Roadha Mihaaru
ޔާމީން މިނިވަންކުރުމުގެ އާރުކާޓީއަކީ މުއިއްޒު: ހަލީލް

ޔާމީން މިނިވަންކުރުމުގެ އެންމެ ވަރުގަދަ އާރުކާޓީއަކީ މުއިއްޒު: ހަލީލް

18 އޯގަސްޓް 2023

ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ އެންމެ ވަރުގަދަ އާރުކާޓީއަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ހަލީލް ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ފ. ނިލަންދޫން އިފްރާޒް އަލީ

ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ އެންމެ ވަރުގަދަ އާރުކާޓީއަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ހަލީލް ރޭ ވިދާޅުވެއްޖެ އެވެ.

އެ ކޯލިޝަންގެ ރިޔާސީ ކެމްޕެއިނަށް ފ. ނިލަންދޫގައި ބޭއްވި ޖަލްސާގައި، ޕީޕީއެމްގެ ސެނެޓްގެ މެމްބަރު ވިދާޅުވީ، މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ، އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ޔާމީން މިނިވަންކުރުން ކަމާ މެދު އޭނާ އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.

ހަލީލް ވިދާޅުވި ގޮތުގައި، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ދަތުރު މި ފެށީ "ދިވެހިންގެ ރާއްޖެ" އަށް ދިއުމަށެވެ. މި ދަތުރުގައި ތިބީ ޔާމީން މިނިވަންކުރަން ގަދައަޅައި މަސައްކަތްކުރާނެ މީހުން ކަމަށް ވިދާޅުވި އެވެ.

"އެ މަސައްކަތުގެ އެންމެ އިސް އާރުކާޓީއަކީ، އަބަދުވެސް އެ ވިދާޅުވަމުން ގެންދަވަނީ، އަޅުގަނޑުމެންގެ ކޮންމެ ޕޯޑިއަމެއްގައި ވެސް، އަޅުގަނޑުމެންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު،" އޭނާ ވިދާޅުވި އެވެ.

"އެ މަނިކުފާނުގެ އެންމެ އިސް ބަސްފުޅަކަށް އަބަދުވެސް ވަނީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތް."

ނިލަންދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޑރ. މުއިއްޒާއި އަނބިކަނބަލުން ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ނިލަންދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ޑރ. މުއިއްޒާއި އަނބިކަނބަލުން ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެހެންވެ، ބޭނުންވަނީ އަންނަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން މުއިއްޒު ހޮވަން ކަމަށް ހަލީލް ވިދާޅުވި އެވެ.

ހަލީލްގެ ވާހަކައިގައި ވަނީ މި ސަރުކާރުގެ ބައެއް ކަންކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އާންމުން އުއްމީދުކުރި ވަރުގެ ކުރިއެރުން ލިބޭތައް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ޔާމީން މިނިވަން ނުވާނެ ކަމަށް ބެލެވި، ޕީޕީއެމްގެ ތެރޭގައި އުފެދުނު ދެބަސްވުންތަކުގައި ހަލީލް ފާހަގަކުރެވުނީ، ޕާޓީއަށް މި ދަނޑިވަޅުގައި އެންމެ ފައިދާ ހުރި ގޮތަށް ވިސްނައި އެހެން ކެންޑިޑޭޓަކު ނެރެގެން ކުރިއަށް ދިއުމަށް ސެނެޓުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ.

މުއިއްޒުގެ ކެމްޕެއިން ދަތުރުގައި މިއަދު މ. އަތޮޅު ދިއްގަރާއި މަޑުއްވަރި އަދި މުއްޔަށް ވަޑައިގަތުމަށް ވަނީ ހަމަޖައްސަވައިފަ އެވެ.