Roadha Mihaaru
ޔާމީން އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށަހަޅައިފި

ޔާމީން، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ފޯމު ހުށަހަޅައިފި

01 އޯގަސްޓް 2023

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅައިފި އެވެ.

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅައިފި އެވެ.

ޕީޕީއެމް އޮފީހުން ސެނެޓުގެ ބައެއް މެމްބަރުން ހިންގަވާފައި ދަރުބާރުގޭގައި ހިންގާ އިންތިހާބާ ބެހޭ މައި މަރުކަޒަށް ވަޑައިގެން ޔާމީންގެ ފޯމު ހަވާލުކުރެއްވިއިރު، އިސްކޮށް ހުންނެވީ އެމަނިކުފާނުގެ ރަނިން މޭޓް، ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުންނަށް ބައިވެރިވެވަޑައިނުގެންނެވުނީ ޔާމީންގެ މަންމާފުޅު ފާތުމަތު ހަސަން އަވަހާރަވެގެން ޖަނާޒާއަށް ސްރީ ލަންކާގައި ތިއްބެވުމުންނެވެ.

ކެންޑިޑެސީއާ މެދު ނިންމި ގޮތެއް 24 ގަޑިއިރު ހަމަވުމުގެ ކުރިން އަންގާނަން. -- އީސީގެ ނައިބު ރައީސް ހަބީބް

ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕުން ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރިޔަސް ވާދަކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ބުނެ އެވެ. އެކަމަކު ގާނޫނުއަސާސީގައި ބުނާ ރައީސްކަމަށް ވާދަކުރެއްވުމުގެ ޝަރުތެއް އެމަނިކުފާނުގެ ވަނީ އުނިވެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އީސީއަށް ފޯމު ހުށަހެޅުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އީސީއަށް ފޯމު ހުށަހެޅުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވާން ޖެހެ އެވެ. ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށް ދިޔައަސް އެ މައްސަލައިން އިންތިހާބުގެ ކުރިއަށް އެމަނިކުފާނު ސަލާމަތްވުމުގެ ދޮރު ގާތްގަނޑަކަށް މިހާރު އޮތީ ބަންދުވެފަ އެވެ.

ފޯމު ހުށަހެޅުމަށް ފަހު، ޔާމީންގެ ކެމްޕޭން އެޖެންޓް، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް އެދިވަޑައިގަތީ ވީހާވެސް އަވަހަކަށް ގޮތެއް ނިންމައިދިނުމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އީސީއަށް ފޯމު ހުށަހެޅުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އީސީއަށް ފޯމު ހުށަހެޅުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޔާމީންގެ ފޯމާ އީސީގެ މެމްބަރުން ހަވާލުވެވަޑައިގެން ވިދާޅުވީ ފޯމުގެ މައުލޫމާތު ދިރާސާކުރުމަށް ފަހު 24 ގަޑިއިރު ފުރިހަމަވުމުގެ ކުރިން ޖަވާބު ދޭން ކަމަށެވެ. ގާނޫނުގައި އޮންނަނީ ކެންޑިޑެސީ ބަލައިގަތް ކަން ނުވަތަ ނޫން ކަން 48 ގަޑިއިރުގެ ތެރޭގައި އަންގަން ޖެހޭނެ ކަަމަށެވެ.

ހަބީބް ވިދާޅުވި ގޮތުގައި ޕީޕީއެމުން ހުށަހެޅީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ފޯމު ކަމަށް ވާތީ ލަސްކުރުމުގެ އެއްވެސް ނިޔަތެއް ނުގެންގުޅޭނެ އެވެ.

އީސީގެ ނިންމުމާ މެދު ހިތްހަމަނުޖެހުމެއް އޮތް ނަމަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮތް ކަން ވެސް އެ ކޮމިޝަނުން ފާހަގަކުރި އެވެ.

ކެންޑިޑެސީއާ މެދު އީސީން ނިންމާ ގޮތަކާ މެދު ހިތްހަމަނުޖެހޭ ނަމަ އެ ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅަން ފަސް ދުވަސް ލިބޭނެ އެވެ. އަދި އެހެން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަ ހަތް ދުވަސް ތެރޭ ނިންމަން ޖެހެ އެވެ.