Roadha Mihaaru
ޕީއެސްއެމްގެ މާލީ މުއާމަލާތްތައް ކޯޓުން ހުއްޓުވައިފި

ދަރަންޏެއް ނުދައްކައިގެން ޕީއެސްއެމްގެ މާލީ މުއާމަލާތްތައް ހުއްޓާލަން އަމުރުކޮށްފި

20 އޯގަސްޓް 2023

ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން އަމިއްލަ ފަރާތަކަށް ދައްކަން ޖެހޭ ދަރަންޏެއް އަދާނުކޮށްގެން، ކޯޓު މެދުވެރިކޮށް ހުކުމް ތަންފީޒު ކުރެވެންދެން އެ ކުންފުނީގެ މާލީ މުއާމަލާތްތައް މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން އަމިއްލަ ފަރާތަކަށް ދައްކަން ޖެހޭ ދަރަންޏެއް އަދާނުކޮށްގެން، ކޯޓު މެދުވެރިކޮށް ހުކުމް ތަންފީޒު ކުރެވެންދެން އެ ކުންފުނީގެ މާލީ މުއާމަލާތްތައް މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

އާޓިސަން ޕްރައިވެޓް ލިމިޑެޓުން ޕީއެސްއެމްއަށް ކޮށްދިން މަސައްކަތެއްގެ އަގަށްވާ 4،516،697ރ. ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން 2021 ވަނަ އަހަރުގެ އޭޕްރީލް މަހު ސިވިލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމް އެގޮތަށް ކުރީ އެއީ ދައްކަން ޖެހޭ ފައިސާއެއް ކަމަށް ޕީއެސްއެމް އިން އިއުތިރާފު ވެސް ވެފައިވާތީ އެވެ.

މިހާތަނަށް ޕީއެސްއެމްއިން އެ ފައިސާ ދައްކާފައި ނުވާއިރު، ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެެއް އާޓިސަން ޕްރައިވެޓް ލިމިޑެޓުން އޮތީ ހުށަހަޅާފަ އެވެ.

މި މައްސަލައިގެ ތެރެއިން ޝަރީއަތުން ވަނީ ޕީއެސްއެމްގެ މާލީ ތަފްސީލްތައް ހުށަހަޅަން އަންގައިފަ އެވެ. އެ އެންގުމާ އެއްގޮތަށް ޕީއެސްއެމްއިން ހުށަހެޅި ތަފްސީލްގައިވާ ގޮތުން އެ ކުންފުނި ހިންގުމަށް މަހަކު 8،000،000ރ. ހަރަދުވެ އެވެ.

އެކަމަކު، އެ މިންވަރާ ގާތަަށް ވެސް ޕީއެސްއެމްގެ ބޭންކް އެކައުންޓްތަކުގައި ފައިސާ ނެތްކަން ކޯޓުން ބެލި ބެލުމުން އެނގިފައިވާ ކަމަށް ކޯޓުގެ އަމުރުގައިވެ އެވެ. ކޯޓުން ވަނީ ޕީއެސްއެމްއަށް ފައިސާ ލިބެނީ ކޮން ފަރާތްތަކަކުން ކަމާއި އެ ފައިސާ ލިބެނީ ކޮން ވަސީލަތެއް މެދުވެރިކޮށްކަން އެނގޭނެ މާލީ ހާލަތުގެ ތަފްސީލީ މައުލޫމާތުތައް ހުށަހަޅަން އަންގައިފަ އެވެ.

އެ ކުންފުނީގެ މިލްކިއްޔާތުގައިވާ އުފުލޭ މުދަލާއި ނުއުފުލޭ މުދާ އަދި އަރަންޏާއި ދަރަނީގެ މައުލޫމާތުތައް ވެސް ހުށަހަޅަން އެންގި އެވެ.

މީގެ އިތުރުން އާޓިސަން ޕްރައިވެޓް ލިމިޑެޓުގެ ދަރަނި ހަލާސްކުރެވެންދެން، ޕީއެސްއެމްގެ މިލްކިއްޔާތުގައި ހިމެނޭ އެއްވެސް މުދަލެއް ޝަރީއަތުގެ ހުއްދަ ނެތި ނުވިއްކުމަށާއި އެ މުދާ އެހެން ފަރާތަކަށް ބަދަލުވާނެ ފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވެސް ޕީއެސްއެމްގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ޕީއެސްއެމްގެ މާލީ މުއާމަލާތްތައް ކޯޓުން ހުއްޓުވާފައިވާއިރު، ދަރަނީގެ އެހެން ބައެއް މައްސަލަތައް ވެސް އެ ކުންފުނީގެ އެބަ އޮތެވެ.