅުވީ ރައީސް މީގެ ކުރިން މި ރަށަށް ވަޑައިގެން ވައުދުވެވަޑައިގެންނެވީ ހަމައެކަނި ފެނާއި ނަރުދަމާއަށް އެކަނި ކަމަށް ވިޔަސް، މި ވަގުތު ވެސް މި ރަށުގައި ގިނަ ޕްރޮޖެކްޓުތަކެއް ހިނގަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުން ވެސް ހަފުތާއެއްގެ ތެރޭގައި ނިމޭނެކަން ކައުންސިލުން ފާހަގަކުރެ އެވެ.

"ހަގީގަތުގައި މި ކަހަލަ ކުޑަކުޑަ ރަށެއްގެ ރައްޔިތުންނަށް އެ ކޮށްދެއްވަނީ އަގުނުކުރެވޭ ވަރުގެ ބޮޑު މަސައްކަތްތަކެއް. ނަމަވެސް އިދިކޮޅު ފަރާތްތަކުން އެބަ ބުނޭ އަޅުގަނޑުމެންގެ ޓެކްސް ފައިސާއިންނޭ މި ކަންތައްތައް ކުރަނީ. ޓެކްސް ފައިސާ ނަގިއޭ ހުރިހާ ވެރިކަމެއްގައި ވެސް. ކީއްވެގެންތޯ ނުކުރެވުނީ ކަމަދުއަށް."

ޒަރީރު ވިދާޅުވީ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް އެޅުމުގެ 90 ޕަސެންޓް ނިންމާފައިވާ ކަމަށެވެ. އިންޖީނުގެއަށް އާ ޖަނަރޭޓުތަކެއް ގެނެސްދީ، ހާލުގައި އޮތް ކަރަންޓުގެ ހާލަތު ރަނގަޅުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން، ޒަމާނީ ފެންވަރުގެ އެމްބްިއުލާންސެއް ގެނެސް، ކައުންސިލްގެ އެދުމާ އެއްގޮތަށް ޕާކު އެޅުމަށް ބޭނުންވާ ސާމާނު ސަރުކާރުން ހަދިޔާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް، މި ރަށުގެ ރައްޔިތުން ވެސް ރައީސް ޓެސްޓުކޮށްފި. އަޅުގަނޑުމެން ރައީސަށް ދޭނީ އޭ ރިޕޯޓެއް. ބަލާލި ކޮންމެ ދިމާލަކުން، ހިނގާލި ކޮންމެ ފިޔަވަޅެއްގެ މަތީގައި ފެންނަނީ ރައީސްގެ ތަރައްގީ މި ރަށުން.".-- ޒަރީރު ވިދާޅުވި އެވެ.

ކައުންސިލުން ބުނީ ބަނދަރުގެ ރިވެޓްމަންޓް ޖަހާ ނިމޭހާ އަވަހަކަށް އެ މަސައްކަތް ފަށާނެ ކަމަށެވެ.

އެކަންކަމުގެ އިތުރުން، އައުޓްޑޯ ޖިމް ހަދައި އެތަން ބޭނުންކުރަން ފަށާފައިވާއިރު، ޒަމާނީ ފެންވަރުގެ އެސްޓީއޯ ފާމަސީ ހަދާ ނިންމާފައިވާ ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.

"ރައީސް، މި ރަށުގެ ރައްޔިތުން ވެސް ރައީސް ޓެސްޓުކޮށްފި. އަޅުގަނޑުމެން ރައީސަށް ދޭނީ އޭ ރިޕޯޓެއް. ބަލާލި ކޮންމެ ދިމާލަކުން، ހިނގާލި ކޮންމެ ފިޔަވަޅެއްގެ މަތީގައި ފެންނަނީ ރައީސްގެ ތަރައްގީ މި ރަށުން." އެމްޑީޕީގެ މެމްބަރު ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ މި ރަށަކީ ތަރައްގީއަށް ލޯބިކުރާ ބަޔަކު އުޅޭ ރަށެއް ކަމަށެވެ. ތަރައްގީގެ ކަންކަމުގައި ފެންނަނީ އެއްބައިވަންތަކަން ކަމަށާއި ސިޔާސީ ހިޔާލު ތަފާތުވުންތަކުގައި ވެސް އެއްކޮށް މަސައްކަތްކުރާ ތަން ފެންނަ ކަމަށް ވިދާޅުވި އެވެ.