Roadha Mihaaru
ބަންގްލަދޭޝްގައި ޑެންގޫ ފެތުރި 176 އަށްވުރެގިނަ މަރު

ބަންގްލަދޭޝްގައި ޑެންގޫ ފެތުރި 170 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

25 ޖުލައި 2023

ޑާކާ (ޖުލައި 25) - ބަންގްލަދޭޝްގެ މި އަހަރުގެ ވިއްސާރަ މޫސުމުގެ ދުވަސްތައް ކުރިއަށް ދާއިރު، މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގޫ ހުން ޖެހިގެން މިހާތަނަށް 176 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ އާންމު ސިއްހަތާ ބެހޭ އިދާރާއިން ބުނެފި އެވެ.

ޑާކާ (ޖުލައި 25) - ބަންގްލަދޭޝްގެ މި އަހަރުގެ ވިއްސާރަ މޫސުމުގެ ދުވަސްތައް ކުރިއަށް ދާއިރު، މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގޫ ހުން ޖެހިގެން މިހާތަނަށް 176 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ އާންމު ސިއްހަތާ ބެހޭ އިދާރާއިން ބުނެފި އެވެ.

ކޮންމެ އަހަރެއްގެ ވެސް ވިއްސާރަ މޫސުމުގައި ޑެންގޫ ފެތުރުމަކީ އެ ގައުމުގައި އާންމު ކަމެއް ނަމަވެސް، މިއަހަރުގެ ވިއްސާރަ މޫސުމުގައި ޑެންގޫ ފެތުރެމުން ދަނީ މިދިޔަ އަހަރުތަކަށް ވުރެ މާ ހަލުވި ގޮތެއްގައި ކަމަށް އެ ގައުމުން ބުނެ އެވެ. ޑެންގޫ ޖެހިފައިވާ މީހުން އެޑްމިޓްކުރަން ޖެހޭ އަދަދު ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ބައެއް ސަރަހައްދުތަކުގެ ހޮސްޕިޓަލުތައް މިހާރު ފުރިއްޖެ އެވެ.

ސިއްހަތާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި ބަންގްލަދޭޝްގައި މިހާރު ޑެންގީ ފެތުރެމުން ދަނީ ވަބާއެއްގެ ދަރަޖައިގަ އެވެ. ނަމަވެސް، ވަބާއެއްގެ ދަރަޖައިގައި ޑެންގޫ ފެތުރެމުންދާ ކަމަށް އެ ގައުމުގެ ސަރުކާރުން އަދި ނުބުނެ އެވެ.

ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސާވިސް އިން ބުނި ގޮތުގައި، މިހާރު ކުރަމުންދާ ވިއްސާރަ މޫސުމުގެ ތެރޭގައި ފެތުރެން ފެށި ޑެންގޫގައި، ރޭގެ މެންދަމާ ހަމައަށް 176 މީހަކު މަރުވެއްޖެ އެވެ. އޭގެ ތެރޭގައި 14 އަހަރުން ދަށުގެ 31 ކުދިން ހިމެނެ އެވެ.

ޑެންގޫ ޖެހިގެން މިއަހަރުގެ މިހާތަނަށް ގާތްގަނޑަކަށް 33000 މީހަކު ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދީފައިވާ އިރު، މިހާތަނަށް އެންމެ ގިނަ މީހުން އެއް ދުވަހެއްގައި މަރުވީ، މިދިޔަ ހަފުތާގެ ބުދަ ދުވަހު އެވެ. އެ ދުވަހު އެކަނިވެސް 19 މީހުން މަރުވި އެވެ.

އެ ގައުމުގެ ސިއްހަތާ ބެހޭ އިދާރާ އިން ބުނި ގޮތުގައި މިދިޔަ ފަސް އަހަރާ އަޅައި ބަލާއިރު، އެންމެ ހަލުވިކޮށް ޑެންގޫ ފެތުރެމުން ދަނީ މިއަހަރުގެ ތެރޭގަ އެވެ. މިދިޔަ އަހަރުގެ ވިއްސާރަ މޫސުމުގައި ޑެންގޫ ފެތުރުނު ދުވަސްވަރު އެ ހުން ޖެހިގެން 281 މީހަކު މަރުވި އެވެ.

މިއަހަރުގެ ވިއްސާރަ މޫސުން ފެށުނުތާ މާ ގިނަ ދުވަހެއް ނުވަނީސް 176 މީހުން ޑެންގޫގައި މަރުވެފައި ވާތީ، ވިއްސާރަ މޫސުން ނިމޭ އިރު، ޑެންގޫ ޖެހިގެން މިއަހަރު މަރުވާ މީހުންގެ އަދަދު، މިދިޔަ އަހަރަށް ވުރެ އިތުރުވާނެ ކަމަށް ބެލެވެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ދުވަސް ތެރޭގައި ޑެންގޫ ޖެހިގެން މަރުވީ އެންމެ 29 މީހުންނެވެ. ނަމަވެސް މިއަހަރުގެ ޖުލައި މަހުގެ 23 ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ 115 އަށް އަރައިފަ އެވެ.

ބަންގްލަދޭޝްގައި ކޮންމެ އަހަރެއްގައި ވެސް އެންމެ ހަލުވިކޮށް ޑެންގޫ ފެތުރެނީ އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އެ ގައުމުގެ ސިއްހަތާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި މިހާރު އެންމެ ހަލުވި ގޮތެއްގައި ޑެންގޫ ފެތުރެމުން ދަނީ ވެރިރަށް ޑާކާގަ އެވެ. އަދި މި ހުން ޖެހޭ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށްވެ އެވެ.