Roadha Mihaaru
އޭޝިޔާ އަށް ގަދަ ހޫނާއި ރެކޯޑު އަދަދަކަށް ވާރޭ

އޭޝިއާގެ ބައެއް ސަރަހައްދުތަކަށް ގަދަ ހޫނު، އަނެއް ބައި ފެނު އަޑީގައި

18 ޖުލައި 2023

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އާބާދީ ބޮޑު ބައްރުގައި އާދަޔާ ހިލާފަށް ހޫނު ގަދަވުމާއި ރެކޯޑު މިންވަރަށް ވާރޭ ވެހި ފެންބޮޑުވެފައިވާއިރު، ކުރިއަށް އޮތްތަނުގައި ހާލަތު އިތުރަށް ގޯސް ވެދާނެ ކަމަށް ތައްޔާރުވުމަށް ސަރުކާރުތަކުން އިންޒާރު ދީފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އާބާދީ ބޮޑު ބައްރުގައި އާދަޔާ ހިލާފަށް ހޫނު ގަދަވުމާއި ރެކޯޑު މިންވަރަށް ވާރޭ ވެހި ފެންބޮޑުވެފައިވާއިރު، ކުރިއަށް އޮތްތަނުގައި ހާލަތު އިތުރަށް ގޯސް ވެދާނެ ކަމަށް ތައްޔާރުވުމަށް ސަރުކާރުތަކުން އިންޒާރު ދީފި އެވެ.

މި މަހު ބޯކޮށް ވާރޭވެހި ޖަޕާނާއި ޗައިނާ އާއި ދެކުނު ކޮރެއާ އަދި އިންޑިއާގެ ބައެއް ހިސާބުތަކަށް ފެންބޮޑުވެ، އެތައް މިލިއަން ބައެއްގެ ފުރާނަ ގެއްލި، ބިންހެލުމާއި ކަރަންޓް ކެނޑިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ރެކޯޑް ފިނިހޫނުމިންތަކުގެ ސަބަބުން ހޫނު ގަދަވުމާ ގުޅުން ހުރި ބަލިތައް ވެސް އިތުރުވެ، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް އޮތް ނުރައްކާ ވަނީ އިތުރުވެފަ އެވެ.

ހޮނިހިރު ދުވަހު ދެކުނު ކޮރެއާގެ ޗެއޮންގްޖޫ ސިޓީގައި ކޯރެއް ބަންޑުންވެ، ވެހިކަލް ދަތުރުކުރާ އަންޑަޕާސްއެއްގައި ފެންބޮޑުވެ، ޕަބްލިކް ބަހަކާ އެކު އުޅަނދުތައް ތާށިވެ، 13 މީހުން ވަނީ މަރުވެފަ އެވެ.

ދެކުނު ކޮރެއާގެ ބައެއް ސަރަހަހައްދުތަކުގައި އާދަޔާޚިލާފަށް ވާރާވެހި ފެންބޮޑުވުމުގެ ސަބަބުން، ފާއިތުވި ދުވަސްތަކުގައި 41 މީހަކު މަރުވެފައިވާއިރު، އިތުރު އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ވަގުތީ ހިޔާވަހިކަމެއް ހޯދަން ޖެހިފައި ވެ އެވެ.

ޖަޕާނުގެ ހުޅަނގު ދެކުނުގެ ސަރަހައްދުތަކުގައި ފެންބޮޑުވެ، މިހާތަނަށް ހަ މީހަކު މަރުވެފައިވާއިރު، އެތައް ބަޔަކު ވަނީ ގެއްލިފަ އެވެ.

"ކުރިން ދުވަހަކު ވެސް ނުވެހޭ ވަރަށް ވާރޭ ވެހެމުން އެބަދޭ،" ގެލުން ލިބުނު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން އިތުރަށް ސަމާލުވުމަށް ޖަޕާނުގެ މޫސުމާ ބެހޭ އިދާރާގެ ތަރުޖަމާނަކު ނެރުނު ބަޔާނެއްގައި އިލްތިމާސްކޮށްފައި ވެ އެވެ.

އިންޑިއާގައި ވެސް މި މަހުގެ 10 ވަނަ ދުވަހަކީ ފާއިތުވި 40 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނު ދުވަސް ކަމަށް އިދާރާތަކުން ވަނީ ބުނެފަ އެވެ. ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ސްކޫލްތައް ބަންދުކުރަންޖެހި، ގިނަ ބަޔެއްގެ ގެދޮރަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.

އޭޝިއާގެ ގައުމުތަކުގެ ބައެއް ސަރަހައްދުތަކަށް ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާ ކުރިމަތިލާން ޖެހިފައިވާއިރު، އަނެއްބައި ސަރަހައްދުތަކަށް ކުރިމަތިވެފައި ވަނީ ގަދަ ހޫނެވެ.

މިދިޔަ ހޯމަ ދުވަހު ޗައިނާގެ އިރުއުތުރުގެ މޫސުމާ ބެހޭ ސްޓޭޝަނެއްގައި ރެކޯޑް އަދަދަކަށް ހޫނުމިން 52.2 ޑިގްރީ ސެލްސިއަސް (125 ފެރެންހައިޓް) އަށް އަރާފައިވާއިރު، ޖަޕާނުގެ ފިނިހޫނުމިން ވަނީ 39.7 ޑިގްރީ ސެލްސިއަސް (103 ފެރެންހައިޓް) އަށް މައްޗަށް ގޮސްފަ އެވެ.

އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް އަވަސްވަމުންދާ ވަރަކަށް މޫސުމާ ގުޅުންހުރި ހާދިސާތައް ގިނަވެ، ބާރުގަދަކަން އިތުރުވާނެ ކަމަށް ސައިންސްވެރިން ވަނީ އިންޒާރު ދީފަ އެވެ.

ގާތްގަނޑަކަށް 4.4 ބިލިއަން މީހުން ދިރިއުޅޭ އޭޝިޔާ އަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނެ ބައްރު ކަމަށް ކަމާގުޅޭ މާހިރުން ބުނެ އެވެ.