Roadha Mihaaru
ޓޫރިޒަމްގެ ހަގީގީ ދުވެލި ހުއްޓުވާލަނީ މި އެއާޕޯޓުން!

ޓޫރިޒަމްގެ ހަގީގީ ދުވެލި ހުއްޓުވާލަނީ މި އެއާޕޯޓާ ހަމައިން!

08 އޯގަސްޓް 2023

ވޭތުވެދިޔަ ފަސް އަހަރު އެވްރެޖުކޮށް ކޮންމެ އަހަރު 4،400 އެނދު ވަނީ އިތުރުވެފަ އެވެ. އެކަމަކު، އެއާ އެއްވަރަށް ކަމާ ގުޅުން ހުރި އެހެން ދާއިރާތައް ކުރިއަކަށް ނާރަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ގައުމީ ވައިގެ ބަނދަރެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިހާރު އޮތީ، ރާއްޖޭގެ ޓޫރިޒަމަށް ނުތަކާ ހިސާބުގަ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވޭތުވެދިޔަ ފަސް އަހަރު އެވްރެޖުކޮށް ކޮންމެ އަހަރު 4،400 އެނދު ވަނީ އިތުރުވެފަ އެވެ. އެކަމަކު، އެއާ އެއްވަރަށް ކަމާ ގުޅުން ހުރި އެހެން ދާއިރާތައް ކުރިއަކަށް ނާރަ އެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ގައުމީ ވައިގެ ބަނދަރެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިހާރު އޮތީ، ރާއްޖޭގެ ޓޫރިޒަމަށް ނުތަކާ ހިސާބުގަ އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުން، ރާއްޖޭގެ ޓޫރިޒަމް ހިދުމަތްދޭ ފެސިލިޓީތަކުގެ އަދަދު ވަނީ ވޭތުވެދިޔަ ފަސް އަހަރު ވެސް އެވްރެޖުކޮށް ހަތް ޕަސެންޓު ކުރި އަރައިފަ އެވެ. އަދި 2019 އިން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 22،000 އެނދު އިތުރުވި އެވެ. އެހެން ނަމަވެސް، ވޭތުވެދިޔަ 10 އަހަރު ވެސް ރާއްޖޭގެ އޮކިއުޕެންސީ ހުރީ 50-60 ޕަސެންޓާ ދެމެދުގަ ހިފެހެއްޓިފަ އެވެ.

ރާއްޖޭގައި މި ވަގުތު 1،200 ތަނަކުން ޓޫރިސްޓުންނަށް ހިދުމަތްދެ އެވެ. އޭގެ ތެރޭގައި 170 ރިސޯޓާއި 900 ގެސްޓްހައުސް އާއި 160 ސަފާރީ އާއި 13 ހޮޓާ ހިމެނެ އެވެ. މި ތަންތަނުގެ އޮކިއުޕެންސީ އިތުރު ނުވާ އިރު، އެއް އަހަރުން އަނެއް އަހަރު ހުޅުވާ ރިސޯޓުތަކާއި ގެސްޓްހައުސްތައް ވެސް އަންނަނީ އިތުރުވަމުންނެވެ.

މީގެ ދިހަ އަހަރު ކުރިން ރާއްޖޭގެ އޮކިއުޕެންސީ 70 ޕަސެންޓުގައި ވެސް ހުއްޓެވެ. އެހެން ނަމަވެސް، އަހަރަށް ވުރެ އަހަރަކު، ހިދުމަތްދޭ ތަންތަނުގައި ޓޫރިސްޓުން ހޭދަކުރާ ވަރު މަދުވާން ޖެހުމަކީ ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.

