Roadha Mihaaru
އީސީގެ އެތެރޭގެ ހިޔާލުތަފާތުވުންތައް ހައްލުކޮށްފި

އެތެރޭގެ ހިޔާލުތަފާތުވުންތައް ހައްލުކޮށްފައިވާ ކަމުގެ ޔަގީންކަން އީސީން ދީފި

13 އޯގަސްޓް 2023

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ދެއްކެވި ވާހަކަތަކަކާ ގުޅިގެން، ކޮމިޝަނުގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި ޖެހުނު މައްސަލަތައް ހައްލުކޮށް އެކުގައި ކުރިއަށް ދާން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުގެ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ދެއްކެވި ވާހަކަތަކަކާ ގުޅިގެން، ކޮމިޝަނުގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި ޖެހުނު މައްސަލަތައް ހައްލުކޮށް އެކުގައި ކުރިއަށް ދާން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުގެ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ކޮމިޝަނުގެ ހިންގެވުމާ މި ވަގުތު ހަވާލުވެ ހުންނެވި ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ދިމާވި މައްސަލަތައް ހައްލުކޮށް މިހާރު ކޮމިޝަންގެ ޖަލްސާތައް ވެސް އާންމު އުސޫލުން ކުރިއަށްދާ ކަމަށެވެ.

"މައްސަލަތަކުގެ ވާހަކަ ދެކެވިފައި އޮތީމާ ކޮމިޝަނުގެ ހަތަރު މެންބަރުންނާ އެސްޖީއާ ތިބެގެން އަޅުގަނޑުމެން ތިބެގެން ވާހަކަ ދައްކާފައި އޮންނާނީ. އެ ދެކެވުނު ވާހަކަތައް އެ ހިސާބުން އަޅުގަނޑުމެން އެއް ބަޔަކު އަނެއް ބަޔަަކަށް އެކަން އެތެރެއިން ހައްލުކޮށްފައި އަޅުގަނޑުމެންގެ މަސައްކަތްތައް ކުރެވޭ ގޮތަށް ކޮމިޝަނުގެ މަސައްކަތްތައް ބައްޓަން ކުރަން،" ހަބީބް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ހިންގުމާ ހަވާލުވެ ހުންނެވި ނައިބު ރައީސް އިސްމާއީލް ހަބީބް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އިލެކްޝަންސް ކޮމިޝަންގެ ހިންގުމާ ހަވާލުވެ ހުންނެވި ނައިބު ރައީސް އިސްމާއީލް ހަބީބް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ކޮމިޝަންގެ ތެރޭގައި މިހާރު އެއްވެސް މައްސަލައެއް ނެތް. މީޓިންތައް ވެސް އެބަ ބަރާބަރަށް ކުރިއަށްދޭ،" ހަބީބް ވިދާޅުވި އެވެ.

ފުއާދާ ދެކޮޅަށް އެ ކޮމިޝަންގެ މެންބަރުން ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފް އަދި މިހާރު ދައުރު ހަމަވެފައިވާ އަލީ ނަޝާތު ތެދުވެވަޑައިގަތީ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓަރީ ކުރުމުގެ ހުއްދަ ދިނުމާ ގުޅޭ ކަންކަމުގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެ ތިން ބޭފުޅުންގެ އަގު ވެއްޓޭ ގޮތަށް ފާޅުގައި ފުއާދު ވާހަކަ ދައްކަވާފައިވާތީ ކަމަށް ވިދާޅުވެ އެވެ. އޭގެ ފަހުން ފުއާދު ބައިވެރިވެވަޑައިގަންނަވާ އެއްވެސް ޖަލްސާއެއްގައި އެ ތިން މެންބަރުން ބައިވެރިވެވަޑައިނުގަންނަވަ އެވެ.

އެކަމާ ގުޅިގެން އީސީގެ މަސައްކަތްތަކަށް ހުރަސް އެޅޭތީ ފުއާދު ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގެން، އެ މަސައްކަތް ނައިބު ރައީސް އިސްމާއީލް ހަބީބާ އޭރު ހަވާލުކުރެއްވި އެވެ.

ހިތްހަމަނުޖެހުންތަކާ ގުޅިގެން އެ މެންބަރުން ވަނީ ކޮމިޝަންގެ ޖަލްސާއެއްގައި ފުއާދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ފާސްކުރައްވައިފަ އެވެ.

