Roadha Mihaaru
ޖޭޕީއަކީ ދަލު ބޭރުން ޖެހޭނެ ޕާޓީއެއް ނޫން: ގާސިމް

ޖޭޕީއަކީ ދަލު ބޭރުން ޖެހޭނެ ޕާޓީއެއް ނޫން: ގާސިމް

28 ޖެނުއަރީ 2024

ޖުމްހޫރީ ޕާޓީއަކީ ދަލު ބޭރުން ޖެހޭނެ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީން، އެހެން ޕާޓީތަކާ އެކު މަސައްކަތް ކުރާނީ އެ ބަޔަކު އެ ފުރުސަތު ދިން ވަރަކުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޖުމްހޫރީ ޕާޓީއަކީ ދަލު ބޭރުން ޖެހޭނެ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީން، އެހެން ޕާޓީތަކާ އެކު މަސައްކަތް ކުރާނީ އެ ބަޔަކު އެ ފުރުސަތު ދިން ވަރަކުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ، ޖޭޕީއަކީ ބަޔަކު ބޭނުން ނުކުރާ ވަރަކުން އެ ބަޔަކާ ގުޅެން އުޅޭ ޕާޓީއެއް ނޫން ކަމަށާއި އެކަމަކު ބަޔަކު ބޭނުންކުރި ވަރަކަށް އެ ބަޔަކާ އެކު އުޅޭނެ ޕާޓީއެއް ކަމަށެވެ.

"ދަލު ބޭރުން ޖެހިގެން އުޅޭނެ ބައެއް ނޫން އަޅުގަނޑުމެންނަކީ. އަޅުގަނޑަކީ ހަމަ ގައިމު ވެސް އެހެން ދާނެ މީހެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީއާ އެކު ކޯލިޝަން ހަދާނެތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ އޭނާއަކީ އަމިއްލަ އަށް އެއްވެސް ނިންމެވުމެއް ނިންމަވާނެ ބޭފުޅެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އެފަދަ ކަމެއް ކުރާ ނަމަވެސް އެކަން ކުރާނީ ޕާޓީގެ ކައުންސިލުން މަޝްވަރާކޮށް އެގޮތަށް ނިންމައިގެން ކަމަށެވެ.

މިދިޔަ މަހު، ގާސިމް ވަނީ ރައީސް އޮފީހުގައި ރައީސ ޑރ. މުއިއޒާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެ ދުވަހު ވެސް ރައީސަށް އޭނާ ދެއްވި ޔަގީންކަމަކީ، ގާނޫނީ އިމުގެ ތެރެއިން ރައީސް ޑރ. މުއިއްޒަށް އެއްބާރުލުން ދެއްވާނެ ކަމެވެ. އެ ވާހަކަ ތަކުރާރު ކުރައްވައި ގާސިމް ވިދާޅުވީ މުއިއްޒު ވެސް ގޯސްކަމެއް ކުރައްވައިފި ނަމަ އެ ވާހަކަ ދައްކަވާނެ ކަމަށެވެ.

ގާސިމް ވަނީ ޗައިނާ އިން ރާއްޖެއަށް ވަޑައިގެން ރައީސް ޑރ. މުއިއްޒު ދެއްވި އިންޓަވިއުގައި އިންޑިއާ އާ ގުޅިގެން ދެއްކެވި ވާހަކަތަކަށް މާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ސަރުކާރުގެ ކޯލިޝަނުގައި އުޅުނު ޖޭޕީން މިފަހުން ދަނީ މި ސަރުކާރާ އެކު ވެސް ގާތް ގުޅުމެއް ބާއްވަމުންނެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވަނީ ތިން ދާއިރާއަކަށް ވާދަނުކުރާން ނިންމައިފަ އެވެ. އޭގެ ތެރޭގައި ޕީޕީއެމް/ޕީއެންސީ އިން ތިން ދާއިރާ، ގާސިމް މިހާރު ވެސް ތަމްސީލު ކުރައްވަމުންދާ މާމިގިލި ދާއިރާ ހިމެނެ އެވެ.