ޓޫރިޒަމް ދާއިރާގެ ބެޑް ކެޕޭސިޓީ

ޓޫރިޒަމް ދާއިރާގެ ބެޑް ކެޕޭސިޓީ

ރަނގަޅު އެއަޕޯޓަކާ ނުލައި އަސްލު މަންޒަރެއް ނުފެންނާނެ

ރާއްޖޭގެ މަޝްހޫރު ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކު ވިދާޅުވީ، ޓޫރިޒަމް އެހާ ބާރު ދުވެއްޔެއްގައި ކުރިއަށްދާ އިރު، އެހާ އެއް ހަމައަށް ބޭނުންވާ އެހެން ހިދުމަތްތައް ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ، ޓޫރިޒަމް އެހާ ފުޅާކޮށް ކުރިއަށްދާ އިރު އެ ކުރިއެރުން ލިމިޓްވެފައި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކީ އެއާޕޯޓު ބޮޑުނުވުން. ހިދުމަތް މި ދެނީ 24 ގަޑިއިރަކު ނޫން. އެއާލައިންތަކުން ބޭނުންވާ ޓައިމްތަކެއް ޝެޑިއުލްއަކުން ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

އެއާޕޯޓަށް ފުރަން ގޮސް ތިބި ގިނަ އަދަދެއްގެ ޓޫރިސްޓުން. ޕީކް ސީޒަންގައި އެއާޕޯޓް ތޮއްޖެހުމުގެ މައްސަލަ ކޮންމެ އަހަރަކު ވެސް ކުރިމަތިވޭ-- ފައިލް ފޮޓޯ: މިހާރު

އެއާޕޯޓަށް ފުރަން ގޮސް ތިބި ގިނަ އަދަދެއްގެ ޓޫރިސްޓުން. ޕީކް ސީޒަންގައި އެއާޕޯޓް ތޮއްޖެހުމުގެ މައްސަލަ ކޮންމެ އަހަރަކު ވެސް ކުރިމަތިވޭ-- ފައިލް ފޮޓޯ: މިހާރު

އޭނާ ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމަށް ދުނިޔޭގެ ސަމާލުކަން ލިބުނު އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ހެދި ޓޫރިޒަމްގެ ކުރިމަގު ހުއްޓުން އަރާފައި އޮތުމަކީ އެންމެ ބޮޑު މައްސަލަ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވިދާޅުވީ، އެއާޕޯޓަށް ބޭނުންވާ ވަރަށް އެއާލައިންތަކަށް ފުރުސަތު ނުދެވުމަކީ ގޮންޖެހުމެއް ނަމަވެސް، އެކަން ދެތިން އަހަރުގެ ތެރޭގައި ހައްލުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ. އެހެންވެ، އެއާޕޯޓު ހެދޭ އިރު އިތުރު އެނދުތައް އައުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓްގެ މިދިޔަ އަހަރުގެ ފްލައިޓް މޫވްމަންޓް 15،000 އުޅޭ އިރު އެވްރެޖުކޮށް ދުވާލަކު 45 ފްލައިޓް އެއާޕޯޓަށް ޖައްސަ އެވެ.

މާލޭ މަގަކުން ދިޔަ ޓޫރިސްޓުންތަކެއް. ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު 5،000 ޓޫރިސްޓުން އާދޭ-- ފޮޓޯ: މިހާރު

މާލޭ މަގަކުން ދިޔަ ޓޫރިސްޓުންތަކެއް. ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު 5،000 ޓޫރިސްޓުން އާދޭ-- ފޮޓޯ: މިހާރު

މައުސޫމް ވިދާޅުވީ، ޓޫރިޒަމްގެ ކުރި މަގަށް ޑޮމެސްޓިކް އެއާޕޯޓުތައް ހެދި، އާރްޓީއެލްގެ ހިދުމަތްތައް ވެސް ވަރަށް މުހިންމު ކަމަށެވެ. ސަރުކާރުން އެކަމަށް އެހާ ބޮޑު އިސްކަމެއް ދެނީ ވެސް ޓޫރިޒަމް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓު ތޮއްޖެހޭ މައްސަލައަށް ހައްލެއް ނެތް

