Roadha Mihaaru
އެމްއާރުއެމްގެ ގާނޫނީ ސުވާލާ ހެދި ފާރިސް ސޮއި ހޯދަނީ

އެމްއާރުއެމްގެ ގާނޫނީ ސުވާލާ ހެދި ފާރިސް 1،500 ސޮއި ހޯދަނީ

30 ޖުލައި 2023

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ކުރިމަތިވެފައިވާ ގާނޫނީ ހާލަތާ ހެދި އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވިދާނެތީ އަމިއްލަ ގޮތުން ކުރިމަތިލައްވަން ސޮއި ހޯދަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ކުރިމަތިވެފައިވާ ގާނޫނީ ހާލަތާ ހެދި އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވިދާނެތީ އަމިއްލަ ގޮތުން ކުރިމަތިލައްވަން ސޮއި ހޯދަން ފަށައިފި އެވެ.

އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ ނަމަ ފޯމު ހުށަހެޅޭނީ 1،500 މީހުންގެ ތާއީދު ސޮޔާއެކުގަ އެވެ.

ފާރިސް ސޮއި ހޯއްދަވަމުން އަންނަ އިރު އެމްއާރުއެމުން ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީ އޭނާ އެކަންޏެވެ. އެކަމަކު އަމިއްލަ ގޮތުން ވެސް ވާދަކުރައްވަން އޭނާ ތައްޔާރުވެވަޑައިގަންނަވަނީ އެމްއާރުއެމަށް ކުރިމަތިވެފައިވާ ގާނޫނީ ސުވާލާ ހެދި އެވެ.

ގާނޫނުގައި ކަނޑައަޅާފައިވާ އަދަދު 3،000 މެމްބަރުން އެ ޕާޓީގައި ހަމަނުވާތީ އީސީން ވަނީ އެމްއާރުއެމް އުވާލައިފަ އެވެ. މިއީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދޭން ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ނިމިފައި އޮތީ އެމްއާރުއެމްއާ އެއްކޮޅަށެވެ.

ކޯޓުން އޮތީ މައްސަލަ ނިމެންދެން އެމްއާރުއެމް އުވާލުމުގެ ނިންމުމަށް އަމަލުނުކުރަން އަންގައިފަ އެވެ. އެކަމަކު ރިޔާސީ އިންތިހާބާ ގުޅޭ ބައްދަލުވުންތަކަށް އީސީން އެ ޕާޓީއަށް ނުދޭ ކަމަށް އެމްއާރުއެމުން ވަނީ ބުނެފަ އެވެ.

އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ އެ ޕާޓީއަށް އިންތިހާބުގައި ވާދަނުކުރެވިއްޖެ ނަމަ އަމިއްލަ ގޮތުން ފާރިސް ވާދަކުރައްވާނެ ކަމަށެވެ.

އެމްއާރުއެމުން އިންތިހާބަށް ފާރިސް ނެރެން ނިންމާފައިވާ އިރު އެ ޕާޓީ އަދިވެސް އޮތީ މި ސަރުކާރު ހިންގާ ކޯލިޝަންގަ އެވެ. މި ވެރިކަން ގެނައުމުގައި އިސް ހަރަކާތްތެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ފާރިސް ހިމެނިވަޑައިގެންނެވި ނަމަވެސް މި ފަހުން އެމްއާރުއެމުން ދަނީ ސަރުކާރުގެ އެކި ކަންކަމާ ގުޅުވައި ނުރުހުންފާޅުކުރަމުންނެވެ.

ކޯލިޝަން ވެރިކަމެއް އުފައްދަން ލީޑަރުންގެ މެދުގައި އެއްބަސްވި ގޮތަށް ކަންކަން ނުދިޔަ ކަމުގެ ކަންބޮޑުވުން ވެސް އެ ޕާޓީން އޮތީ ފާޅުކޮށްފަ އެވެ.

އެމްޑީޕީ އިސްވެ އޮވެ އުފެއްދި މި ކޯލިޝަންގެ ދެ ވަނަ ދައުރަކަށް އެމްއާރުއެމަށް ދިން ދައުވަތު އެ ޕާޓީން ގަބޫލެއް ނުކުރި އެވެ. އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދު ނުކުރެވޭތީ ކޯލިޝަންގެ އިތުރު ދައުރަކަށް އެމްޑީޕީއާ އެކު ނުތިބެން ނިންމާފައިވާ ކަން މިދިޔަ ހަފުތާގައި ވަނީ އިއުލާންކޮށްފަ އެވެ.

އެކަމަކު ޖޭޕީއާ އެކު އިންތިހާބު ކާމިޔާބުކުރަން މަސައްކަތް ކުރަން އެމްއާރުއެމް ތައްޔާރެވެ. މިދިޔަ ހަފުތާގައި އެ ޕާޓީން ވަނީ ޖޭޕީއާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފަ އެވެ.