Roadha Mihaaru
ޝިހާބާއި ނާޒިމް ޖޭޕީ އަށް ސޮއިކުރައްވައިފި

ޝިހާބާއި ނާޒިމް ޖޭޕީ އަށް ސޮއިކުރައްވައިފި

03 އޯގަސްޓް 2023

ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިހާބާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ޖުމްހޫރީ ޕާޓީ އަށް ދެންމެ ސޮއިކުރައްވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިހާބާއި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ޖުމްހޫރީ ޕާޓީ އަށް ދެންމެ ސޮއިކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ވެސް ކުރެއްވި ޝިހާބުގެ އިތުރުން ނާޒިމް ޖޭޕީ އަށް ސޮއިކުރެއްވީ އެ ޕާޓީގެ އޮފީހުގައި ބޭއްވި ހަފުލާއެއްގަ އެވެ. ފޯމާ ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓްކަމަށް ކަނޑައަޅާފައިވާ ގާސިމް އިބްރާހިމެވެ.

ޝިހާބަކީ ޖޭޕީ އުފެދިއްތާ ކުރީކޮޅު ވެސް އެ ޕާޓީގެ އިސް މެމްބަރެކެވެ. އެކަމަކު، ސިޔާސީ މަސްރަހަށް އަދި ބަދަލުތަކާ އެކު ފަހުން އެމްޑީޕީއާ ގުޅިވަޑައިގަތީ އެވެ. ނަމަވެސް، ގާސިމާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވަ އެވެ. ޝިހާބު ރައީސް އޮފީހުގެ މިނިސްޓަރުކަމުން ދާދި ފަހުން އިސްތިއުފާ ދެއްވީ ވެސް ގާސިމާއި ކުރީގެ ރައީސް އަދި މިހާރު ޑިމޮކްރެޓްސް ޕާޓީއާ އެކު މަސައްކަތް ކުރައްވާ މުހައްމަދު ނަޝީދު މި އަހަރުގެ ރިޔާސީ އިންތިހާބަށް އެކުގައި މަސައްކަތް ކުރެއްވުމުގެ މަޝްވަރާތަކެއް ފެއްޓެވި ހިސާބުންނެވެ.

ޝިހާބާއި ނާޒިމް ޖޭޕީ އަށް ސޮއިކުރައްވަން މިއަދު ބޭއްވި ހަފުލާގައި ޖޭޕީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޝިހާބާއި ނާޒިމް ޖޭޕީ އަށް ސޮއިކުރައްވަން މިއަދު ބޭއްވި ހަފުލާގައި ޖޭޕީގެ ލީޑަރު ގާސިމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ނާޒިމަކީ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ވަރަށް ގާތް ބޭފުޅެކެވެ. ނަމަވެސް ޑީއާރުޕީ އާއި ޕީއޭ އަދި ޕީޕީއެމް އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ނާޒިމާއި ޔާމީނާ ދެމެދު ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިގެން ޔާމީނާ ދުރަށް ވަޑައިގަތީ އެވެ. އަދި ޔާމީންގެ ވެރިކަމުގެ ފަހު ދުވަސްވަރު އައި 25 އަހަރުގެ ޖަލު ހުކުމާ އެކު އެ ގުޅުން އިތުރަށް ގޯސްވެ، އެއްކޮށް ގުޅުން ކެނޑުނީ އެވެ.

ނާޒިމްގެ 25 އަހަރަށް ޖަލަށްލާން ސުޕްރީމް ކޯޓުން 2015 ގައި ހުކުމްކުރީ ކުރީގެ އެޓޮލްސް މިނިސްޓްރީ އަށް ދިދަތަކެއް ގަތުމަށް ކުރި އިއުލާނަކާ ގުޅިގެން މަކަރާއި ހީލަތުން އެ ޕްރޮޖެކްޓް ކާމިޔާބު ކުރި ކަމަށް ދައުލަތުން ދައުވާ ކުރުމުންނެވެ. އެ ހުކުމް ރިވިއުކުރަން ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނާޒިމް މިނިވަންކުރީ ޑިސެމްބަރު 2018 ގަ އެވެ. އޭގެ ފަހުން މިހާތަނަށް ސިޔާސީ ކަންކަމުގައި ނާޒިމް އަަމަލީ ގޮތުން ނޫޅުއްވަ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި މަޝްހޫރު ދެ ވިޔަފާރިވެރިންތަކެއް ކަމަށްވާ، ކާޓިއުންސް އާއިލާގެ ދެ ބޭފުޅުން ކަމަށް އިސްމާއިލް ޝުޖާއު (އިންމަ) އާއި އިބްރާހިމް ޝުޖާއު ވެސް އިއްޔެ ވަނީ ޖޭޕީއާ ގުޅިވަޑައިގެންފަ އެވެ.