Roadha Mihaaru
ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖެ އިން ފެނިއްޖެ

ހިމަބިހި ޖެހިފައިވާ މީހަކު ރާއްޖެ އިން ފެނިއްޖެ

27 ޖުލައި 2023

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ، ހިމަބިއްސަށް މާލެ އިން ދިވެއްސަކު ޕޮޒިޓިވް ވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ، ހިމަބިއްސަށް މާލެ އިން ދިވެއްސަކު ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، މިދިޔަ އަންގާރަ ދުވަހު ރެކޯޑް ކުރި އެ ކޭސްއަކީ ރާއްޖެ އިން ބޭރުން އައި ނުވަތަ އިމްޕޯޓެޑް ކޭސް އެއް ކަމަށެވެ.

އޭނާއަކީ މީސަލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހަކު ކަމަށާއި ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެޗްޕީއޭ އިން ބުނީ، ހިމަބިއްސަކީ ރާއްޖެ އިން ނައްތާލާފައިވާ، ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ވާތީ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާތަނަށް އެ ބަލި އެހެން މީހުންގެ ގަޔަށް އަރާ މުއްދަތުގައި އޭނާ ދަތުރުކޮށްފައި ވާތީ ދަތުރުމަތީގަ އާއި ގެ އާއި ހޮސްޕިޓަލުން އޭނާ އަށް ދިމާވި މީހުން ދަނެގަނެ، ކަންކަން ފުރިހަމަ ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

"އޭގެ ތެރެއިން މީސަލްސްގެ ވެކްސިން ޑޯޒްތައް ފުރިހަމަ ނުވެ ތިބި ފަރާތްތަކަށް ވެކްސިން ޖެހުން ކުރިއަށް ގެންދެވޭނެ އެވެ،" އެޗްޕީއޭއިން ބުންޏެވެ.

ހިމަބިހީގެ އަލާމަތްތަކުގެ ތެރޭގައި:

- ހުން އައުން. - ހަމުގައި ރަތް ބިހިތަކެއް ނެގުން. - ކެއްސުން. - ނޭފަތުން އަރިދަފުސް ފޭބުން. - ލޯ ރަތްވުން. އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލީ 2018 ވަނަ އަހަރުގަ އެވެ. އެކަމަކު އޭގެ ފަހުން، ވެސް ރާއްޖެ އިން ހިމަބިހީގެ ކޭސްތަކެއް ފެނިފައި ވެ އެވެ. އެގޮތުން 2020 ގެ އިތުރުން މީގެ ތިން މަސް ކުރިން އައްޑޫން ވެސް ކުޑަކުއްޖަކު ޕޮޒިިވް ވެފައިވެ އެވެ.