Roadha Mihaaru
ކޭންގެ ފުރަތަމަ މެޗުން ބެޔާނަށް ތަށި ގެއްލިއްޖެ

ކާމިޔާބާ ރައްޓެހި ބެޔާނަށް ކޭންގެ ފުރަތަމަ މެޗުން ތަށި ގެއްލިއްޖެ

13 އޯގަސްޓް 2023

މިއުނިކް (އޮގަސްޓް 13) - ޓްރާންސްފާ ބާޒާރުގައި ޖަރުމަންގެ ރެކޯޑް އަގަކަށް ބެޔާން މިއުނިކަށް ގެނައި އިނގިރޭސި ރެކޯޑް ގޯލްސްކޯރާ ހެރީ ކޭން އާއެކު ކުޅުނު ޖަރުމަން ސުޕަ ކަޕް މެޗުގައި އާރުބީ ލައިޕްޒިގް އަތުން އެޓީމު 3-0 އިން ބަލިވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މިއުނިކް (އޮގަސްޓް 13) - ޓްރާންސްފާ ބާޒާރުގައި ޖަރުމަންގެ ރެކޯޑް އަގަކަށް ބެޔާން މިއުނިކަށް ގެނައި އިނގިރޭސި ރެކޯޑް ގޯލްސްކޯރާ ހެރީ ކޭން އާއެކު ކުޅުނު ޖަރުމަން ސުޕަ ކަޕް މެޗުގައި އާރުބީ ލައިޕްޒިގް އަތުން އެޓީމު 3-0 އިން ބަލިވެއްޖެ އެވެ.

ބެޔާނުން 100 މިލިއަން ޕައުންޑަށް ޓޮޓެންހަމް ރުއްސައިގެން ހެރީ ކޭން ގެނެސް 24 ގަޑިއިރު ނުވަނީސް ކުޅުނު މެޗުގައި، ކޯޗު ތޯމަސް ޓުޗެލް އޭނާ ކުޅެން ނެރުނީ މެޗުގެ 64 ވަނަ މިނިޓުގަ އެވެ. އޭރު ވެސް ބެޔާން އޮތީ ދެ ގޯލު ފަހަތުގަ އެވެ.

އުމުރުން 30 އަހަރުގެ ކޭން ކުޅެން އެރުވުމުގެ ކުރިން، ބެޔާނުން ދެވަނަ ހާފް ފެށީ 50 މިލިއަން ޔޫރޯ އަށް ނަޕޯލީ އިން ގެނައި ދެކުނު ކޮރެއާ ޑިފެންޑަރު ކިމް މިން ޖައޭ ކުޅެން އަރުވައިގެންނެވެ.

ލައިޕްޒިގުން މެޗުގައި ޖެހި ތިން ގޯލު ވެސް ކާމިޔާބު ކުރީ ސްޕެއިންގެ ޑެނީ އޮލްމޯ އެވެ. ފުރަތަމަ ހާފުގައި ދެ ގޯލު ޖެހިއިރު، ހެޓްރިކް ފުރިހަމަ ކުރީ ޕެނަލްޓީއަކުންނެވެ.

ހެޓްރިކް ހެދި ޑެނީ އޮލްމޯ، މެޗް ބޯޅަ އާއި ޓްރޮފީ އާއެކު އުފާފާލު ކުރަނީ.--

ހެޓްރިކް ހެދި ޑެނީ އޮލްމޯ، މެޗް ބޯޅަ އާއި ޓްރޮފީ އާއެކު އުފާފާލު ކުރަނީ.--

މިއީ ލައިޕްޒިގުން ސުޕަ ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ބެޔާނުން ވަނީ މީގެ ކުރިން ރެކޯޑް 10 ފަހަރު ތަށި ކާމިޔާބު ކޮށްފަ އެވެ. މިދިޔަ އަހަރު ބެޔާނުން ސުޕަ ކަޕް ހޯދީ ލައިޕްޒިގް ބަލިކޮށްފަ އެވެ.

ލައިޕްޒިގުން ވަނީ މި ސީޒަނަށް ބޮޑު އަގުގައި އެޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ވިއްކާލައިފަ އެވެ. ފޯވާޑް ކްރިސްޓޮފާ އެންކޫންކޫ 60 މިލިއަން ޔޫރޯއަށް ޗެލްސީއަށް ފޮނުވާލިއިރު، ހަންގޭރީ މިޑްފީލްޑަރު ޑޮމިނިކް ޒޮބޮސްލާއީ ލިވަޕޫލަށް ފޮނުވާލީ 70 މިލިއަން ޔޫރޯއަށެވެ. އަދި ކްރޮއޭޝިއާގެ ޑިފެންޑަރު ޖޮސްކޯ ގްވާޑިއޯލް މެންޗެސްޓާ ސިޓީއަށް ފޮނުވާލީ 90 މިލިއަން ޔޫރޯއަށެވެ.

އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 84 މެޗުން 54 ގޯލު ޖަހައިދީފައިވާ ޓީމުގެ ކެޕްޓަން ކޭން ވަނީ ރަޝިއާގައި 2018 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގެ ރަން ބޫޓު ހާސިލް ކޮށްފަ އެވެ.

ކޭން އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ދެވަނައަށް އެންމެ ގިނަ ގޯލު ޖަހައިފައިވާ ކުޅުންތެރިޔާ އެވެ. މީގެ އިތުރުން ޕްރިމިއާ ލީގުގެ ރަން ބޫޓު ތިންފަހަރު ހޯދައި، އޭނާ ވަނީ އެންމެ މޮޅު ޕްލޭމޭކަރުގެ އެވޯޑް ވެސް އެއް ސިޒަނުގައި ހޯދައިފަ އެވެ.

ގޯލު ޖެހުމުގެ އެތައް ރެކޯޑެއް މުގުރާލާފައި ވިއަސް ކޭން އަށް މަދުވަނީ ރަން މެޑަލް އަކާއި ޗެމްޕިއަން ޓްރޮފީއެކެވެ. ޓޮޓެންހަމާ އެކު އޭނާ ވަނީ ދެފަހަރު އިނގިރޭސި ލީގް ކަޕް ފައިނަލާއި، އެއްފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅެފަ އެވެ. ހަމަ އެއާ އެކު 2021 ވަނަ އަހަރު ޔޫރޯ މުބާރާތުގެ ފައިނަލްގައި ކުޅުނު އިނގިރޭސި ޓީމުގެ ލީޑަރަކީ ވެސް އޭނާ އެވެ.

މެޗުގައި ބެޔާންގެ ގޯލް ބެލެހެއްޓީ ސްވެން އުލްރެޗް އެވެ. މިދިޔަ ސީޒަންގެ ފަހުކޮޅު ގެނައި ސްވިޒަލެންޑް ގޯލްކީޕަރު ޔާން ސޮމާ، އިންޓަ މިލާނަށް ވިއްކާލާފައި ވާއިރު، އެޓީމުން ވަނީ ފްރާންސްގެ ފުލްބެކް ލޫކަސް ހެނާންޑޭޒް 45 މިލިއަން ޔޫރޯއަށް ޕީއެސްޖީއަށް ވިއްކާލައިފަ އެވެ. މީގެ އިތުރުން މިދިޔަ ސީޒަންގައި ގެނައި ފޯވާޑް ސަޑިއޯ މާނޭ ވަނީ 30 މިލިއަން ޔޫރޯ އަށް ސައުދީގެ އައް ނަސްރަށް ވިއްކާލައިފަ އެވެ.