Roadha Mihaaru
ޕިކްނިކް އައިލެންޑަކަށް ކައުންސިލުން ބޭނުމީ ހުޅިދޫ!

ވ. އަތޮޅުގެ ޕިކްނިކް އައިލެންޑަކަށް ހުޅިދޫ ކަނޑައަޅައިދޭން ކައުންސިލުން އެދިއްޖެ

16 އޯގަސްޓް 2023

ވ. އަތޮޅުގެ މީހުން ދަތުރު ދިއުމަށް ހާއްސަ ރަށެއް ހަދައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން، އެ އަތޮޅު ހުޅިދޫ އެ ކަމަށް ކަނޑައަޅައިދޭން އަތޮޅު ކައުންސިލުން އެދިއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ވ. އަތޮޅުގެ މީހުން ދަތުރު ދިއުމަށް ހާއްސަ ރަށެއް ހަދައި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން، އެ އަތޮޅު ހުޅިދޫ އެ ކަމަށް ކަނޑައަޅައިދޭން އަތޮޅު ކައުންސިލުން އެދިއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިދިޔަ މަހު ވ. އަތޮޅަށް ވަޑައިގެން ރައީސް ވަނީ ހުރިހާ ރަށެއްގައި ވެސް ޕިކްނިކް އައިލެންޑުގެ ވާހަކަ ތަކުރާރުކޮށް ދައްކަވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ، ޕިކްނިކް އައިލެންޑް ކަނޑައަޅާނީ އެ ރަށެއްގެ މީހުން އެދޭ ގޮތަށް ކަމަށާއި އެހެންވެ އެކަމަށް ގޮތެއް ނިންމައިދިނުމަށެވެ.

ވ. އަތޮޅުގެ ކައުންސިލްގެ އިއްޔެގެ ޖަލްސާގައި ނިންމީ ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ހުޅިދު އަކީ އެ އަތޮޅުގެ މީހުން ދަތުރު ދާ ރަށަކަށް ހަމަޖައްސައިދިނުމަށެވެ.

ކައުންސިލް މެންބަރު ޝިފާގު ހުސައިން ހުށަހެޅުއްވި ގޮތަށް ފާސްކުރީ ހަތަރު މެންބަރުންގެ ތެރެއިން ތިން މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ އެގޮތަށް ކައުންސިލުން ފާސްކޮށް، އެ ނިންމުން ރައީސް އިބްރާހިމް މުހައްމަދުސޯލިހަށް ރައްދު ކޮށްދެއްވުމަށް ރައީސްގެ ރަނިންމޭޓް، ހިތަދޫ އިތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް މިހާރު ދަންނަވާފައިވާ ކަމަށެވެ.

ޕިކްނިކް އައިލެންޑަކަށް ހުޅިދޫ ކަނޑައެޅުމަށް ކައުންސިލުން އެދިފައިވާއިރު، އެގްރިކަލްޗަރު މިނިސްޓްރީން އެ ރަށް ދޫކޮށްފައި އޮތީ "އާރަށް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް" އަށެވެ. އެ ކުންފުންޏަށް އެ ރަށް ތަރައްގީ ކުރަން ދިން މުއްދަތުގައި އެކަން ނުކުރެވުމުން އަލުން އެދިގެން އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ކައުންސިލުން ކުރިން ބުނެފައި ވެ އެވެ.

ހުޅިދޫ ދިގު މުއްދަތަކަށް ކުއްޔަށް ދީފައި އޮތް އޮތުމުން ކައުންސިލާއި ވ. އަތޮޅުގެ މީހުންނަށް ފައިދާ ނުކުރާތީ ރަށް އަތުލުމަށް ކައުންސިލުން މީގެ ކުރިން ވަނީ އެތައް މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ރަށަށް އަރައި އިހުތިޖާޖު ވެސް ކޮށްފައިވެ އެވެ.

އެ މުޒާހަރާގެ ފަހުން، ހުޅިދޫގެ މައްސަލާގައި ވ. އަތޮޅު ކައުންސިލާއި ސަރުކާރާ ދެމެދު މިދިޔަ މަހު މަޝްވާރަތަކެއް ވެސް ކުރި އެވެ. އެ މަޝްވަރާތައް ނިމުނީ ވަކި ކޮޅެއްގައި ނުޖެހި، ދެ ފަރާތުން ވެސް ދޫނުދީ އެވެ. އެކަމަކު، ތިމާވެށީގެ ހާލަތު ބަޔާންކުރާ ރިޕޯޓާ ހިލާފަށް ހުޅިދޫގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެ ރަށަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އީޕީއޭއިން މިހާރު އަންނަނީ ސާވޭއެއް ހަދަމުންނެވެ.