Roadha Mihaaru
ޣިޔާސުއްދީން ސްކޫލުގެ ފީ ބޮޑުކޮށްފި

ޣިޔާސުއްދީން ސްކޫލުގެ ފީ ބޮޑުކޮށްފި

12 ޖުލައި 2023

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ދަރިވަރުންގެ އަތުން ނަގާ ފީ ބޮޑުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ދަރިވަރުންގެ އަތުން ނަގާ ފީ ބޮޑުކޮށްފި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވީ ކޮވިޑު-19 ގެ ބަލިމަޑުކަމަށް ފަހު އެ ސްކޫލު ހިންގަމުން ދިޔައީ ގެއްލުމުގައި ކަމަށެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި ޓީޗަރުންގެ މުސާރަ 20 ޕަސެންޓާ ހަމައަށް ބޮޑުކުރުމުން ދަތިތަކެއް ކުރިމަތިވި ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ މަހު ފަށާ ދިރާސީ އާ އަހަރާ އެކު ދަރިވަރުންގެ ފީ ބޮޑުވާނެކަން ބެލެނިވެރިންނަށް ވަނީ އަންގައިފަ އެވެ. މުސްތަފާ ވިދާޅުވީ ހުރިހާ ގްރޭޑަކުން ވެސް އެކި ވަރަށް ބޮޑުކޮށްފައިވާއިރު، އެންމެ ބޮޑަށް އިތުރުކޮށްފައިވަނީ 5.5 ޕަސެންޓެވެ.

މިދިޔަ އަހަރު ވެސް އެ ސްކޫލުގެ ފީ ބޮޑުކުރި އެވެ. ނަމަވެސް، އޭރު އެންމެ ބޮޑު ބަދަލެއް އައި ގްރޭޑު 2 ގެ ފީއަށް އިތުރުވީ 297ރ. އެވެ.

ގްރޭޑު 1-2: 3،927ރ. އިން 4،143ރ. އަށް

ގްރޭޑު 3-7: 3،812ރ. އިން 4،143ރ. އަށް

ގްރޭޑު 8-10: 5،565ރ. އިން 5،871ރ. އަށް

"ގެއްލުންތަކުގައި ހިންގަމުން އައިސް ޖީއެސްޓީ ބޮޑުކުރުމުން ފުދޭ ވަރަކަށް ގިނަ ކަންކަން ބެއާ ކުރަން ޖެހުނު. އެ ގެއްލުން ފޫ ނުބެއްދިގެން ފީ ބޮޑުކުރަން މި ނިންމީ." މުސްތަފާ ވިދާޅުވި އެވެ.

ފީ ބޮޑުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސްކޫލަށް ހުއްދަ ދީފަ އެވެ.

ސަރުކާރު ސްކޫލުތަކުގެ ޓީޗަރުންގެ މުސާރަ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ބޮޑުކުރުމުން އަމިއްލަ ބައެއް ސްކޫލުތަކުން ވެސް ދަރިވަރުންގެ ފީ ބޮޑުކުރުމަށްފަހު އެ ތަންތަނުގެ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފަ އެވެ.