Roadha Mihaaru
އާބާދީ ތަފާތަސް މުއިއްޒު ބޭނުންވަނީ ހަމަހަމަ ފުރުސަތު

އާބާދީގެ އަދަދުތައް ތަފާތަސް ހަމަހަމަ ފުރުސަތު ހޯދައިދޭނަން: މުއިއްޒު

14 އޯގަސްޓް 2023

އެކި ރަށްރަށުގެ އާބާދީ ތަފާތު ވިޔަސް އޭނާގެ ސަރުކާރެއްގައި ކޮންމެ ރަށަކަށް ވެސް ހަމަހަމަ ފުރުސަތު ހޯދައި ދެއްވާނެ ކަމަށް އިިދކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އެކި ރަށްރަށުގެ އާބާދީ ތަފާތު ވިޔަސް އޭނާގެ ސަރުކާރެއްގައި ކޮންމެ ރަށަކަށް ވެސް ހަމަހަމަ ފުރުސަތު ހޯދައި ދެއްވާނެ ކަމަށް އިިދކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

"ކޮންމެ ރަށެއްގައި އުޅުނަސް އެ ރަށަކަށް ބޭނުންވާ ކަންތައްތައް ހާސިލް ކޮށްދޭން ވާނެ. އެއީ 100 މީހުން ވިޔަސް 200 ވިޔަސް 3،000، 4،000، 10000 މީހުން އުޅޭ ރަށަކަށް ވިޔަސް ހަމަހަމަ ވާނެ. އެހެންވީމާ އެ ރައްޔިތުންނަށް އެ ރަށެއްގައި ދިރިއުޅުމަށް ކޮށްދޭންޖެހޭ ކަންކަން ސަރުކާރަކުން ވާނީ ކޮށްދޭން،" ހއ. އިހަވަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.

އާބާދީގައި 4،000 އެއްހާ މީހުން ދިރިއުޅޭ އިހަވަންދޫގެ ސަޕޯޓަރުންގެ އިތުރުން މާރަންދު އާއި މޮޅަދޫ ފަދަ ކުދި އާބާދީތަކުގެ ބައެއް މީހުން ވެސް ރޭގެ ޖަލްސާގައި ބައިވެރިވެފައިވާތީ އެ ރަށްރަށަށް ވެސް މުއިއްޒުގެ ލިސްޓުން ބާކީ ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ތިޔަ ލޮބުވެތި ރައްޔިތުންނަށް ބޭނުންވާ ކަންކަން އަޅުގަނޑުމެން އިހުލާސްތެރިކަމާ އެކީގައި ތިޔަބޭފުޅުންގެ އެދުންތައް، ތިޔަބޭފުޅުންގެ އުންމީދުތައް ހާސިލް ކޮށްދިނުމަށްޓަކައި ސަމާލުކަން ދީގެން، އެ ކަންކަމަށް އަޅުގަނޑުމެން މަސައްކަތް ކޮށްދީ، ހާސިލް ކޮށްދޭނަމޭ،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މޮޅަދޫގެ އާބާދީ ކިތަންމެ ކުޑަޔަސް އެ ރަށުގައި ވެސް "ދިވެހި ލޮބުވެތި ރައްޔިތުން" ކަމަށާއި ރައްޔިތުންނަކީ ހަމަހަމަ ބައެއް ކަމަށެވެ. ވިދާޅުވީ އާބާދީ ކުޑަނަމަވެސް ކޮށްދޭން ޖެހޭ ކަންކަން ކޮށްދިނުމަށްޓަކައި ސަރުކާރެއްގެ ޒިންމާއަކީ ރޭވުންތައް ރޭވުން ކަމަށެވެ. އޭގެ ތެރޭގައި އިގްތިސާދު ހަރުދަނާ ކުރުމާއި އާމްދަނީ ލިބޭނެ ގޮތްތައް ހޯދުން މުއިއްޒު ފާހަގަ ކުރެއްވި އެވެ.

އިހަވަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޕީޕީއެމް

އިހަވަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޕީޕީއެމް

"އަޅުގަނޑުމެންގެ ދަރަނި ވަރަށް ބޮޑު. މި ސަރުކާރުން ދަރަނި މި ވަނީ އިންތިހާ އަށް ބޮޑުކޮށްލާފައި. ލޯނު ނުނަގާނަމޭ ކިޔާފައި ސަރުކާރަކުން ދުވަހަކު ވެސް ނުނަގާހާ ލޯނު ނަގައިގެން މި ވަނީ މުޅި އިގްތިސާދީ ނިޒާމު ހަލާކު ކޮށްލާފައި،" މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި ގޮތުގައި އޭނާގެ ވެރިކަމެއްގައި އެ ލޯނުތައް އަނބުރާ ދެއްކޭނެ ރަނގަޅު ނިޒާމެއް ގާއިމް ކުރައްވާނެ އެވެ.

"ދެހާސް ފަންސަވީހާއި ދެހާސް ސައްބީހުގައި ވަރަށް ބޮޑު އަދަދެއް ދައްކަންޖެހޭ ގޮތަށް މި ލޯނުތައް ހުރީ. އަޅުގަނޑުމެންގެ ޓީމުގައި ވެސް އިގްތިސާދީ މާހިރުން އެބަތިއްބެވި. އެހެންވީމާ އަޅުގަނޑުމެން އެ ބޭފުޅުންގެ ލަފަ އާއި އިރުޝާދާ އެކީގައި ފަންނީ ގޮތުން މި ކަންކަމަށް ހައްލު ގެނެސްގެން ނޫނިއްޔާ އަޅުގަނޑުމެންގެ އިގްތިސާދު ސަލާމަތެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

އިހަވަންދޫގައި މިރޭ ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން: މި ޖަލްސާ އިހަވަންދޫގެ ގިނަ ބަޔަކު ދިޔަ.---ފޮޓޯ: ޕީޕީއެމް

އިހަވަންދޫގައި މިރޭ ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވި ބައެއް މީހުން: މި ޖަލްސާ އިހަވަންދޫގެ ގިނަ ބަޔަކު ދިޔަ.---ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ޖީބަށް "ބަރުވާނެ" ގޮތެއް ހޯދައި ދިނުމަކީ އޭނާގެ ސަރުކާރެއްގައި ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމެއް ކަމަށެވެ.

"ރައްޔިތުން ޖީބަށް، ރައްޔިތުންނަށް އާމްދަނީ ނުލިބޭ ކަމަށް ވަނީ ނަމަ ހަގީގަތުގައި ސަރުކާރުގެ ބޭނުމެއް ނޫން. އެހެންވީމާ ގެދޮރުވެރިކަމުގެ ޔަގީންކަން ހޯދައިދިނުމާއި ވަޒީފާ އާއި އާމްދަނީ ލިބޭނެ ގޮތްތައް ފަހިކޮށްދިނުމާއި މި ހުރިހާ ކަމެއް ކޮށްދީގެން ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތްތައް، ރައްޔިތުންނަށް ފަސޭހަ ގޮތްގޮތަށް އިގްތިސާދީ ގޮތުން ކުރިއެރޭނެ ގޮތްތައް ހޯދުމާއި މި ކަންތައްތަކަކީ އަޅުގަނޑު ހިތުން އެންމެ އިސްކަން ދޭން ޖެހޭނެ ކަންކަން،" އޭނާ ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި މުއިއްޒު ވަނީ އިހަވަންދު އަށް ކޮށްދެއްވާނެ ކަންކަން ވެސް އިއުލާން ކުރައްވައިފަ އެވެ.