Roadha Mihaaru
މަތިވެރި ފިނޮޅުގެ ބަދަލުގައި ޖާބިރަށް ފަޅެއް ދީފި

މަތިވެރި ފިނޮޅުގެ ބަދަލުގައި ޖާބިރަށް ފަޅެއް ދީފި

14 ޖުލައި 2023

އއ. މަތިވެރި ފިނޮޅުގެ ބަދަލުގައި މާލެ އަތޮޅުގެ ފަޅެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ސަރުކާރުން ދޫކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

އއ. މަތިވެރި ފިނޮޅުގެ ބަދަލުގައި މާލެ އަތޮޅުގެ ފަޅެއް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ސަރުކާރުން ދޫކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އިންޓަނޭޝަލް ޓްރެވެލް ކޮންސަލްޓޭޝަން ކުންފުންޏަށް މާލެ އަތޮޅުން ފަޅެއް އެ މިނިސްޓްރީން ވަނީ ދޫކޮށްފަ އެވެ. އެ ފަޅު ދޫކޮށްފައިވަނީ މަތިވެރި ފިނޮޅުގެ ބަދަލުގައި ކަން ކަށަވަރުކޮށްދެއްވި އެވެ.

އިންޓަނޭޝަލް ޓްރެވެލް ކޮންސަލްޓޭޝަން ކުންފުނީގެ މިހާރުގެ ހިއްސާދާރުންނަކީ މެންބަރު ޖާބިރުގެ އިތުރުން އޭނާގެ ދަރިކަލުން މުހައްމަދު ޖާބިރެވެ. އެ ކުންފުންޏަށް ފަޅު ދޫކޮށްފައިވަނީ، އެނގިފައިވާ ގޮތުގައި މީގެ ހަފުތާއެއް ކުރިންނެވެ.

މަތިވެރި ފިނޮޅުގެ ބަދަލުގައި މާލެ އަތޮޅުގެ ފަޅެއް ޖާބިރަށް ދޫކުރީ، އެ ފިނޮޅު ސަރުކާރުގެ ބޭނުމަކަށް ނަގަން ޖެހިގެން ކަމަށް ބުނެ އެވެ. އެ ފިނޮޅަކީ މަތިވެރި ފަޅު ތެރޭ އޮންނަ ކުޑަ ފިނޮޅެކެވެ. މަތިވެރި ކައުންސިލުން ވަނީ އެ ފިނޮޅު، ރަށުގެ އިހްތިސޯސް ތެރޭގައި ހިމަނައިދިނުމަށް އެދިފަ އެވެ.

މަތިވެރި ފިނޮޅުގެ ބަދަލުގައި ޖާބިރަށް ދޫކުރި ފަޅަކީ ގާފަރު ކައިރީގައި އޮތް ފަޅެކެވެ.

މާލެ އަތޮޅުން ފަޅެއް ޖާބިރަށް ދޫކޮށްފައިވާއިރު މިފަހުން އޭނާ ވަނީ ސަރުކާރު ހިންގާ، އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އަދި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގައި އިސްކޮށް އޭނާ ދަނީ ހަރަކާތްތެރިވަމުންނެވެ.

މަތިވެރި ފިނޮޅު ނަގަންް ސަރުކާރުން ނިންމާފައިވާއިރު، އެ ތަނުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއު މީގެކުރިން ޖާބިރު އިއުލާންކުރެއްވި އެވެ. އެތަނުގައި ތަރައްގީކުރަން އޭރު ނިންމީ 100 ކޮޓަރީގެ ރިސޯޓެކެވެ.

އެ ފިނޮޅު ޖާބިރު ހޯއްދެވީ އެތަން ކުއްޔަށް ދޫކޮށްފައި އޮތް އިންޓަނޭޝަލް ޓްރެވެލް ކޮންސަލްޓޭޝަން ކުންފުނީގެ ހުރިހާ ހިއްސާ ބައްލަވައިގަނެގެންނެވެ.