Roadha Mihaaru
ކެންޑިޑެސީ މައްސަލަ ކޯޓަށް ވައްދަން ޕީޕީއެމް ތައްޔާރު!

ޔާމީންގެ ކެންޑިޑެސީ މައްސަލަ ކޯޓަށް ވައްދަން ޕީޕީއެމް ތައްޔާރު!

01 އޯގަސްޓް 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގެންފި ނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނުގެ ރަނިންމޭޓު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިނުގެންފި ނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނުގެ ރަނިންމޭޓު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީންގެ ކެންޑިޑެސީ ފޯމް، ދަރުބާރުގޭގައި ހުންނަ އިލެކްޝަން ސެންޓަރަށް ހުށަހެޅުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ އީސީން އެ ފޯމް ބަލައިނުގެންފި ނަމަ ގާނޫނީ ހައްލެއް ހޯދަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"އެއްވެސް ލަސް ކުރުމެއް ނެތި ޕާޓީގެ ގާނޫނީ ޓީމުން ވަނީ އެކަމަށް ފުރިހަމަ އަށް ތައްޔާރުވެފަ. އެކަން ވަގުތުން ހިނގާނެ،" ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމް ލީޑް ކުރައްވާ ޖަމީލް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒު ކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރުވުން ހިމެނެ އެވެ.

އެހެން ނަމަވެސް ޖަމީލް ވިދާޅުވި ގޮތުގައި ޔާމީންގެ ކެންޑިޑެސީ ބަލައިނުގެންނަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ އެވެ. އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރިހަމަ ހައްގު ލިބިގެންވާ ކަމަށާއި ފުރަތަމަ މަރުހަލާގައި އީސީން ވެސް އެކަން ބަލައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި އެގޮތަށް ބުނާ އިރު ޔާމީނަށް ވާދަ ކުރެވޭނެ ކަމަށް ޕީޕީއެމް/ޕީއެންސީން ދައްކާ ގާނޫނީ ސަބަބުތައް ފަހުން ހާމަ ކުރަމުން ގެންދަވާނެ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ޕީޕީއެމް އިން ޔާމީންގެ ކެންޑިޑެސީ ފޯމް ހުށަހެޅި ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމް ބަލައިގަތުމާ މެދު މިއަދު 6:00 ގެ ކުރިން ގޮތެއް ނިންމާނެ އެވެ.