އޭސް ޓްރެވެލްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވީ، ޓޫރިސްޓުން އެއާޕޯޓުން ސަލާމަތްވާން ގާތްގަނޑަކަށް ތިން ގަޑިއިރެއްހާ އިރު މިހާރު ވެސް ނަގާ ކަމަށެވެ. އޭނާ ވިދާޅުވީ، އާ ޓާމިނަލްއާ އެކު އެ ކަންކަން ހައްލުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ފިރާގު ވިދާޅުވީ، އާ ޓާމިނަލް ހެދެންދެން ވެސް ނުވަތަ އެއާޕޯޓު ހިންގާ ގޮތް ބަދަލުކޮށްގެން ވެސް އޮޕަރޭޝަން އަވަސް ކުރެވޭނެ ގޮތްތައް އެބަހުރި ކަމަށެވެ. އޭގެ އެއް މިސާލެއްގެ ގޮތުން ދެއްކެވީ، އޮންލައިން ޗެކިން ނިޒާމު ތައާރަފްކޮށް، ފަސިންޖަރުން ކިއުގައި ޗެކިން ވާން ތިބޭ ތިބުން ހުއްޓުމެވެ.

"މީގެ ދެ އަހަރު ކުރިން ކިއޮސްކް ބަހައްޓަން ނިންމި. އެހެން ނަމަވެސް، މިހާރު ކިއޮސްކް ބެހެއްޓުން ފަސްކުރީ އާ ޓާމިނަލަށް،" އޭނާ ވިދާޅުވި އެވެ.

ޗައިނާ އިން އައި މަތިންދާ ބޯޓަކުން ޓޫރިސްޓުންތަކެއް ފައިބަނީ. އެއާޕޯޓް ޒަމާނަކާ ނުގުޅޭ-- ފޮޓޯ: މިހާރު

ޗައިނާ އިން އައި މަތިންދާ ބޯޓަކުން ޓޫރިސްޓުންތަކެއް ފައިބަނީ. އެއާޕޯޓް ޒަމާނަކާ ނުގުޅޭ-- ފޮޓޯ: މިހާރު

ވެލާނާ އެއާޕޯޓަކީ ރާއްޖޭގެ މައި އެއާޕޯޓެވެ. ހުރިހާ ޓޫރިސްޓުން ރާއްޖެ އަށް އެންމެ ފުރަތަމަ ފައި ޖައްސާލަނީ އެ އެއާޕޯޓަށެވެ. އެކަމަކު، އެއާޕޯތަށް ފައިބައި ފުރުމާ ހަމައަށް، ނުވަތަ ފުރަން ގޮސް އެ އުފުލަން ޖެހޭ ބުރަ އާއި ހޭދަވާ ވަގުތަކީ ބޮޑު ބޮލުރިހުމެކެވެ.

އެއާޕޯޓުގެ ތޮއްޖެހުން ބޮޑުވެ ފުރަން ގޮސް ތިބޭ މީހުންގެ ކިއޫތައް ޑޮމެސްޓިކް ޓާމިނަލްއާ ހަމައަށް ވެސް މީގެ ކުރިން ގޮސްފައިވެ އެވެ. އެހެން ވަނީ، އެއާޕޯޓުގެ ޗެކިން އޭރިއާ ކުޑަވެ، ފްލައިޓުތަކުން ދަތުރު ކުރާ ގިނަ ބަޔަކަށް އެއް ފަހަރާ ހިދުމަތް ދޭން ޖެހުމުންނެވެ. މިއަހަރުގެ ޕީކް ސީޒަން އަދި ނުފެށޭ އިރު މިހާރު ވެސް ތޮއްޖެހުންތައް ކޮންމެވެސް ވަރަކަށް ކުރިމަތިވާ ކަމަށް ފިރާގު ވިދާޅުވި އެވެ. އެހެންވެ، ޕީކް ސީޒަން ފެށުމުން އެއާޕޯޓު ބާރުބޮޑުވެ، ހިދުމަތްތައް ހޯދަން އިތުރަށް ލަސްވާނެ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

