Roadha Mihaaru
އެމެރިކާގެ 3000 އަށް ވުރެ ގިނަ ސިފައިން ގަލްފަށް

އެމެރިކާގެ 3000 އަށް ވުރެ ގިނަ ސިފައިން ގަލްފަށް

08 އޯގަސްޓް 2023

ގަލްފު ސަރަހައްދުގައި އީރާންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް އިތުރުވަމުންދާ ކަމަށް ބުނެ، އެމެރިކާގެ 3000 އަށް ވުރެ ގިނަ ސިފައިން އިއްޔެ ގަލްފަށް އަތުވެއްޖެ ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިން ބުނެފި އެވެ.

ގަލްފު ސަރަހައްދުގައި އީރާންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް އިތުރުވަމުންދާ ކަމަށް ބުނެ، އެމެރިކާގެ 3000 އަށް ވުރެ ގިނަ ސިފައިން އިއްޔެ ގަލްފަށް އަތުވެއްޖެ ކަމަށް އެމެރިކާގެ ކަނޑުގެ ސިފައިން ބުނެފި އެވެ.

އިއްޔެ ގަލްފަށް ދިޔަ އެމެރިކާގެ ސިފައިންގެ ތެރޭގައި ހިމެނެނީ ކަނޑުގެ ލަޝްކަރުގެ ސިފައިންނާއި އެއްގަމު ލަޝްކަރުގެ ސިފައިންނެވެ. އެމެރިކާގެ ކަނޑުގެ ސިފައިންގެ ލަޝްކަރުން ބުނި ގޮތުގައި ގަލްފަށް ފޮނުވި އިތުރު ސިފައިންގެ ސަބަބުން، ގަލްފުގެ ތެރޭގައި ކުރާ ވިޔަފާރި ދަތުރުތަކަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ އެވެ.

އޭގެ އިތުރުން މެދުއިރުމަތީގައި ގާއިމުކޮށްފައި އޮންނަ އެމެރިކާގެ ފަސް ވަނަ ލަޝްކަރުގެ ގާބިލުކަން ވެސް އިތުރު ވެގެންދާނެ ކަމަށް އެމެރިކާގެ ކަނޑުގެ ލަޝްކަރުން ބުނެ އެވެ. އެމެރިކާގެ ގިނަ އަދަދެއްގެ އިތުރު ސިފައިންތަކެއް ގަލްފަށް މި ފޮނުވީ، ހުރްމުޒް ކަނޑުއޮޅީގެ ތެރެއިން ތެލާއި ވިޔަފާރި މުދާ ހިފައިގެން ދަތުރު ކުރާ އުޅަނދުތަކުގައި، ހަތިޔާރު އެޅި ސިފައިން ބައިތިއްބަން ވިސްނަމުންދާ ކަމަށް އެމެރިކާ އިން ބުނިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

އެފަދަ އުޅަނދުތަކުގައި ހަތިޔާރު އެޅި ސިފައިން ބައިތިއްބަން ވިސްނަނީ، ގަލްފުގެ ތެރެއިންނާއި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ މަދަނީ އުޅަނދުތަކަށް އީރާންގެ ކަނޑުގެ ސިފައިންގެ ފަރާތުން ކުރިމަތިކުރާ ޖެއްސުންކުރުންތައް ހުއްޓުވުމަށް ކަމަށް އެމެރިކާ އިން ބުނެ އެވެ.

މެދުއިރުމަތީގައި އޮންނަ އެމެރިކާގެ ފަސް ވަނަ ލަޝްކަރުގެ ތަރުޖަމާނު ޓިމް ހޯކިންސް ވިދާޅުވި ގޮތުގައި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ، އެމެރިކާ އިން އެންމެ ބޮޑަށް އިސްކަންދޭ އެއް ކަންތަކެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ވެސް، އެ ސަރަހައްދުގެ ކަނޑުދަތުރުތަކުގެ ރައްކާތެރިކަމަށް އީރާނުން އައީ ތަކުރާރުކޮށް ނުރައްކާކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގަލްފަށް ފޮނުވި އިތުރު ސިފައިން ގޮވައިގެން ޖުލައި 10 ވަނަ ދުވަހު އެމެރިކާ އިން ފުރި ދެ މަނަވަރު، ޔޫއެސްއެސް ބަޓާން އާއި ޔޫއެސްއެސް ކާޓާ ހޯލް ގަލްފުގައި ބަނދަރު ކުރީ އިއްޔެ އެވެ.

އެމެރިކާގެ ސިފައިން ގަލްފަށް އައުމާ ގުޅިގެން އީރާނުން އިއްޔެ ވަނީ އެކަމަށް ދެކޮޅު ހަދައި، ގަލްފު ސަރަހައްދަށް ބިދޭސީ ސިފައިން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. އީރާނުން ބުނި ގޮތުގައި ގަލްފުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެ ސަރަހައްދުގެ ގައުމުތަކަށް ވެސް ކުރެވޭ ވަރުގެ ކަމެކެވެ.