ހަބީބް ވިދާޅުވީ މައްސަލަ ހައްލު ކުރުމަށްފަހު ފުއާދު މިދިޔަ ހަފްތާގައި ޗުއްޓީއަށް ވަޑައިގެންނެވުމާ ހަމައަށް ވެސް ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެން ކަމަށާއި އެނބުރި ވަޑައިގެންނެވުމަށް ފަހު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އަޅުގަނޑުމެން އެއް ބަޔަކު އަނެއް ބަޔަަކަށް އެކަން އެތެރެއިން ހައްލުކޮށްފައި އަޅުގަނޑުމެންގެ މަސައްކަތްތައް ކުރެވޭ ގޮތަށް ކޮމިޝަނުގެ މަސައްކަތްތައް ބައްޓަން ކުރަން: ހަބީބް

ޖެހުނު މައްސަލައާ ގުޅޭ ގޮތުން ހަބީބް ވިދާޅުވީ އެއްވެސް މެންބަރަކު އަމިއްލަ ހައިސިއްޔަތުން ވެސް ދެން ތިއްބެވި މެންބަރުންގެ ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން ކަަމަށާއި އެ ފުރުސަތު ދެވިގެން ވެސް ނުވާނެ ކަމަށެވެ. އަދި، ކޮމިޝަނުގެ މެންބަރުން ކަންކަމުގައި ވޯޓު ދެއްވާ ގޮތަކީ ވެސް އާންމުކޮށް އަންގައިގެން ވާނޭ ކަންކަން ނޫން ކަމަށެވެ.

"އެފަދަ ކަންކަން އާންމުކޮށް ތިލަވެގެން ދިޔައީމާ ހުންނަ ނުތަނަވަސްކަން ހުންނާނެ، އެހެންނަމަވެސް އިރާދަކުރެއްވިއްޔާ ރިޔާސީ އިންތިހާބުގެ މަސައްކަތްތައް މިގެންދަނީ އެކުވެރިކަމާއެކުގައި،" ހަބީބް ވިދާޅުވި އެވެ.

އީސީގެ މެންބަރު ޑރ. މުހައްމަދު ޒާހިރު: މެމްބަރުންގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ވެސް ވިދާޅުވި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އީސީގެ މެންބަރު ޑރ. މުހައްމަދު ޒާހިރު: މެމްބަރުންގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ވެސް ވިދާޅުވި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުއާދުއާ ދެކޮޅަށް ނެގި އިތުބާރު ނެތް މައްސަލައާ ގުޅިގެން ކޮމިޝަންގެ މެންބަރު ޑރ. ޒާހިރު ވިދާޅުވީ އެއީ އެއްވެސް ހާލަތެއްގައި ރައީސް ކަމުން ދުރުކުރުވުމަށް ނެގި ވޯޓެއް ނޫން ކަމަށެވެ.

"އެއީ އެއްވެސް ހާލަތެއްގައި ރައީސް ކަމުގައި ހުންނަވާ ބޭފުޅަކު ނުަވަތަ އަޅުގަނޑުމެން ޗެއާ ކުރައްވާ ބޭފުޅެއްގެ ޗެއާކަން ގެއްލޭ ގޮތަށް ކޮށްފައި އޮތް ކަމެއް ނޫން،" ފުއާދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވެވި ޑރ. ޒާހިރު ވިދާޅުވި އެވެ.

އީސީގެ ރައީސާއި ނައިބު ރައީސްކަމަށް ބޭފުޅަކު އައްޔަން ކުރުމުގެ ބާރު ގާނޫނުން ލިބިދީފައި އޮތަސް އެ ދެ މަގާމަށް އައްޔަން ކުރާ ބޭފުޅަކު މަގާމުން ވަކިކުރުމުގެ ބާރެއް ގާނޫނުން އެހެން މެމްބަރުންނަކަށް ނެތެވެ. ގާނޫނާ ހިލާފުވެ ނުވަތަ އެހެން ކަމެއް ދިމާވެ އިތުބާރު ގެއްލުނަސް މެމްބަރުން ވަކިކުރުމުގެ ބާރު ދީފައި އޮތީ ރައްޔިތުންގެ މަޖިލިހަށެވެ. އެހެންވެ، ފުއާދުގެ މައްސަލަ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރި ނަމަވެސް މަގާމު ނުގެއްލެ އެވެ.