އެއާޕޯޓު ބޮޑުކޮށް އާ ޓާމިނަލްގެ މަސައްކަތް ކުރިއަށްދާތާ ހަތް އަހަރަށް އަހަރުވެފައިވާ އިރު، އެ މަސައްކަތް ނިންމާނެ ކަމަށް މިހާރު ބެލެވެނީ 2025 ވަނަ އަހަރު އެވެ. އެހާ ބޮޑަށް އެ މަސައްކަތް ލަސްވީ، ފަންޑިންގެ މައްސަލައިގެ އިތުރުން ކޮވިޑާ ގުޅިގެން ކުރިމަތިވި، ޑިލޭތަކުގެ ސަބަބުންނެވެ.

ދުވާލަކު އަންނަ ޓޫޜިސްޓުންގެ އަދަދު އިތުރުވާ ވަރު މަދު ކަމަށް ދާއިރާގެ ފަރާތްތަކުން އެއްބަސްވެ-- ފޮޓޯ: މިހާރު

ދުވާލަކު އަންނަ ޓޫޜިސްޓުންގެ އަދަދު އިތުރުވާ ވަރު މަދު ކަމަށް ދާއިރާގެ ފަރާތްތަކުން އެއްބަސްވެ-- ފޮޓޯ: މިހާރު

ރަނގަޅު އޮކިއުޕެންސީއެއް ހޯދަން ޓޫރިސްޓުންގެ އަދަދު 10،000 އަށް

ކެޕިޓަލް ޓްރެވަލްގެ އޯނަރު ޔޫސުފު ރިފްއަތު ވިދާޅުވި އެއް ވާހަކައަކީ ރާއްޖޭގެ ބެޑް ކެޕޭސިޓީ އިތުރުވާ ވަރާއެއް ހަމައަށް ޓޫރިސްޓު އެރައިވަލް އިތުރު ނުވުމެވެ. އޭނާ ވިދާޅުވި، މިހާރު އެވްރެޖްކޮށް ދުވާލަކު ރާއްޖެ އަށް 5،000 ޓޫރިސްޓުން އަންނަ އިރު އެ އަދަދު 8،000-10،000 އިތުރު ކުރުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތް ކަމަށެވެ. އެ ލެވެލްއަށް ރާއްޖޭގެ ޓޫރިޒަމް ގެންދިއުމުގެ ޕޮޓެންޝަލް ޓޫރިޒަމް ދާއިރާގައި އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ އަދަދަށް ޓޫރިސްޓުން އަތުވެއްޖެ ނަމަ، ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ 80 ޕަސެންޓާއި 90 ޕަސެންޓާ ހަމައަށް އިތުރު ކުރުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ.

"ރާއްޖެއަށް އެންމެ ބިޒީކޮށް އައިސްފައި ހުރީ 7،500 މީހުން އެއް ދުވަހަކު. ދެތިން ފްލައިޓު އިތުރުވެގެން ވެސް މިކަން ބަދަލު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ޓޫރިސްޓުން އަންނަ ވަރު 10،000 އެރުވުމަށް އެއާޕޯޓު އޮތީ ތައްޔާރަކަށް ނޫނެވެ. ޓޫރިސްޓުން އަންނަން ބޭނުން ވިޔަސް، އެކަން އެއާޕޯޓް އޮތް ހާލަތާ އެކު އެކަން ވާކަށް ނެތެވެ.

އެއާޕޯޓުން ޓޫރިސްޓެއް ހިންގާފައި ދަނީ. ޓޫރިޒަމް ދާއިރާ ހުއްޓިފައި އޮތީ އެއާޕޯޓު ބޮޑު ނުކުރެވިގެން ކަމަށް ދާއިރާގެ ފަރާތްތަކުން ގަބޫލު ކުރޭ -- ފޮޓޯ: މިހާރު

އެއާޕޯޓުން ޓޫރިސްޓެއް ހިންގާފައި ދަނީ. ޓޫރިޒަމް ދާއިރާ ހުއްޓިފައި އޮތީ އެއާޕޯޓު ބޮޑު ނުކުރެވިގެން ކަމަށް ދާއިރާގެ ފަރާތްތަކުން ގަބޫލު ކުރޭ -- ފޮޓޯ: މިހާރު

