Roadha Mihaaru
ޖާބިރު އެމްޑީޕީއަށް، ވިދާޅުވީ ކާމިޔާބުވާނެ ކަަމަށް

ޖާބިރު އަލުން އެމްޑީޕީއަށް، ވިދާޅުވީ ދެވަނަ ދައުރު ކަށަވަރު ކަމަށް

25 ޖޫން 2023

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފި އެވެ.

އަލުން އެމްޑީޕީއާ އޭނާ ގުޅިވަޑައިގަތީ ސޯލްޓް ކެފޭގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާގެ ފޯމާ ހަވާލުވެވަޑައިގަތީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ވިދާޅުވި ގޮތުގައި ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ އެ ޕާޓީއަށް ލިބުނު ކުރިއެރުމެކެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ޖާބިރުގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށާއި އޭނާއަކީ ޒުވާނުންގެ ލީޑަރެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑަށް 100 ޕަސެންޓް ޔަގީން މި އިންތިހާބު [ރައީސަށް] ކާމިޔާބުވާނެ ކަމަށް. އަޅުގަނޑުގެ ފުލް ކެޕޭސިޓީގައި މަސައްކަތް ކުރާނަން. -- ޖާބިރު

އޭނާ ސޮއިކުރެއްވުމާ އެކު މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު 54 އަށް އެރީ އެވެ.

ޖާބިރުއާ އެކު ރައީސް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޖާބިރުއާ އެކު ރައީސް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"އަޅުގަނޑު ހުރީ އެމްޑީޕީގައި. އޭރުގައި އަޅުގަނޑު އެމްޑީޕީގައި ހުރުމަށް ނޭދުނު މީހުން މިހާރު އެމްޑީޕީގައި ނެތް. ދެން އަޅުގަނޑު ހޮވަން ބޭނުންވަނީ ރާއްޖޭގެ ރައީސަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ވާތީ އެ ޕްލެޓްފޯމުގައި މަސައްކަތްކުރަން އަނބުރާ މިއައީ،" ސޮއި ކުރެއްވުމަށް ފަހު ޖާބިރު ވިދާޅުވި އެވެ.

"އަޅުގަނޑަށް 100 ޕަސެންޓް ޔަގީން މި އިންތިހާބު [ރައީސަށް] ކާމިޔާބުވާނެ ކަމަށް. އަޅުގަނޑުގެ ފުލް ކެޕޭސިޓީގައި މަސައްކަތް ކުރާނަން."

އޭނާ ވިދާޅުވީ މި ވެރިކަމުގައި ރާއްޖެއަށް ތަރައްގީ ގެނެސްދީފި ކަމަށެވެ. ކޮންމެ ރަށަކީ މިހާރު ރިސޯޓެއް ކަމަށާއި ރައްޔިތުންގެ ތާއީދު އޮންނާނީ ރަށްތައް ފައިވް ސްޓާ ފެންވަރުކޮށްދިން ވެރިޔަކަށް ކަމަށް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު އެމްޑީޕީއާ މި ގުޅިވަޑައިގަތީ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން ޑިއާރުޕީ އުވާލުމުން ގްރީން ޕާޓީގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތުގައި އުޅުއްވުމަށް ފަހު އެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދަ ޖާބިރަށް ދީފައި ވިޔަސް ރަޖިސްޓްރީކުރަން ހުށަނާޅުއްވަ އެވެ.

ޖާބިރު، ރައީސްއާ ފޯމު ހަވާލުކުރައްވާ އިރު ޗެއާޕާސަން ފައްޔާޒް އަރިހުގައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޖާބިރު، ރައީސްއާ ފޯމު ހަވާލުކުރައްވާ އިރު ޗެއާޕާސަން ފައްޔާޒް އަރިހުގައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެމްޑީޕީއާ ޖާބިރު ގުޅިވަޑައިގަތުމުގެ ދައުވަތު މި ފަހުން ދެއްވީ އެ ޕާޓީގެ ޗެއާޕާސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. އެ ޕާޓީން ވަކިވެ ޑިމޮކްރެޓްސް އުފައްދަވާ މެމްބަރުންގެ ފާޑުވިދާޅުވުމުގެ ތެރެއިން އެމްޑީޕީ ދެން ހިންގަވާނީ ޖާބިރު ކަަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެފައިވެ އެވެ.

އެމްޑީޕީ އަށް ފާޑުވިދާޅުވެ މިގޮތަށް އީވާ ވިދާޅުވުމުން ފައްޔާޒް ވިދާޅުވީ "ޖެން ޒީ އޮތީ ޗެއާމަން ޖާބިރާ އެކުގައި" ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީން އެންމެންނަށް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި ކޮންމެ ރަށެއްގެ އަދި ކޮންމެ އާއިލާއެއްގެ މީހަކަށް ވިޔަސް އެންމެ މަތީ މަގާމަށް ދެވޭނެކަން އެ ޕާޓީން ކަށަވަރުކުރާނެ ކަމަށް، އީވާއަށް ރައްދު ދެއްވައި ފައްޔާޒު ވިދާޅުވެފައިވެ އެވެ.