އެ ހިސާބަށް ޓޫރިޒަމް ފުޅާ ނުކުރެވިގެން އުޅެނީ އާ ޓާމިނަލް ނުނިމޭތީ ކަމަށާއި އާ ޓާމިނަލް ހުޅުވުމުން ޓޫރިޒަމް ދާއިރާ ވަރަށް ބޮޑަށް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން ވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވެފައި އޮތް އާ ޓަމިނަލް ނިންމާނެ ކަމަށް މިހާރު ލަފާކުރަނީ 2025 އެވެ.

އޮކިއުޕެންސީ ދަށްވާތީ ރިސޯޓުތަކުން ދޭތެރެ ދޭތެރެ އިން ޖެހެނީ ކޮޓަރިތައް "ސޭލް" އަޅުވާށެވެ. އެހެންވެ، އެ ފަރާތްތަކުން ބޭނުންވާ އާމްދަނީ ހޯދަން ހުރަސްތައް ކުރިމަތިވެ އެވެ. ހޮސްޕިޓާލިޓީ ދާއިރާ އަކީ ރިކަރަންޓް ހަރަދު އެހާ ބޮޑު ދާއިރާއަކަށްވާ އިރު އެ ދާއިރާއިން ބޮޑު ފައިދާއެއް ހޯދަން ޖެހެނީ، ވީހާވެސް ގިނައިން ކޮޓަރި ވިއްކައިގެންނެވެ. އެކަމަކު ރިސޯޓުތަކުގެ ކޮޓަރިތައް ހުހަށް ބަހައްޓަން ޖެހޭތީ ބައެއް ފަހަރު ނުއަގުގައި ވެސް ވިއްކަ އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅަކު ވިދާޅުވީ، ޓޫރިޒަމް ކުރިއަރުވަން އާ ޓާމިނަލް ހުރަހަކަށް ވެފައި އޮތް ނަމަވެސް، ރާއްޖެ މާކެޓު ކުރުމުގައި ވެސް ޓްރެޑިޝަނަލް ގޮތްތައް ދޫކޮށްލައި އެންމެ ޒަމާނީ ގޮތްތަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.

ގާތްގަނޑަކަށް 4.4 ބިލިއަން ޑޮލަރު (68 ބިލިއަން ރުފިޔާ)ގެ ޓޫރިޒަމް ސެކްޓަރު ކުރިއަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ހުރަހަކަށް އެއާޕޯޓުވެފައި އޮތް ނަމަވެސް، ރާއްޖޭގެ ޓޫރިޒަމް ފުޅާ ކުރަން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް މި ގައުމަށް ޖަމާވުމަކީ، އިންވެސްޓަރުން މިދާއިރާއަށް ހުރި ޝައުގުވެރިކަމެވެ. އިންވެސްޓަރުންގެ "އެޕިޓައިޓް" ނުވަތަ އިތުބާރު މި ދާއިރާއަށް ބޮޑުވެފައި އޮތް މި ދަނޑިވަޅުގައި، އެއާ އެއް ހަމައަށް ޓޫރިސްޓުންނަށް ރާއްޖެއަށް އާދެވެން ޖެހެ އެވެ. މިހާރު އޮތް ގޮތުން ހުރަސް އެޅެނީ ރާއްޖެއަށް ވަންނަން އޮތް އާމްދަނީއެވެ. ރާއްޖޭގެ ނަން އަބަދަކު ދުނިޔޭގެ އެންމެ މަގްބޫލް މަންޒިލްގެ ގޮތުގައި ނޯވެދާނެ ކަމަށް ބަލައި، ޑިމާންޑާ އެއްވަރަށް ޓޫރިސްޓުން އައުމަށް ފުރުސަތު ފަހިކުރަން އެބަ ޖެހެ އެވެ.